ޑާކް ރެއިން އެންޓަޓެއިންމެންޓުގެ ބިރުވެރި ފިލްމު ”ބަޅިނދު“ގެ ކާސްޓަށް ބޮޑު ބަދަލެއް ގެނެސް އަލުން ޝޫޓިން ފެށިތާ ދުވަސްކޮޅެއް ވެފައިވާއިރު، އެ ފިލްމާ ގުޅޭ ތަފާތު ޕޯސްޓެއް ޑާކް ރެއިނުން ވަނީ ކޮށްފައެވެ. ފުލުފުލުގައި ހެން ދެތިން ފޮޓޯއަކާ އެކު ލިޔެފައިވާ އިބާރާތްކޮޅާމެދު ދެތިން ފަހަރަކު ވިސްނައިލެވުނުއިރުވެސް، ފޮޓޯއިން އެ ފެންނަ މުސްކުޅި އަންހެނަކީ ކާކުކަން ހަމަ އެއްގޮތަކަށް ވެސް ފާހަގައެއް ނުކުރެވުނެވެ.

“ބައެއް ސިއްރުތަކަކީ ތިބާގެ ކިބައިންނާއި ތިބާއަށް ފޮރުވާފައި ހުންނަން ޖެހޭ ސިއްރުތަކެއް. އެމީހުންގެ ސިއްރުގައި ހިއްސާވާން ތިބާ ބޭނުންތަ؟ #ބަޅިނދު 2021″ މިއީ މިއަދު ޑާކް ރެއިން އިން ހިއްސާކުރި ފޮޓޯތަކާާއެކު ހިމަނާފައިވާ ލިޔުންކޮޅުގެ ޖުމްލަ މާނައެވެ. މި ލިޔުންކޮޅާމެދު ވިސްނައިލައި ފޮޓޯއަށް ރަނގަޅަށް ބަލައިލުމާއެކު ލިބުނީ ހައިރާން ކަމެކެވެ. ފޮޓޯއިން ފެންނަން މުސްކުޅި އަންހެން މީހާއަކީ ކާކުކަން ރޭކައިލާވަރު ވެއްޖެއެވެ.

ފިލްމު “ބަޅިނދު”ގެ މަންޒަރެއްގައި ޝަކީލާ – ފޮޓޯ: ޑީއާރްއީ

“މިއީ މޭކަޕެއް ނަމަ، މިއީ އަނެއްކާވެސް އެރުނު އެހެން ހަރުފަތެއް. ސިނަމޮޓޮގްރަފީއަށް ތަޢުރީފުކުރަން. މިއީ ޑާކް ރެއިން އެންޓަޓެއިންމެންޓާއި ޓީމު ”ބަޅިނދު“ގެ މޮޅު މަސައްކަތެއް.” ޑާކް ރެއިން އިން އާާއްމުކުރި ފޮޓޯތަކަށް ތަޢުރީފު ކުރަމުން ފޭސްބްކްގައި މީހަކު ލިޔެފައިވާ އިބާރާތުގެ ޖުމްލަ މާނައިގައިވެއެވެ.

މިއީ ހަމަ ހަޤީޤަތުގައި ވެސް ތަޢުރީފު ޙައްޤު މޮޅު މަސައްކަތެކެވެ. އެކްޓްރެސް މަރިޔަމް ޝަކީލާ އާދަމް (ޝަކިއްތަ) އަކީ ކާކުކަން ނުވެސް އެނގޭހައި މޮޅަށް ޝަކިއްތަގެ ސިފަ މިވަނީ މުސްކުޅިކޮށްލާފައެވެ. އިހުގެ އެނދެއްގައި އޮތް ބަލި އަންހެނެއްގެ ކެރެކްޓަރ މި ފޮޓޯތަކުން އެކަނިވެސް ސިފަކުރެވެއެވެ.

މުނިއަވަސް އަށް އެނގިފައިވާ ގޮތުން ފިލްމު ”ބަޅިނދު“ގައި މޭކަޕް މަސައްކަތް ކުރަނީ ފިލްމީ ތަރި އިސްމާޢީލް ޖުމައިހް އެވެ. އެހެން ނަމަވެސް މި ފޮޓޯއިން މި ފެންނަ މުސްކުޅި އަދި ބަލި ޝަކީލާ ގެނެސްދީފައި މިވަނީ ޒުވާން އަންހެން މޭކަޕް އާޓިސްޓެއް ކަމަށްވާ ޝިޒޫ ކަމަށް މަޢުލޫމާތު ލިބެއެވެ. ޝަކިއްތަ އޮތް އިހުގެ އެނދާއި، އިހުގެ އެ އެތެރެގެއެއް ގޮތަށް ސިފަވާ ކޮޓަރި ފަރުމާކޮށް އުފެއްދީ ޖުމައިހް ކަމަށް ވެސް އެނގިފައިވެއެވެ.

ފިލްމު “ބަޅިނދު”ގެ މަންޒަރެއްގައި ޝަކީލާ – ފޮޓޯ: ޑީއާރްއީ

ބޭރު ގަޢުމަކުން މޭކަޕްގެ ރޮނގުން މަތީ ތަޢުލީމާއި ތަމްރީނު ހޯދާފައިވާ ޝިޒޫގެ މަސައްކަތަށް ތަޢުރީފް ޙައްޤެވެ. މިވަރު މިފަދަ މޭކަޕެއް މީގެ ކުރިން ދިވެހި ފިލްމެއްގައި ހިމެނިފައިވާ ވުމަކީވެސް ހަމަ ނާދިރު ކަމެއް ކަމަށް މަޢުލޫމާތު ލިބެއެވެ. މި ފިލްމުގައި ޝިޒޫގެ މިފަދަ މޮޅު މޭކަޕްތައް އިތުރަށްވެސް ހުންނާނެ ކަމަށް މުނިއަވަސް އަށް ވަނީ އެނގިފައެވެ. ހަމަ ގައިމުވެސް މި މޭކަޕް ފެނިފައި ތަލިން ކުޅު ނުހިކޭ ވަރެއް ނޫނެވެ.

ފިލްމު “ބަޅިނދު”ގެ މަންޒަރެއްގައި ޝަކީލާ – ފޮޓޯ: ޑީއާރްއީ

2021 ގައި ރިލީޒްކުރުމަށް އަމާޒު ހިފާފައިވާ ”ބަޅިނދު“ގެ މެއިން ކާސްޓުންގެ ގޮތުގައި ފެނިގެންދާނީ ޢަލީ އާޒިމް (ދޮން އައްޔަ)، އިސްމާޢީލް ޖުމައިހް (ޖުމާ)، އައިމިނަތު ރަޝްފާ (އާޝާ)، މަރްޔަމް މަޖުދާ (މަޖޫ)، އައިޝާ، ޝަރަފް ޢަބްދުﷲ، ނުޒުހަތު ޝުޢައިބް (ނުޒޫ)ގެ އިތުރުން ހުނޭޝާ އާދަމް ނަސީރު އެވެ.

ފިލްމު ”ބަޅިނދު“ ގެ ސްކްރީންޕްލޭ ލިޔުނީ ހޫދު އިބްރާހިމް އެވެ. ޑައިރެކްޓްކުރަނީ އަޙްމަދު ޝިނާނު އެވެ. މި ފިލްމުގެ ވެސް ޕްރޮޑިއުސަރުންނަކީ މުހައްމަދު އަލީ (މޮގާ) އާއި އާއިޝަތު ފުއާދު ތައުފީގެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.