ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރު ލީޑުން އެންމެ އަވަހަށް ފެނިގެންދާނެ ފިލްމު “ލަކްޝީ ބޮމް”ގެ ނަން “ލަކްޝްމީ” އަށް ބަދަލުކޮށްފި އެވެ.
ފިލްމުގެ ނަން ބަދަލުކުރީ އެ ފިލްމުގެ ނަމާމެދު ހިތްހަމަނުޖެހިގެން އިންޑިއާގެ ބައެއް ރައްޔިތުން މުޒާހަރާކޮށް އެ މައްސަލަ ކޯޓަށް ވެއްދުމާ ގުޅިގެންނެވެ. އެ ނަމާމެދު ހިތްހަމަނުޖެހުން ފާޅުކުރީ ހިންދޫންނެވެ. ހިންދޫން ބުނަނީ އެ ނަމަކީ އެ މީހުން އަޅުކަން ކުރާ ބުދަކަށް މަލާމާތް ރައްދުވާގޮތަށް ދީފައިވާ ނަމެއް ކަމަށެވެ. ފިލްމުގެ ޓްރެއިލާ ރިލީޒްކުރީއްސުރެ އެ ފިލްމު ބޮއިކޮޮޓް ކުރުމަށް ގޮވައިލާ އެތަކެއް ފިއްތުންތަކެއް ކުރިމަތިކުރުވަމުން ދިޔައެވެ.
އަކްޝޭ އާއި ކިއާރާ އަދްވާނީ ލީޑުން ފެނިގެންދާ ބިރުވެރި ކޮމެޑީ ”ލަކްޝްމީ“ ރިލީޒްކުރަން ނިންމާފައި ވަނީ މިއަހަރު ނޮވެމްބަރު 09 ވަނަ ދުވަހުއެވެ.
މި ފިލްމުން ފެނިގެންދާނީ އަންހެނެއްގެ ރޫޙެއް އަކްޝޭގެ ހަށިގަނޑަށް ވަދެގެން ކުރިމަތިވާ ވާކަންތައްތަކެވެ.
ޓްރެއިލާ އިން ފެންނަގޮތުން އަކްޝޭގެ ގަޔަށް ރޫހެއް ވަނުމުގެ ކުރިން އޭނާ ބެޓެއް ކުރެއެވެ. އެ ބެޓްގައި އޭނާ ބުނަނީ ތިމަންނައަށް ރޫހެއް ފެންނަ ދުވަހަކުން އަތުގައި ތަނޑިއަޅާނެ ކަމަށެވެ. އެހެންކަމުން އަކްޝޭގެ ގަޔަށް ރޫހް ވަނުމަށްފަހު އަކްޝޭގެ ކެރެކްޓާ އަންހެން ކެރެކްޓާ އަކަށް ބަދަލުވެއެވެ. އަތުގައި ތަނޑިއަޅައި ސާޅީ އަޅައެވެ.
