އިހުގެ ނާނާތަކާއި ފަރިއްސާއި ޅެމަކީ ދިވެހި އަދީބުންގެ ހުނަރުވެރިކަން ޒަމާންތަކަކަށް ދެމިގެން ދިއުމަށް މުހިންމު ދައުރެއް އަދާކުރާނެ އެއްޗެކެވެ. މީގެ ހެއްކެއްގެ ގޮތުން އިހުގައި ކިޔާ އުޅުނު ބައެއް ބަނދިތަކުގެ ތެރެއިން ކުދީން ލޮއްސުމަށާއި ފޫހިފިލުވުމަށް ކިޔައި އުޅު ބަންޖެއް ކަމަށްވާ ‘މާކަނަޔޯ ޑިނގާރަޔޯ، މަތިންދަމުން ބަޑިޖެއްސޯ’ އަކީ އޭރުވެސް، އަދި މިހާރުވެސް ‘ހިޓް’ ބަންޖެކެވެ.

ޒަމާނީ ސްޓައިލަކަށް ‘މާކަނަޔޯ ޑިނގާރަޔޯ’ ބަދަލުކޮށްލައި، ލަވައެއްގެ ސިފައިގައި އަޑުއަހައިލަން ވަރަށް ހިތްގައިމު ވާނެދޯ އެވެ. ވަކިން ޚާއްޞަކޮށް ޒަމާނުގެ ޒުވާން ޖީލަށް ކަމުދާ ‘ރޮކް ސްޓައިލް’ގައި މި ބަނދި ވަރަށް ފައްކާވާނެއެވެ. ރާއްޖޭގެ މިއުޒިކް ބޭންޑުތަކުގެ ތެރެއިން ‘ސްކައިރޮކް’ ބޭންޑުން މިވަނީ މި ބަނދީގެ މައިގަނޑު ހިމަނައިގެން ތަފާތު ސްޓައިލެއްގައި، ވަރަށް ހިތްގައިމު ލަވައެއް ގެނެސްދީފައެވެ.

ސްކައިރޮކްގެ ‘މާކަނަޔޯ’ އަކީ ކަވަރ އެކެވެ. ލަވައިގެ އޮރިޖިނަލް މިއުޒިކްގެ ކްރެޑިޓް ދަނީ ‘ޓާރޓްލް ތިއަރީ’ އަށެވެ. މިއީ މީގެ 08 އަހަރު ކުރިން ޓާރޓްލް ތިއަރީން ގެނެސްދިން ލަވައެއްގެ ކަވަރ އެކެވެ.

ލަވަ ކިޔާފައިވަނީ އަބްދުﷲ ފަރްހާން (ފައްފު) އެވެ. ބެކިން ވޯކަލްސްގައި މީރާ މާޖިދު ހަރަކާތްތެރިވެއެވެ. ލަވައިގެ ގިޓާ ކުޅުމުގައި ވެސް ފައްފު ހަރަކާތްތެރިވެއެވެ. ކީޒް އަދި ބެކިން ވޯކަލްގައި ހުސައިން ހިއްސާވެއެވެ. ބޭސްގައި އިނާން، ލީޑް ގިޓާގައި ޒަޔާން އަދި ޑްރަމްސް އާއި ޕާރކަޝަންގައި ފައިޒާން ހަރަކާތްތެރިވެއެވެ.

ލަވައިގެ މިކްސިން އާއި މާސްޓަރިން ހެދީ ހުސައިން އެވެ. ވީޑިއޯ މަސައްކަތްކުރީ ނާޝިއު އެވެ.

މާކަނަޔޯ ބަނދި

މާކަނަޔޯ ޑިނގާރަޔޯ، މަތިންދަމުން ބަޑިޖެއްސޯ
ތަކަފަލަގޭ ދޮރުމައްޗަށް، އަރާރުން ހަދައިލައިފައި
ގޮސްއެއިނީ އަތިރީއޭ، އަތިރީ ތިންމަސްދުވަހޭ
އެއްގަމު ތިންމަސްދުވަހޭ، ކަނަޔަކަށް ހަމަސްދުވަހޭ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.