ފިލްމީ އުފެއްދުންތަކުގެ ކެމެރާގެ ފުރަގަހުގެ އެތައް މަސައްކަތެއް ކުރަމުން އަންނަ އެކްޓަރ އަޙްމަދު ޒިޔާޢު (ޒިޔާ) އާއި ހިތްގައިމު ހިނިތުންވުމަކުން އަބަދުވެސް މަރުޙަބާ ކިޔާ ހުނަރުވެރި އެކްޓްރެސް ނާޝިދާ މުޙައްމަދު (ނާއްކޮ) މި ދުވަސްވަރު ތިބީ ލޯބީގެ މޫޑެއްގައެވެ. ދެމީހުން އެކަކު އަނެކަކަށް ބުނަމުން، ވަޢުދުވަމުން ދަނީ “ލޯބި ދޭނަން ޔަޤީން” މިހެންނެވެ.

ޒިޔާގެ ‘ސިޒާރސް ޕްރޮޑަކްޝަން’ގެ ލޭބަލްގައި ޢަލީ ރަޝީދު (ގޮޅާ އައްޔަ) ކެމެރާކޮށް ޕޯސްޓްޕްރޮޑަކްޝަން ހަދާ ހިތްގައިމު ލޯބީގެ ލަވަ “ލޯބި ދޭނަން ޔަޤީން”ގެ ހުރިހައި މަސައްކަތެއް މިހާރު ވަނީ އެއްކޮށް ނިމިފައެވެ.

މި ލަވައިގެ ކޮންސެޕްޓާ ބެހޭގޮތުން ޒިޔާ ބުނީ ލަވައިގައި ލަވައިގެ ސްޓޯރީގައި ފެނިގެންދާނީ ރާއްޖޭގެ ނަން މަޝްހޫރު ފެން ކުންފުޏެއް ކަމަށްވާ ‘ތާޒާ އައިލެންޑް ބެވަރެޖެސް ޕްރައިވެޓް ލިމިޓެޑް’ގައި ފެން ޑެލިވަރީ ކުރާ ކުއްޖެއް ނާއްކޮގެ ގެއަށް ފެން ޑެލިވަރކުރުމުގައި ދިމާވެ، ލޯބިވެވިގެން ކުރިއަށްދާ ވަރަށް ޝައުޤުވެރި ލޯބީގެ ކޮންސެޕްޓެއް ކަމަށެވެ.

“ލޯބި ދޭނަން ޔަޤީން” އަކީ ފަރޭ އާއި ނިޝް ކިޔާފައިވާ ލަވައެކެވެ. ލަވައިގެ ޑައިރެކްޝަން އަދި އެޑިޓިން ހެދީ ޢަލީ ރަޝީދެވެ.

ވީޑިއޯ ލަވަ “ލޯބި ދޭނަން ޔަޤީން” ޝޫޓް ތެރެއިން

މިި ހަފުތާ ތެރޭގައި މި ލަވަ ޗެނަލްތަކުން ރިލީޒްކުރުމަށް ދޫކޮށްލާނެ ކަމަށާ ރާއްޖޭގެ ހުރިހައި ޗެނަލަކަށް “ލޯބި ދޭނަން ޔަޤީން” ދޭނެ ކަމުގެ ޔަޤީންކަން އައްޔަ ދެއެވެ. މީގެ އިތުރުން މީސް މީޑިއާގައި ވެސް މި ލަވަ ރިލީޒްކުރާނެއެވެ.

މީގެ ދުވަސްކޮޅެއް ކުރިން ޢަލީ ރަޝީދު (ގޮޅާ އައްޔަ) އާއި ޒިޔާ ވަނީ ޢަލީ ރަމީޒުގެ “ޔާރު ތިއޭ މިހިތުގެ ޝިފާ” އަށް މަޝްހޫރު ބަޠަލާ ޢާމިރާ އިސްމާޢީލްގެ ކަމްބެކް ލަވައެއްގެ ގޮތުގައި ވީޑިއޯ ލަވައެއް ތައްޔާރުކޮށްފައެވެ. މި ލަވަ އަންނަ ހަފުތާ އާދީއްތަ ދުވަހުގެ ރޭ ޓީވީއެމް ފިލްމީ އުދަރެސް ޕްރޮގްރާމުގައި ރިލީޒްކުރުމަށް ނިންމާފައިވާކަމަށް މުނިއަވަސް އަށް ޢަލީ ރަޝީދު (ގޮޅާ އައްޔަ) ބުންޏެވެ.

“ޔާރު ތިއޭ މިހިތުގެ ޝިފާ” އަކީ ޢަލީ ރަޝީދު (ގޮޅާ އައްޔަ)ގެ އަމިއްލަ ޕްްރޮޑަކްޝަން ހައުސް ’ބްލޫ ވޭވް އެންޓަޓެއިންމެންޓް‘ އާއި ’ޔޫއްޕެ ޕްރޮޑަކްޝަން‘ ގުޅިގެން އުފެއްދި ލަވައެކެވެ.

މީގެ ކުރިން ގޮޅާ އައްޔަ އުފައްދާފައިވާ ވީޑިއޯ ލަވަތަކަކީ މިއަދުވެސް ދިވެހިންގެ ތެރޭގައި އެންމެ މަޤުބޫލު ވީޑިއޯ ލަވަ ލިސްޓުގައި ހިމެނޭ ލަވަތަކެއްކަން ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.