ކޮވިޑް-19ގެ ލޮކްޑައުން، ނިއު ނޯރމަލް އަދި މާލޭ ސިޓީއަށް މި ބަލީގެ އައުޓްބްރޭކެއް ފެތުރުމުން ދެން ކަންތައްތައް ވެގެންދާނެ ގޮތް ތިން މީހުންގެ ނަޒަރުން ދައްކުވައިދޭ ފިލްމު “ތަދު” މިއީ ހަމަ ކޮންމެހެންވެސް ބަލައިލަން ޖެހޭ ތަފާތު އުފެއްދުމެކެވެ.

ރަވީ ފާރޫޤް، ރިޝްމީ ރަމީޒް ލީޑުން ފެނިގެންދާ މި ފިލްމު ވަނީ ތިން އެޕިޑްގެ ގޮތުގައި ބައިސްކޯފުން ގެނެސްދީފަ އެވެ. ފުރަތަމަ އެޕިސޯޑު ފެށިގެންދަނީ އަޙްމަދު (ރަވީ) އާއި އައިޝާ (ރިޝްމީ)ގެ ދިރިއުޅުން، ކޮވިޑް ފެށުމުގެ ކުރިން ގޮސްފައިވާ ހިސާބު، ރަވީ ކިޔައިދެމުން އަންނަ ހިސާބުންނެވެ. އެއަށްފަހު ކޮވިޑްގެ ލޮކްޑައުންގައި ދެމީހުންގެ ގުޅުން އަނެއްކާވެސް ރަނގަޅުވެ، އެމީހުންގެ ކުޑަކުޑަ ދަރިފުޅު ސާރާ އާއެކު ވަގުތުތައް ހޭދަކުރަމުން އަންނަތަން ފެނިގެންދެއެވެ.

މި ފިލްމުގައި ރަވީގެ މަންމަ އާއި ބައްޕަގެ ގޮތުގައި ރަވީގެ އަސްލު މަންމަ މަރިޔަމް ހަލީމް އާއި ބައްޕަ އަލީ ފާރޫގް ވެސް ފެނިގެން ދެއެވެ. މީގެ އިތުރުން އައިޝަތު ޢަލީ ވެސް ފެނިގެންދެއެވެ. އޭނާ ފެނިގެންދަނީ ރަވީގެ މަންމައާއި ބައްޕަގެ ދަރިއެއްގެ ކެރެކްޓަރއެވެ. ކޮވިޑް-19 އާގުޅިގެން ޕެނިކް އެޓޭކް ޖެހިފައިވާ މީހެއްގެ ރޯލު ދައްކުވައިދެއެވެ.

ނިއު ނޯރމަލް އަށްފަހު ކަންތައްތައް ހަމައަކަށް އެޅޭނެ ކަމަށް ހީކޮށްގެން ހުއްޓާ އަޙްމަދުގެ ހަޔާތަށް ކުރިމަތިވަނީ ހީވެސް ނުކުރާފަދަ ކަންތައްގަނޑެ ކޮވިޑް-19 އާމެދު ފަރުވާކުޑަކޮށްލެވުމުން އަޙްމަދުގެ ހަޔާތަށް ކުރިމަތިވާާ ހިތްދަތި ބަދަލުތައް ވަރަށް އަސަރާާއެކު ފެނިގެންދެއެވެ. މި ފިލްމުގައި ކޮވިޑް-19ގެ ޝިކާރައަކަށް ވުމުން ދެން ކަންތައްތައް ކުރިމަތިވެގެންދާ ގޮތްތައް ވަރަށް ރަނގަޅަށް ފެނިގެންދެއެވެ.

މި ފިލްމުގައި ނަތާޝާ ޖަލީލް ފެނިގެންދަނީ ކޮވިޑް-19ގެ ކަންތައްތަކުގައި އިސް ސަފުގައި ހަރަކާތްތެރިވާ ސިއްހީ ދާއިރާ މީހެއްގެ ގޮތުގައެވެ. އެފަދަ ފަރާތްތަކުން މި ދުވަސްވަރު ތަހައްމަލުކުރަމުން އަންނަ ކަންތައްތައް ނަތާޝާގެ އެންގަލްް އިން ދައްކައިދެއެވެ.

މި ފިލްމު އެންމެ ބޮޑަށް ތަފާތު ސަބަބަކީ މި ޕެންޑަމިކްގައި އެއްވެސް ވަރުބަލިކަމެއް ނެތި މަސައްކަތް ކުރަމުން އަންނަ ސިއްޙީ ދާއިރާ އާއި އެހެނިހެން ދާއިރާތަކުގެ މަސައްކަތްތައްވެސް ދައްކައިދީފައިވެއެވެ. އެގޮތުން ޕެންޑަމިކްގެ މައި މަރުކަޒާއި ހޮސްޕިޓަލުގެ ލެބޯރެޓަރީގެ މަސައްކަތްތަކާއި ޕީޕީއީގައި ތިބެ ކޮވިޑް-19 އަށް ސާމްޕަލް ނަގާ މަންޒަރުތައް ފެނިގެންދެއެވެ.

ނުވަ ޗެޕްޓަރަކަށް ބަހާލައިގެން ގެނެސްދިން މި ފިލްމުގެ ޕްރޮޑަކްޝަން މަސައްކަތް ކޮށްފައިވަނީ “މަދޮޝިޕް”އިންނެވެ. ފިލްމުގެ ވާހަކަ ލިޔެ ޑައިރެކްޓުކޮށްފައި ވަނީ ދިވެހި ފިލްމު އެވޯޑް ކާމިޔާބުކޮށްފައިވާ އަހްމަދު ޝާމިން ނިޒާމް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.