މަޝްހޫރު އެކްޓަރ ޑައިރެކްޓަރ ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށް ޝޫޓިން ނިންމާލާފައިވާ ވެބް ސީރީޒް “ހުވާކޮށްފާ ބުނަން“ގެ ޕައިލެޓް އެޕިސޯޑް މި ޑިސެމްބަރު މަހު 27ވާ އާދީއްތަ ދުވަހުގެ ރޭ ބައިސްކޯފުން ދައްކާނެ ކަމަށް ސީރީޒްގެ ޓީމުން ބުނެފިއެވެ.

ބައިސްކޯފަށް ސީރީޒް ދިނުމަށް ސޮއިކުރުމަށް މިރޭ 07:00 ހާއިރު ބޭއްވި ރަސްމިއްޔާތު ނިމުމާއެކު މުނިއަވަސް އަށް ޔޫއްޕެ އާއި ޢަލީ ރަޝީދު (ގޮޅާ) ބުނީ މި މަހު 27ގައި ސީރީޒްގެ ޕައިލެޓް އެޕިސޯޑް ބައިސްކޯފުން ދައްކާނެ ކަމަށެވެ.

ހުވާކޮށްފާ ބުނަން” އަކީ ޔޫއްޕެގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް ’ޔޫއްޕެ ޕްރޮޑަކްޝަންސް’ގެ އަލަތު ސީރީޒެވެ. ޔޫސުފް ޝަފީއު (ޔޫއްޕެ) ސްކްރީންޕްލޭ ލިޔެ، ޑައިރެކްޓްކޮށް، ޢަލީ ރަޝީދު (ގޮޅާ އައްޔަ)ގެ ކެމެރާކުރުމާއި ޕޯސްޓްޕްރޮޑަކްޝަން އެކުލެވޭ ”ހުވާކޮށްފާ ބުނަންް“ އަކީ އަސަރުގަދަ ލޯބީގެ ކަންތައްތަކެއް ފެނިގެންދާނެ، އަދި މުޖުތަމަޢުގައި ހުރި މުހިންމު މައްސަލަތަކަކަށް އަލިއަޅުވާލައި ގެނެސްދޭ ދިގު ސީރީޒެކެވެ. އެގޮތުން މީގައި ތިން ސީޒަން ހިމެނޭނެއެވެ. ކޮންމެ ސީޒަންއެއްގައި 26 އެޕިސޯޑް ހިމެނޭނެއެވެ.

ލޯބީގެ ޑްރާމާ ސީރީޒްގެ މައިގަނޑު ތަރިންނަކީ އަޙްމަދު ސަޢީދު، އަޙްމަދު އީސާ (އާނަންދު)، މުހައްމަދު މުސްޠަފާ (މުސްތޮ)، އަބްދުﷲ ޝާފިއު (ފުބޫ)، އަލީ އާޒިމް (ދޮން އައްޔަ)، ޝިފާ، ނަތާޝާ، ވާޝިޔާ މުޙައްމަދު (ޝިޔާ)ގެ އިތުރުން ނާޝިދާ މުޙައްމަދު (ނާއްކޮ) އެވެ. މީގެ އިތުރުން މުޙައްމަދު ފައިސަލް، އިރުފާނާ އިބްރާހީމް (އިރޫ)، ޢަލީ ޔޫޝަޢުގެ އިތުރުން ”އެހެނަސް“ ސީރީޒް އިން ފެނިގެންދިޔަ އައިސްޓީވީގެ ޕްރެސެންޓަރ ދޮނާ ވެސް މުހިންމު ރޯލަކުން ފެންނާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.