ޔޫއްޕެ ޕްރޮޑަކްޝަންސް’ގެ ފުރަތަމަ ވެބް ސީރީޒް “ހުވާކޮށްފާ ބުނަން” މިމަހު 27 ވަނަ ދުވަހުގެ ރޭ ބައިސްކޯފުން ދައްކަން ފަށައިފިއެވެ. ސީރީޒްގެ ފުރަތަމަ އެޕިސޯޑުން ފެނިގެން ދިޔައީ ޝަޢުޤުވެރި އަދި މަޖާ މަންޒަރުތަކަކަށް ވާއިރު، ސީރީޒާ މެދު ބެލުންތެރިން ކުރަމުން އައި ފޮނި އުއްމީދުތައް އިތުރަށް ފުރިހަމަވެގެން ދިޔަކަން ފާހަގަކޮށްލެވެއެވެ.

މަޝްހޫރު އެކްޓަރ ޑައިރެކްޓަރ ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ “ހުވާކޮށްފާ ބުނަން” ފެށުނީ މަޝްހޫރު އެކްޓަރ އަޙްމަދު ސަޢީދު އާއި ނާޝިދާ މުޙައްމަދު (ނާއްކޮ)ގެ ސީންއަކުންނެވެ. ޔޫއްޕެ ޑައިރެކްޓްކުރި މަޝްހޫރު ލޯބީގެ ކޮމެޑީ ފިލްމު “ބައިވެރިޔާ”ގެ ހަނދާންތައް ސަޢީދުގެ ކެރެކްޓަރ އިން ފެނިގެންދާއިރު، ހެއްވާ މަޖާ ކަންތައްތަކަކާއި ޑައިލޮގުތަކެއް ހިމެނިފައިވާކަން ފާހަގަކޮށްލެވެއެވެ. ނާއްކޮ ފެނިގެންދަނީ ފިލްމީ ތަރިއެއްގެ ގޮތުގައެވެ. ހަމަ އެހެންމެ ސަޢީދުގެ ގެއިން އޭނާގެ އަންހެނުންގެ ރޯލު ކުޅޭ ނަތާޝާ އާއި ސަޢީދު ހިމެނޭ މަންޒަރުވެސް ހަމަ އެހާމެ މަޖާވެފައި ޝަޢުޤުވެރިއެވެ.

ވާޝިޔާ މުޙައްމަދު (ޝިޔާ) އާއި މަރްޔަމް ޝިފާ ވެސް ފުރަތަމަ އެޕިސޯޑްގައި ފެނިގެންދިޔައިރު، ޝިޔާ ފެންނަނީ ތަންކޮޅެއް ސީރިއަސް މިޒާޖެއްގެ ކުއްޖެއްގެ ގޮތުގައެވެ. އަނެއްކޮޅުން ޝިފާ ފެނިގެން ދަނީ މަޖާ، އަނގަ ގަދަ އަދި ދިރިއުޅުމުގައި ‘އެންޖޯއީ’ކުރާ ފަދަ ކެރެކްޓަރއެއްގައެވެ. މީގެކުރިން މިފަދަ ތަފާތު އެކްޓިންއެއް ޝިފާގެ ފަރާތުން ފެނިފައި ނުވާއިރު، ޝިފާގެ މޭކަޕް، ކޮސްޓިއުމް އަދި އެކްޓިން އިން ފެނިގެންދިޔައީ ކުރީގެ މަޝްހޫރު އެކްޓްރެސް ޢާއިޝަތު ޝިރާނީ ނޫންބާއޭ ހީވާހާ ވެސް ވައްތަރު ޝިފާ އެކެވެ.

ޢަލީ އާޒިމް (ދޮން އައްޔަ) އާއި އަބްދުﷲ ޝާފިއު (ފުބޫ)ގެ އިތުރުން މުހައްމަދު މުސްޠަފާ (މުސްތޮ) ވެސް ރޭގެ އެޕިސޯޑުން ފެނިގެންދިޔައެވެ. ދޮން އައްޔަ އާއި ފުބޫގެ ފަރާތުން ވެސް ފާހަގަކޮށްލެވޭ މަޖާ އެކްޓިންއެއް ފެނިގެންދިޔައިރު، މާލެއަށް ކުރިމަތިވެފައިވާ ބައެއް އިޖްތިމާޢީ މައްސަލަތަކާއި ރައްޖޭގެ ސިޔާސީ މަޝްރަޙާޢީ ގުޅުންހުރި، ރައްޔިތުން ކަންބޮޑުވާ ބައެއް ކަންކަމަށްވެސް މި ދެތަރިންގެ ޑައިލޮގުތަކުގައި އަލިއަޅުވާލާފައި ވެއެވެ.

ލޯބީގެ ޑްރާމާ ސީރީޒް”ހުވާކޮށްފާ ބުނަން” ގައި މި ފާހަގަކުރި ތަރިންގެ އިތުރުން އަޙްމަދު އީސާ (އާނަންދު)، މުޙައްމަދު ފައިސަލް، އިރުފާނާ އިބްރާހީމް (އިރޫ) އަދި ޢަލީ ޔޫޝަޢުގެ އިތުރުން ”އެހެނަސް“ ސީރީޒް އިން ފެނިގެންދިޔަ އައިސްޓީވީގެ ޕްރެސެންޓަރ ދޮނާ ވެސް މުހިންމު ރޯލަކުން ފެންނާނެއެވެ.

ތިން ސީޒަން ހިމެނޭ މި ސީރީޒްގެ ކޮންމެ ސީޒަންއެއްގައި 26 އެޕިސޯޑް ވެއެވެ. ސީރީޒް ކެމެރާކޮށް ޕޯސްޓް ޕްރޮޑަކްޝަން ހަދަނީ ޢަލީ ރަޝީދު (ގޮޅާ އައްޔަ) އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.