ފިލްމު “ނަތީޖާ”އިން ދިވެހި ފިލްމު އިންޑަސްޓްރީއަށް މީގެ 41 އަހަރު ކުރިން ނުކުމެ މަސައްކަތްކުރަން ފެށި މުޙަމައްދު ރަޝީދު (ދަރާ)ގެ ފިލްމީ ހަޔާތާއި މިހާރު މި ދާއިރާގައި ކުރަމުން އަންނަ އެންމެ ފަހުގެ މަސައްކަތްތަކުގެ މަޢުލޫމާތުތައް ގެނެސްދިނުމަށް އަންނަ އާދީއްތަ ދުވަހެއްގެ ރޭ 10:30ގައި މުުނިއަވަސް ކްލަބްހައުސް ވީވީއައިޕީ ޝޯވގައި ބައްދަލުކުރާނެއެވެ.

ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ވިނަރ މުޙައްމަދު ރަޝީދު- ވީވީއައިޕީ ޝޯވ“ގެ ނަމުގައި މިމަހުގެ 16 ވަނަ ދުވަހުގެ ރޭ ގެނެސްދޭ ޝޯވ އާއި އެކީގައި ބައްދަލުކުރާނީ މުނިއަވަސްގެ ޕްރޮގްރާމް މެނޭޖަރ އަދި މަޝްހޫރު ޕްރެޒެންޓަރ ޢާއިޝަތު ރިފުޒާ އަދި މުނިއަވަސް ކްލަބްހައުސް ޓީމުންނެވެ.

ފިލްމު އުފެއްދުމާއި އެކްޓިން ކިޔަވައިގެން ދިވެހި ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރަމުން އަންނަ މުޙައްމަދު ރަޝީދު (ދަރާ)އަށް ފިލްމީ ދާއިރާއިން ހަޔާތީ އަރުތަ އެވޯޑް ނުވަތަ ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ލިބުނީ 09 ވަނަ ދިވެހި ފިލްމު އެވޯޑްސް ގައެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ އަތްޕުޅުން މި އެވޯޑް ލިބުން ރަޝީދު ފާހަގަކޮށްފައިވަނީ ލިބުނު އިތުރު އުފާވެރިކަމެއްގެ ގޮތުގައެވެ.

ދަރާ ރަޝީދު ފިލްމީ ދާއިރާއަށް ވަންއިރު ރަޝީދުގެ އުމުރަކީ އެންމެ 18 އަހަރެވެ. ރަޝީދު އޭރު ވަޒީފާ އަދާކުރަމުން ދިޔަ ޓެލެވިޛަން މޯލްޑިވްސްްގެެ އަހަރީ ދުވަހަށް ހެދި ފިލްމަކުން ފިލްމީ ދާއިރާއަށް ނުކުތީ ފިލްމު ”ނަތީޖާ“ އިންނެވެ. ”ނަތީޖާ“ އިން ފެށި މަސައްކަތުގެ ’ނަތީޖާ‘ ކިތަންމެހާވެސް ފޮންޏެވެ. ދިވެހި ފިލްމު އެވޯޑްސް 9 ގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑު ލިބިގެން ދިއުންވީ ދަރާގެ މަސައްކަތުގެ ފޮނި ’ނަތީޖާ‘ ލިބުނު ދުވަހަކަށެވެ.

ރަޝީދަކީ ހުނަރުވެރި ކެމެރާމަނެއްގެ އިތުރުން ޑައިރެކްޓަރެއްވެސް މެއެވެ. 1982 ގައި ޓެލެވިޛަން މޯލްޑިވްސް އިން އުފެއްދި ފިލްމު ”އޯކިޑް އޭނާގެ މާ“ އަކީ ރަޝީދުގެ ފިލްމުތަކުން ފާހަގަކޮށްލެވޭ އެއް ފިލްމެވެ. އެ ފިލްމުގެ ”އަންގައި ދޭށޭ އަދުވީ..“ އަކީ އަދިވެސް އެ ލަވަ އަޑުއިވުމުން ލޭ ކެކޭފަދަ މަޝްހޫރު ލަވައެކެވެ.

ރަޝީދުގެ ފިލްމީ ހަޔާތުގައި މިއަދާ ހަމައަށް 32 އަށްވުރެން ގިނަ ފީޗާ ފިލްމު ކުޅެފިއެވެ. މީގެ އިތުރުން ގިނަ ވީޑިއޯ ލަވަތަކެއްގައި ރަޝީދު މަސައްކަތްކޮށްފައި ވެއެވެ. ފިލްމު ”އިތުބާރު“، ”ލޭކަރުނަ“، ”ޔޫސުފް އެންޑް ޒައިނަބު“، ”ޗުއްޓީ“، ”ފިދާ“، ”އިޚްތިޔާރު“، އަދި ”އޯކިޑް އޭނާގެ މާ“ އަކީ ދަރާ ރަޝީދުގެ ފާހަގަކޮށްލެވޭ ފިލްމުތަކުން މަދު ފިލްމުތަކެކެވެ. ފަހުގެ ފިލްމުތަކަށް ބަލައިލާއިރު، ”ހައްދު“، ”ލޫދިފާ“ އަދި ”ބަވަތި“ އަކީވެސް ދަރާ ފެނިފައިވާ ފިލްމުތަކެކެވެ.

މުޙައްމަދު ރަޝީދު

ދަރާގެ އެންމެ ފާހަގަ ކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި ”ސަޒާ“ އާއި ”ކަނޑުރޯދި“، ”އޯކިޑް އޭނާގެ މާ“، ”އިޚްތިޔާރު“، ”ޔޫސުފް އެންޑް ޒައިނަބް“، ”ފިދާ“، ”އިތުބާރު“، ”ޗުއްޓީ“، ”ލޭކަރުނަ“ ހިމެނެ އެވެ.

ފިލްމީ ދާއިރާއިން މަތީ ތަޢުލީމު ހޯދައިގެން ހުރި ދަރާ ރަޝީދުއަށް ލިބިފައިވާ ކާމިޔާބުތަކަށް ބަލައިލާއިރު ފިލްމު ”ހަގު އަނބި“ ގައި އޭނާ ކޮށްފައިވާ ކެމެރާ މަސައްކަތަށް 1996 ވަަނަ އަހަރު އެންމެ މޮޅު ކެމެރާމަން އެވޯޑް ލިބިފައިވެއެވެ. މީގެ އިތުރުން ގްލޯބަލް ޓީވީ ޗެނަލްއިން ތައްޔާރުކުރި ޑޮކިއުމަންޓްރީ ފިލްމަކަށް ވެސް އެންމެ މޮޅު ކެމެރާމަންގެ އެވޯޑް ލިބިފައިވެއެވެ.

ސަރުކާރުން ދެއްވާ ގައުމީ އިނާމު، ދަރާ ރަޝީދަށް ލިބުނީ 2005 ގައެވެ. ފިލްމީ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ފިލްމު އެސޯސިއޭޝަނުން ދިން އެވޯޑް 2015 ގައި ލިބިފައި ވެއެވެ.

ދަރާ ރަޝީދަކީ މާސްޓާސް ޑިޕްލޮމާއިން ވިޝުއަލް ކޮމިއުނިކޭޝަން، ޑިޕްލޮމާއިން އެކްޓިން އެންޑް ޕްރެޒެންޓޭޝަން، ޑިޕްލޮމާއިން ކެމެރާ އެންޑް ލައިޓިން ޓެކްނިކްސް، ޑިޕްލޮމާއިން އެޑިޓިން އެންޑް ސައުންޑް ރެކޯޑިން، ޑިޕްލޮމާއިން ފިލްމް ޑައިރެކްޓިން، ޑިޕްލޮމާއިން މޯޝަން ޕިކްޗަރ ފޮޓޯގްރަފީ ހަދާފައިވާ ފަންނާނެކެވެ.

’ދަރާ ޕްރޮޑަކްޝަން‘ގެ ނަމުގައި އަމިއްލަ ޕްރޮޑަކްޝަނެއް ރަޝީދު ހިންގަމުން އަންނައިރު، އިންޑިޔާގެ ޑެއްލީ އަށް ނިސްބަތްވާ ފިލްމުހަދާ ފަންނާނުންނާއި ގުޅިގެން މިވަގުތުވެސް ރަޝީދު ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ތިން ފީޗާ ފިލްމެއްގެ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންކަން ފާހަގަކޮށްލެވެއެވެ.

ސާޅީސް އަހަރަށް ފަހުވެސް، ދަރާ ރަޝީދު ހުރީ މި ދާއިރާއިން ދުރަށްދާ ޚިޔާލުގައެއް ނޫނެވެ. މިހާރުވެސް އެތަކެއް ޕްރޮޖެކްޓްތަކެއްގައި އެކި ގޮތްގޮތުން އޭނާ އަންނަނީ ދިވެހިން މުނިއަވަސްފިލުވައިދިނުމުގައި ހިއްސާވަމުންނެވެ.

ދަރާ ރަޝީދުގެ ބައެއް ކާމިޔާަބީތަކުގެ އުސްއަލިތައް

– 1996: އެންމެ މޮޅު ކެމެރާމަންގެ އެވޯޑް
– ގްލޯބަލް ޓީވީ ޗެނަލްއިން ތައްޔާރުކުރި ޑޮކިއުމަންޓްރީ ފިލްމަކަށް ވެސް އެންމެ މޮޅު ކެމެރާމަންގެ އެވޯޑް
– 2005: ސަރުކާރުން ދެއްވާ ގައުމީ އިނާމު
– 2015: ޚިދުމަތުގެ އަގުވަޒަންކޮށް ފިލްމު އެސޯސިއޭޝަންގެ އެވޯޑް
– 2019: ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް

ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ވިނަރ މުޙައްމަދު ރަޝީދު- ވީވީއައިޕީ ޝޯވ” މިސްކޮށްނުލުމަށް ތިރީގައިވާ ލިންކަށް ފިއްތާލައި ބެލް އައިކަން އެކްޓިވޭޓްކޮށްލާށެވެ.

🌟 LTA Award Winner Dharaa M. Rasheed – 🆅🆅🅸🅿︎ Show🌠 – MUNIAVAS – Clubhouse

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.