މިދިޔަ އަހަރު ނޮވެމްބަރު 16 ގައި ސްޓަރ ޕްލަސް އިން ދައްކަން ފެށި “އިމްލީ” ސީރީޒަށް ބެލުންތެރިންގެ ބޮޑު ޝައުޤުވެރިކަމެއް ހުއްޓިފައިވާ އިރު، ކުރިއަށް އޮތް އެޕިސޯޑުން ބޮޑު ޓްވިސްޓެއް ފެނިގެންދާނެ ކަމަށް މީޑިއާތަކުން ބުނެފިއެވެ.

މިއަދު ދެއްކި އެޕިސޯޑް ނިމުނު އިރު، އަދިތިޔާ، އިމްލީ މެންގެ ގެއިން ނުކުމެގެން ދާން ކޮޓަރިން ނުކުންނަތަން ދެއްކި ނަމަވެސް، މާދަމާގެ އެޕިސޯޑުގައި ފެނިގެންދާނީ ގޮވަމުން ދިޔަ ބޮންތަކެއްގެ ތެރެއިން އިމްލީ ސަލާމާތްކުރުމަށް އަދިތިޔާ ކުރާ މަސައްކަތްތަކެކެވެ. އަދި މިކަމުން އަދިތިޔާ އަށް އިމްލީ ދެކެ ލޯބިވެވިފައިވާކަން އެނގިގެންދާނެ ކަމަށް ބެލެވެއެވެ.

ސިލްސިލާ ފިލްމު ‘އިމްލީ”ގެ ކުރިއަށް އޮތް އެޕިސޯޑުގައި ސަތިޔަކާމް (ވިޖޭ ކުމާރް) ހުއްޓުވުމަށް އިމްލީ (ސުމްބުލް ތޯކީރް) ދާނެއެވެ. އެތަނުން ކުރިމަތިވާ ކަންތައްތަކުން އިމްލީ ސަލާމަތްކޮށްދޭނީ އަދިތިޔާ (ގަޝްމީރު މަހާންޖާނީ) އެވެ.

“އިމްލީ”ގެ ވާހަކަ މިހާރު ގޮސްފައިވާ ހިސާބަށް ބަލައިލާއިރު، ސަތިޔަކާމްގެ ގޭންގުގެ މެންބަރެއް ޒަޚަމްވެފައިވާ ހާލުގައި އިމްލީގެ ގެއަށް އާދެއެވެ. އޭނާ އައިސް ބުނަނީ އެމީހުން ފިލާ ތިބި ތަން ފުލުހުން ރެއިޑްކޮށްފިކަމަށެވެ. ނަމަވެސް އޭރު ސަރުކާރުން، ބާޣީ ސަތިޔަޔަކާމް އާއެކު މަޝްވަރާ ކުރުމަށް އަންނަން އޮތީ ތައްޔާރުވެފައެވެ.

އިމްލީ އާއި އަދިތިޔާ ކައިވެނިކުރީ މި ސީރީޒް ފެށުނުކޮޅުގައެވެ. އަދިތިޔާ އަކީ ނޫސްވެރިއެކެވެ. އޭނާ ޕަކްޑަންޑިޔާ އަވަށަށް ދަނީ ބާޣީ ސަތިޔަކާމްގެ ޚާއްޞަ އިންޓަވިއުއެއް ގެނެސްދީ ސަތިޔަކާމް އަކީ އަސްލު ބާޣީއެއް ނޫންކަން ސާބިތުކޮށްދިނުމަށެވެ. ނަމަވެސް، އެ ދަތުރުގައި ކުރިމަތިވާ ކަމަކާއި ގުޅިގެން ޕަކްޑަންޑިޔާގެ ރައްޔިތުންނާއި ކައުންސިލަރު އިސްވެހުރެ، އަދިތިޔާގެ ބޮލުގައި ބަޑިޖައްސައިގެން ތިބެ އިމްލީ އާއި އަދިތިޔާ ކައިވެނިކުރުވައެވެ.

https://www.youtube.com/watch?v=_RmrM8g0enE

ހިތާ ދެކޮޅަށް ނަމަވެސް އަދިތިޔާއަށް ޖެހުނީ އިމްލީ ގޮވައިގެން ދިއްލީއަށް ދާށެވެ. އަދިތިޔާގެ ގޭގައި އިމްލީ އުޅުނީ ނޯކަރެއްގެ ގޮތުގައެވެ. އަދިތިޔާ ލޯބިވެގެން އުޅޭ މޫން އާއި ކައިވެނިކުރެއެވެ. ކައިވެނީގެ ހަނީމޫނަށް ދާން ތައްޔާރުވެފައި ވަނިކޮށް އަނެއްކާވެސް އަދިތިޔާ، ޕަކްޑަންޑިޔާއަށް ދިއުމަށް މަޖުބުރުވެއެވެ. އަދިތިޔާ ދަނީ އިމްލީ ގޮވައިގެންނެވެ. އިމްލީ ބަހައްޓާފާ ދިއްލީއަށް އެނބުރި ދިއުމަށް ނިންމައިގެންނެވެ. ނަމަވެސް ޕަކްޑަންޑިޔާ އަވަށު މީހުންނަށް އެނގިފައިވާ ގޮތުން އިމްލީ އާއި އަދިތިޔާ ކައިވެނިކޮށްގެން އެ ކައިވެންނައިގެން ދިރިއުޅެމުން އަންނަނީ ރަނގަޅަށެވެ. އެހެންކަމުން އަވަށުގެ މީހުން އަދިތިޔާގެ އާއި އިމްލީގެ ޝަރަފުގައި ގިނަ ހަފުލާތަކެއް ބާއްވައެވެ.

އެންމެ ފަހުން އިމްލީގެ ރައްޓެހި އަންހެންކުދިންތަކެއް، އިމްލީ އާއި އާދީގެ ކޮޓަރި، ކައިވެނީގެ ފުރަތަމަ ރެޔަށް ތައްޔާރުކުރާ ބީދައިން ތައްޔާރުކުރެއެވެ. އަދިތިޔާ ހީކުރަނީ އެއީ އިމްލީ ވެސް ބޭނުންވެގެން ކުރި ކަމެއް ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ކަމަކީ އިމްލީ ވެސް ބޭނުންވާ ކަމެއް ނޫންކަމަށް އަދިތިޔާ ގާތުގައި އިމްލީ ބުނެއެވެ.

މި ސީރިޒްގައި ދެން ވާނެ ގޮތާބެހޭގޮތުން ތުންތުންމަތިން ދެކެވޭ ވާހަކަތަކަށް ބަލާލާއިރު، ސަތިޔަކާމް އޭނާގެ ގޭންގާއި އެކުގައި ބަޑިތައް ހިފައިގެން އެމީހުން ފިލާ ތިބޭ ތަނަށް ދާނެއެވެ. އެތަނަކީ ސަތިޔަކާމް ހިފާ ހައްޔަރުކުރުމަށް ފުލުހުން އިންތިޒާރުގައި ތިބޭވެސް ތަނެވެ.

ނަމަވެސް އިމްލީގެ ބޮޑުބޭބެއެއް ފަދަ ސަތިޔަކާމްގެ ފަހަތުން އިމްލީ ދެއެވެ. އެތަނުގައި ފުލުހުންނާއި ސަތިޔަކާމްގެ ގްރޫޕާއި ދެމެދުގައި ވަރުގަދަ ހަމަލާތަކެއް ބަދަލުކުރެވެއެވެ. ގޮވަމުން ދިޔަ ބޮންތަކުގެ ތެރެއިން އިމްލީ ސަލާމަތްކުރާނީ އަދިތިޔާ އެވެ.

އަދިތިޔާ އާއި އިމްލީގެ ކައިވެނީގެ ސިއްރު، އަދިތިޔާގެ އާއިލާއަށް ފަޅާއަރާނެ ދުވަހަކަށާއި އަދިތިޔާ މެންގެ ގޭގައި އިމްލީ އުޅެނީ ނޯކަރެއްގެ ގޮތުގައި ކަން އިމްލީގެ އާއިލާއަށް ފަޅާއަރާނެ ދުވަހެއްގެ ބޮޑު ސިއްރު ހިފެހެއްޓިފައިވާ މި ސީރީޒްގެ ކުރިއަށް ހުރި އެޕިސޯޑްތަކުން ވާނެގޮތެއް ބަލަން ތިބެމާ ހިނގާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.