ބޮލީވުޑް ޓީވީ ސީރީޒްތަކުގެ އެންމެ އުހުގައި ހިފަހައްޓަމުން އަންނަ “އަނޫޕަމާ” ސީރީޒް ބަލާ ފަރާތްތަކުގެ ނޭވާ ހިފަހައްޓާލައިގެން ތިބެ ބަލަން ޖެހުނު ދެތިން އެޕިސޯޑެއް މި ދިޔަ ދެތިން ދުވަހު ވަނީ ދައްކާފައެވެ. މި އެޕިސޯޑްތަކުގައި ލައްކަ ކުޅިމަޖާ ފެނިގެންދިޔައިރު އެންމެ ބޮޑަށް ފާހަގަކޮށްލެވުނު އެއްކަމަކީ ވަންރާޖް ޝާހްގެ މޫނުމަތީގައި އަނޫޕަމާ ޖަހައިލި ފިސާރި ވަރުގަދަ ތަފާލެވެ. އަތްތިލައިން އަޅައި ވިހެލި ތަފާލެއް ނޫނަސް، މިއީ ހަމަ ގައިމުވެސް އަންހެނުންނަކީ ބާރުވެރި ބައެއްކަން ސާބިތުކޮށްދިނުމުގެ ނަމޫނާ ތަފާލެއް ކަމަށް ބުނަންް ޖެހެއެވެ.

އަނޫޕަމާގެ ކެރެކްޓަރުން ރޫޕާލީ ގަންގޫލީ ފެނިގެންދާ މި ސިރީޒްގައި އަނޫޕަމާގެ އަމިއްލަ ނަފުސަށްޓަކައި ވަރުގަދަ ނިންމުމެއް ނިންމައެވެ. އަނޫޕަމާއަށް އަނޫޖް ކަޕާޅިއާ ހުށައެޅި ވިޔަފާރި ޕާޓްނަރުޝިޕަށް އާނ ބަސް ބުނުމަށް ނިންމައި، އާއިލާ އެންމެންގެ ކުރިމަތީގައި އެކަން އިޢުލާނުކުރެއެވެ. އަނޫޕަމާ ބޭޭނުން ނެތިގެން ޒުވާން އަނތްބެއް ހޯދައިގެން އުޅޭ ވަންރާޖްގެ ހަރުކަށި އިންޒާރަށް ބަލައިލުމެއް ނެތި އަނޫޕަމާގެ ނިންމުން ފިސާރި ކެރިހުރެ ހާމަކުރެއެވެ.

މިމަހުގެ 15 އިން ފެށިގެން މިއަދާ ހަމައަށް ދެއްކި އެޕިސޯޑްތަކުގެ މައިގަނޑު ފޯކަސް ހުރީ އަނޫޖް ކަޕާޅިއާ ހުށައެޅި ހުށައެޅުމަށް އަނޫޕަމާ އަމަލުކުރި ގޮތުގެ މައްޗަށެވެ. މި ބުނި އެޕިސޯޑްތަކުގެ އުސްއައްޔަށް ކުޑަކޮށް ޖެހިލާނަމެވެ.

އަނޫޕަމާއަށް ލިބެމުން އަންނަ ކާމިޔާބީތަކާ މެދު ވަންރާޖް ޝާހްގެ ހިތުގައި އުފެދިފައިވާ ހަސަދަައިގެ ހުޅުގަނޑު އަދަމުން އަންނަތަން ފެންނަތާ މިވަނީ ދުވަސްކޮޅެއް ވެފައެވެ. އަނޫޖް ކަޕާޅިއާގެ ހުށައެޅުމަށް އަނޫޕަމާ އާނ ބަސް ބުނަން ނިންމި ހިސާބުން ވަންރާޖް ކެކި އަރައިގަތެވެ. އަނޫޕަމާ އާއި އަނޫޖް އާއި އަޅުވާކިޔައި ހިތުހުރި އެެއްޗެއް ގޮވާލަނީ އާއިލީ މެންބަރުންގެ ކުރިމަތީގައެވެ. އަނޫޕަމާއަށް ދިން ވިޔަފާރި ޕާޓްނަރުޝިޕަކީ ކޮލެޖް ދުވަސްވަރުން ފެށިގެން އަނޫޖްގެ ހިތުގައި އަނޫޕަމާއަށް އޮތް އިޝްޤީ ލޯބީގެ ސަބަބުން ދިން ފުރުޞަތެއްކަމަށް ބުނެ ބަހުން ޖަހައެވެ. ނަމަވެސް މިކަމަށްވެސް އަނޫޕަމާ ފިސާރި ވަރުގަދައަށް ޖަވާބުދާރީވެއެވެ.

އަޖޫޖްގެ ހިތުގައި އެފަދަ ކަމެއް އޮތްނަމަވެސް، އެއީ މައްސަލައަކަށް ވަންޖެހެނީ ކީއްވެގެންތޯ އަނޫޕަމާ ސުވާލުކުރެއެވެ. އަނޫޖަކީ ކައިވެންޏެއް ކޮށްގެން ހުރެ މީހަކާ ލޯބީގެ ގުޅުމެއް ހިންގާ މީހަކަށް ނުވާނެކަމަށް ބުނެއެވެ. އަނޫޖަކީ ތިން ކުދިންގެ ބައްޕައެއް ނޫނަސް، އޭނާ އަކީ މީހުންނާ ހިތާވެގަނެގެން ވަދިކޮށް އުޅޭ މީހެއް ނޫންކަމަށް ބުނެ ސީދާ ވަންރާޖަށް ބަހުން ޖަހައިލައެވެ. އަނޫޕަމާގެ މި ޖުމްލައިން ވަންރާޖް ޝާހަށް ލިބޭ ޝޮކް، ލަފުޒުން ބަޔާންކޮށްލަން އުނދަގުުލެވެ. ހަމަ ގައިމުވެސް ވަންރާޖް އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓުން އަރައި ގަނޑުވެގެން ދިޔަކަން އެނގެއެވެ.

އަނޫޕަމާގެ ނިންމުމާ ދެކޮޅަށް ވަންރާޖް ޝާހްގެ މަންމަ، ވަންރާޖްގެ މިހާރުގެ އަނބިމީހާ ކާވިޔާގެ އިތުރުން އަނޫޕަމާ އާއި ވަންރާޖްގެ ދޮށީ ފިރިހެން ދަރިފުޅު ޕަރިތޯޝް ވެސް އަޑު އުފުލައި ބަހުން ޖަހައެވެ. ނަމަވެސް ވަންރާޖްގެ ބައްޕަ، އަނޫޕަމާގެ ޅީދަރިފުޅު ކިންޖަލް (ޕަރީތޯޝްގެ އަނބިމީހާ)، އަނޫޕަމާ އާާއި ވަންރާޖްގެ ހަގު ފިރިހެން ދަރިފުޅު ސަމަރްގެ އިތުރުން އަނޫޕަމާގެ މައިދަތަގެ ކޮއްކޮ މާމާޖީ ތިބެނީ އަނޫޕަމާއާ އެއްކޮޅަށެވެ.

އަނޫޕަމާ ސީރީޒްގެ ޓީއާރްޕީ އަށް ބަދަލެއް އައުމެއް ނެތި އެންމެ އުހުގައި ހިފަހައްޓަމުން އަންނަ އައުމަށް އިތުރު ކުރިއެރުމެއް ލިބިގެން ދިޔައީ އަނޫޕަމާގެ ކޮލެޖް މޭޓް އަދި އަނޫޕަމާއަށް ނޭނގުނު ނަމަވެސް އަނޫޕަމާ އާއި ހެދި ދީވާނާވެ، އެ ލޯބި ހިތުގެ އެއް ފަޅިއަށްވެސް ސިއްރުކޮޮށްގެން އުޅޭ އަނޫޖް ކަޕާޅިއާ ސީރީޒަށް ވަން ހިސާބުން ކަމަށް ގިނަބަޔަކު ފާހަގަކުރެއެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.