♪♫♩♬ ކާކަށްހޭ؟ ހަދިޔާކުރާނީ ހިތް ކާކަށްހޭ؟
ގެންދަން ކެރޭނީ ހިތް ކާކަށްހޭ؟ ހިތް މަ ދޭނީ ބުނޭ؟
ކާކަށްހޭ؟ ހަދިޔާކުރާނީ ހިތް ކާކަށްހޭ؟
ގެންދަން ކެރޭނީ ހިތް ކާކަށްހޭ؟ ހިތް މަ ދޭނީ ބުނޭ؟
ނިޝާނާ! އައިލަވްޔޫ! ލަވްޔޫ! ♬♩♫♪

މިއީ ހަމަ ގައިމުވެސް ދިވެހި ފިލްމު ބަލާ އޯޑިއަންސަށް ފަރިތަ ލަވައަކަށް ވާނެ ލަވައެކެވެ. ހިތްގައިމު ރީތި ލަވައެއް ވެސް މެއެވެ. ދިވެހި ފިލްމީ މަސައްކަތުގެ ތާރީޚަށް ބަލައިލިޔަސް މިއީ ފާހަގަކޮށްލެވޭ ތާރީޚީ ލަވައެކެވެ.

90ގެ އަހަރުތަކުގައި ރިލީޒްކުރި ފިލްމު “ހިތުގެ ވިންދު”ގެ ‘ނިޝާނާ! އައިލަވްޔޫ!’ މި ލަވައަކީ ދިވެހިންގެ އަމިއްލަ އުފެއްދުމެކެވެ. ދިވެހި މޫސީގާރުންގެ އަމިއްލަ ރާގެކެވެ. މިއުޒިކް އެރޭންޖްކުރީވެސް ދިވެހި ފަންނުވެރިންނެވެ. މިއީ އަތޮޅުތެރޭގެ ރަށެއްގެ ފަންނާނުން އެކްޓްކޮށްގެން ހެދި ފުރަތަމަ ދިވެހި ފީޗާ ފިލްމެވެ. އެހެންކަމުން މި ލަވައާއި މި ފިލްމަކީ ދިވެހި ފިލްމީ މަސައްކަތުގައި ތާރީޚީ މަސައްކަތަކަށެވެ.

އޭރުގެ އެންމެ މަޝްހޫރު އަދި ހުނަރުވެރި ޑައިރެކްޓަރު އީސާ ޝަރީފު ލިޔެ، ޑައިރެކްޓްކުރި މި ފިލްމަކީ ތ. ހިރިލަންދޫ ޖަމިއްޔާއަކާއި ގުޅިގެން އުފެއްދި ފިލްމެކެވެ. ފިލްމުގެ ލީޑް ކުޅެފައިވަނީ ތ. ހިރިލަންދުއަށް އުފަން ދެ ފަންނާނުންނެވެ. ފިލްމުގައި މުޙައްމަދު ރަޝީދު (ދޮން އަންނާރޭ) ހަރަކާތްތެރިވިޔަސް، އެ ފިލްމުން ދެން ފެނިގެންދާ ހުރިހައި ބައިވެރިންނަކީ ހިރިލަންދުއަށް ނިސްބަތްވާ ފަންނާނުންނެވެ. މި ފިލްމުގައި ބޭބެއެއްގެ ރޯލުންވެސް ފެނިގެންދާ އީސަ އަކީވެސް ހިރިލަންދުއަށް ނިސްބަތްވާ ފަންނުވެރިއެކެވެ.

މި ހިތްގައިމު ލަވައިގެ އިތުރު މަޢުލޫމާތު ހޯދައިލުމަށް މުނިއަވަސް އިން އީސައާއި ވާހަކަދައްކައިލީމެވެ.

ފިލްމު “ހިތުގެ ވިންދު”ގެ ލީޑް ކުޅެފައިވަނީ ތ. ހިރިލަންދޫ ނާދިޔާ ޒާހިރު އާއި މުޙައްމަދު ޝަކީބު އެވެ. މި ފިލްމަކީ ހިންދީ ފިލްމެއްގެ ރީމޭކެއް ކަމަށް އީސަ ބުންްޏެވެ. އެއީ1983 ގައި ރިލީޒްކުރި ހިންދީ ފިލްމު “ލަވަރޒް”ގެ ރީމޭކެކެވެ.

ފިލްމު “ހިތުގެ ވިންދު” އެއީ ރީމޭކެއް ނަމަވެސް، އެ ފިލްމުގައި ހިމެނޭ އެންމެ ހިތްގައިމު ލަވަ ‘ނިޝާނާ! އައިލަވްޔޫ!’ އަކީ ދިވެހި އަމިއްލަ ރާގެއް ކަމަށް އީސަ ބުންޏެވެ.

“އެ ލަވައަކީ ހަމަ އަމިއްލަ ރާގެއް. ދެން އެ ދުވަސްވަރު ތަންކޮޅެއް މުސްކުޅި، އެ ވައްތަރަށް ސިންގޯރާ ވައްތަރަށް ނަށާ ލަވައެއް ދެއްކީ ރެޖީނާ މޮހޮދޭ އަށާ ފީއަލީ ޢަބްދުﷲ ވަހީދާ ދެމީހުންނަށް. ދެއްކީމަ އެ ދެމީހުން އެ ރާގު ހަދާފަ ހުރިހައި އެރޭންޖްމެންޓެއް ހަދާފަ އެހެރީ.” ލަވައިގެ ރާގު އުފެދިގެން އައި ގޮތް ހިއްސާކުރަމުން އީސަ ކިޔައިދިނެވެ. ލަވައިގެ ރެކޯޑިން ވެސް ހެދީ ހިރިލަންދޫގައި އީސަ އެވެ. ލަވައިގެ ޅެން ހެދީވެސް އީސަ އެވެ.

‘ނިޝާނާ! އައިލަވްޔޫ!’ އަކީ ހިންދީ ސްޓައިލް ހުރި ލަވައެއްކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް މިއީ ދިވެހިންގެ ބަޔަކު ހަދާފައިވާ އަމިއްލަ ރާގެކެވެ. އެހެން ނަމަވެސް މި ލަވައިގައި ހިންދީ ފީލްއެއް ހުރީ ކީއްވެގެން ކަން ވެސް އީސަ ބުނެދިނެވެ.

“ދެން ތީގަ މި ބުނާހެން ‘ސިންގޯރާ’ ކިޔާފަ އޮންނަ ހިންދީ ލަވައެއް އޮންނާނެ ވަރަށް ސަޅި ނެށުންތަކަކާ އެއްޗެހި ހުންނަަ. ދެން އޭތި މަށަށް ފެނިގެން މަ އޭތި އަޑު އިއްވީ މޮހެދޭ މެންނަށް. އަޑު އިއްވީމަ އެމީހުން ‘ނިޝާނާ! އައިލަވްޔޫ!’ ހަދާފަ ތިއޮތީ.”

އީސަ ބުނީ މި ލަވައިގެ ރާގު ހެދުމުގައި ބޮޑަށް މަސައްކުރީ މޮހޮދޭ ކަމަށާއި ނަމަވެސް ރާގު ހެދުމުގައި ކޮންމެވެސް ވަރަކަށް ޢަބްދުﷲ (ފީއަލީ)ގެ މަސައްކަތްވެސް ހުންނާނެ ކަމަށެވެ. އޭގެ އިތުރުން ލަވައިގައި ބެރު ޖަހާފައިވަނީ ވެސް ފީއަލީ ޢަބްދުﷲ ވަހީދު އެވެ.

ކޮންމެއަކަސް މި ހިތްގައިމު ލަވައިގެ އަޑުގެވެރިންނަކީ ހިރިލަންދު އަށް އުފަން، އޭރުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާމިނަތު ޙުސައިން އާއި ފީއަލީ ޢަބްދުﷲ ވަހީދުއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.