ދެވަނަ ފިޔަވަޅު
ލަނޑުދަނޑިތަކުގެ ކުދި ބައިތައް

ލަނޑުދަނޑިތައް ކަނޑައެޅުމަށްފަހު ކުދި ބައިތަކަށް 5 އަހަރުގެ ތާވަލެއް ރާވާލާށެވެ. އެއަށްފަހު އޭގެ ތެރެއިން 1 އަހަރުން ނިންމޭނެ ކަންކަން ވަކިކޮށްލާށެވެ. ދެން އެއަށްފަހު އަނެއްކާ އެބައިން 6 މަހުން ނިންމޭނޭ ކަންކަންވެސް ފާހަގަކޮށްލާށެވެ. އަދި 1 މަހުން ނިންމޭނޭ ކަންކަން ވެސް އެއްތަން ކޮށްލާށެވެ. މިއިން ކޮންމެ ކަމަކީވެސް މައިގަނޑު ޕްލޭންގެ ބަޔަކަށް ވާންވާނެއެވެ.

މިހިސާބުން ކޮންމެ ދުވަހަކުވެސް ކޮށްލެވޭނެ ކަންކަމުގެ ލިސްޓެއް ވެސް ތައްޔާރުކޮށްލާށެވެ. މީގެތެރޭގައި ކުދި ކަންކަން ކުރުމަށް ބޭނުންވާ އިންޓަރނެޓާއި ފޮތްކިޔުމުން ހޯދަންޖެހޭ މައުލުމާތު ހުރުން ވެސް އެކަށީގެންވެއެވެ. އެއީ އޭގެ ސަބަބުން ބޮޑެތި ކަންކަން ކުރަންވީ މަގު ހޯދުމަށް ބޭނުންވާ މައުލޫމާތައް ވެސް ވެދާނެއެވެ. މިކަމުން އަސްލު ތިބާ ދާންބޭނުން މަގު ސާފުވަމުން ފަސޭހަ ވަމުން ދާނެއެވެ.

އެންމެފަހުން މުޅި ޕްލޭން އަލުން ދިރާސީ ނަޒަރަކުން ބަލައިލުން ވަރަށް މުހިންމެވެ. އެއީ ތިބާގެ މުސްތަޤުބަލަށް ދަތުރުކުރާ މަގުޗާޓަކީ އެއީ ކަމުގައި ޔަޤީންކޮށްލުމަށެވެ.

އަމާޒުގައި ދެމިހުރުން
ތިބާގެ ފުރަތަމަ ލަނޑުދަނޑިތައް ސެޓްކުރުމަށްފަހު މަސައްކަތް ހުއްޓާނުލާ ލިސްޓް ތަރުތީބުން ކުރިއަށްދާށެވެ. ކޮންމެ ދުވަހަކު ފުރިހަމަވީ ކަންކަމާ ނުވާކަންކަން ފާހަގަ ކުރާށެވެ.

ދުވަސްކޮޅުކޮޅުން ދިގުމުއްދަތަށް ރޭވި ކަންކަމުގެ ހިސާބުވެސް ބަލާލާށެވެ. އޭރުން ކަންކަމުގައި މަސައްކަތް އިތުރަށް ކޮށްލަން ޖެހޭނަމަވެސް އެނގޭނެއެވެ. ބައެއްކަންކަން އިސްފަސް ކޮށްލަން ވެސް ޖެހިދާނެއެވެ. އެބަދަލު ވެސް ނޯޓްކޮށްލާށެވެ. މިކަމަށް ކޮމްޕިއުޓަރެއް ނުވަތަ ފޯނުވެސް ބޭނުން ކޮށްލެވިދާނެއެވެ.

ތިބާގެ ލަނޑުދަނޑިތައް ސެޓްކުރުމުގެ އިތުރު އެހީ

މިދަންނަވާ ކަންކަމުން ލަނޑުދަނޑިތައް ޙާޞިލް ކުރުމަށް އިތުރަށް ފަހިވެގެން ދާނެއެވެ.
ކޮންމެ ލަނޑުދަނޑިއެއް ހެޔޮގޮތުގައި ތަފުސީލުކޮށްލުން: ތިބާގެ ލަނޑުދަނޑިތައް ހެޔޮ ވިސްނުމަކުން ސެޓްކޮށްލާށެވެ. މިވެނި ކަމެއް އެއްގޮތަކަށް ވެސް ނުކުރަން ކަނޑައެޅުމުގެ ބަދަލުގައި އެވެނިކަމެއް ކޮންމެހެން ކުރަން ޖެހޭކަމަށް ނިންމާށެވެ.

އިތުބާރާއެކު ކަނޑައެޅުން: ޝައްކުތަކަށް ޖާގަ ނުދޭށެވެ. ޔަޤީންކަމާއި ނުގުޑާފަދަ ޢަޒުމުއެއް ހިތުގައި ބާއްވާށެވެ. އިތުބާރު ލަނޑުދަނޑިތައް ކަނޑައަޅައި އެކި ތާރީޚުތަކަށް ބަހާލާށެވެ. އެކަން ހިނގަނީ ތާވަލާ އެއްގޮތަށްތޯ ދޭތެރެ ދޭތެރެއިން ބަލާ ޗެކްކުރާށެވެ. މިގޮތުން ތިބާއަށް ހުރެވުނު ހިސާބާ ދާންވާ މަންޒިލާ ދެމެދުގެ ދުރުމިނާ މަސައްކަތުގެ މިންގަނޑުތައް ދެނެގަނެވޭނެއެވެ. އެކަމެއް ޙާޞިލް ވުމުން އެކަމެއް ވީކަމުގެ އުފާ އަމިއްލަޔަށް ލިބިގަނެ ފާހަގަ ކުރާށެވެ. މީ ވަރަށް މުހިންމު ކަމެކެވެ.

ތަރުތީބު ކަނޑައެޅުން: ތިބާގެ އެތައް ލަނޑުދަނޑިތަކެއް ހުންނާނެއެވެ. ތަރުތީބު ކޮށްލާށެވެ. ފުރަތަމަ ކޮންކަމެއްކަން ބަލާށެވެ. މިގޮތަށް ކަންކުރުމުން ތިބާގެ ކުރިމަތީގައި މާގިނަ ލަނޑުދަނޑިތަކެއް އޮވެ ނުނިމޭކަމުގެ ހިތި އިޙުސާސް ކުރަން ވަރަށް ނުޖެހޭނެއެވެ. އަދި އެންމެ މުހިންމު ބޭނުންތަކަށް ސާދާކޮށް އަމާޒު ހިފަން ފަސޭހަވާނެއެވެ.

ލަނޑުދަނޑިތަކުގެ ލިސްޓް ނެގުން: މިގޮތަށް އެ ލިސްޓްތައް ދޭތެރެއަކުން ޗެކްކޮށްލާނަމަ އެކަންކަމަށް ބާރުލިބި ހިތްވަރު އާވާގޮތް ވާނެއެވެ. ބަދަލެއް ގެންނަން ޖެހޭނަމަ ވިސްނުންތެރިކަމާއެކު އެ ބަދަލެއް ވެސް އަލުން ނޯޓަށް އިތުރުކޮށްލާށެވެ.

ކުރަން ފަސޭހަ ކަންކަން ކުރިއަށްލުން: ކުދި ލަނޑުދަނޑިތައް ފުރަތަމަ ފަށާށެވެ. އޭރުންކަމުގެ ތެރެއަށް ޝައުޤުވެރި ވަމުން ވަދެވެމުން ކަންކަން އެބަ ހިނގާ ކަމުގެ އިހުސާސް ލިބި އުންމީދު އާވަމުން ދާނެއެވެ. މާބޮޑެތި ކަންކަމާ އެންމެ ކުރިން ކުރިމަތިލުމުން ކަންކަން ކުރިއަށް ނުދާކަމުގެ އިޙުސާސް ކުރެވި މާޔޫސް ވެދާނެއެވެ.
ހިންގޭނެ ބައިތަކުން ފެށުން: ތިބާގެ ލަނޑުދަނޑިތަކުން ތިބާއަށް އެންމެ ހަލުވިކޮށް ކުރިޔަށް ގެންދެވޭނެ ދިމާތައް ހުންނާނީ ފާހަގަ ވެފައެވެ. އެދިމާލުން ފަށާށެވެ. އެއީ އެންމެ ބޮޑަށް ތިބާއަށް ކޮންޓްރޯލް އޮންނަ ކަންކަމުންނެވެ. ތިބާއަށް ކޮންޓްރޯލު ނެތިގެން ލަނޑުދަނޑިއެއް ފެއިލް ވެއްޖެނަމަ ވަރަށް މާޔޫސްވާނެތީއެވެ. ބައެއްފަހަރު ތިބާ އެދޭ ގޮތަށް ކަންކަން ނުހިނގިޔަސް ހިތްވަރު އެލުވާ ނުލާށެވެ.

ވިޔަފާރިއެއްނަމަ މިހެން ގިނަ ފަހަރު ދިމާވާނީ މާހައުލުގެ ބަދަލާއި ޙާލަތުން ފޯރުވާ އަސަރާއި ސަރުކާރުގެ ޕޮލިސީގެ މައްސަލައެކެވެ. އެކަންކަމާ ގުޅުވައިގެން ޕްލޭންވެސް ބަދަލުކުރަން ޖެހޭނަމަ އެ ބަދަލެއްވެސް އަލުން ގެންނާށެވެ. ކުޅިވަރުގެ މައިދާނުގައި ޖަޖުންގެ އިހުމާލުން ނުވަތަ މޫސުމުގެ ބަދަލު ތަކަކުން ނޫނީ އެންޖަރީއަކުން ތިބާއަށް އެކަށީގެންވާ ބައިވެރިވުން ނުދެވުންފަދަ ކަންކަމަކީ ތިބާގެ ނަސީބާ އެވަގުތު ގުޅުންހުރި ކަންކަމެވެ.

ތިބާގެ ލަނޑުދަނޑިތައް ވަނީ ތިބާގެ އަމިއްލަ ކުޅަދާނަކަމާ ގުޅިފައި ނަމަ ތިބާގެ ފުރިހަމަ ކޮންޓްރޯލާ ޔަޤީންކަން އެކަމުގައި ބޮޑުވާނެއެވެ. މާނަޔަކީ އެކަންކަމަކީ ތިބާ ކުރަންދަންނަ ފަރިތަ ކަންކަންނަމަ އެކަމެއް ކޮށްލަން ތިބާއަށް ވަރަށް ފަސޭހަވާނެއެވެ.

ވާނެކަހަލަ ކަންކަން ރޭވުން: ތިބާއަށް ކުޅަދާނަކަން ލިބިގެންވާ ކަންކަން ކުރަން ރާވާށެވެ. ތިބާއަކީ މުވައްޒަފެއް ނޫނީ ބެލެނިވެރިއެއް ނުވަތަ ނޫސްވެރިއެއް ވިޔަސް ނުގުޅޭ ކަންކަން ހުންނާނެއެވެ. ނުވާވަރުކަންކަމާ ކުރިމަތި ލުމުގެ މާބޮޑު ފައިދާއެއް ނެތެވެ. އެފަދަ ކަންކަން ކުރުމަކަށް ތިބާގެ ޝައުޤެއް ނުހުންނާނެއެވެ. ހިތާ ދެކޮޅަށް ކަމެއް ޙާޞިލްކުރުމަކީ ނާދިރުކަމެކެވެ. ވީމާ ރާވާ ކަންކަމަކީ ބައެއްގެ އެހީއާއެކު ވިޔަސް ޙާސިލް ކުރެވިދާނެކަމުގެ އުއްމީދު އޮތް ކަންކަމަށް ވުން ވަރަށް މުހިންމެވެ.

ފަހަރެއްގައި ތިބާއަށް ސެޓްކުރެވޭ ލަނޑުދަނޑިއެއްގެ ސަބަބުން ހުރަސްތަކާ ކުރިމަތިވުމުން ތިބާ ފޫހިވެސް ވެދާނެއެވެ. މިކަންކަމަށް ވަރަށް ވިސްނަންވާނެއެވެ. ތިބާއަށް ތިބާގެ ފެންވަރާ ޤާބިލްކަން އެހެން އެންމެނަށްވުރެ ބޮޑަށް އެނގޭނެއެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އީސާ ޝަރީފް
އީސާ ޝަރީފް
ޅެންވެރިކަމުގައި ދިވެހި އަދަބިއްޔާތަށް މިފަހުން އެންމެ ގިނަގުނަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ އީސައަކީ އީއޯޕީގެ ފައުންޑަރއެވެ.
އީއޯޕީ އަކީ އަދަބިއްޔާތުގެ ދޮރުން ވަނުމަށް ހުރަސްކުރަންޖެހޭ އެއް އޮޅިއެވެ. އީއޯޕީގެ ވާޖިބެއްކަމުގައި ދެކެނީ އެ އޮޅި ގިރާކުރައްވާ ކޮންމެ ކަނދުރާއެއް އަދަބީ މަލުގެ ހާރަކުން ފަޅުފިލުވައިދިނުމެވެ.
www.easashareef.com