ލަނޑުދަނޑިތައް ޙާޞިލްކުރުން
ކުރިން ވެސް ފާހަގަކުރި ފަދައިން ތިބާއަށް ލަނޑުދަނޑިއެއް ޙާޞިލްވާ ހިނދު އެކަން ފާހަގަކޮށް އުފާ ފާޅުކުރުމަކީ މުހިންމު ކަމެކެވެ. އެއީ މަސައްކަތް ކާމިޔާބުކަމާއެކު ދަނީ ކުރިޔަށްކަމުގެ އިޙުސާސް ހިތަށް ދިނުމަށެވެ. ތިބާގެ ބޮޑުމަންޒަރުން ބައެއްގައި ކުލަޖެހުނީތީ އެކަމުގެ ޝަރަފުގައެވެ.

އަމުދުން އެ ލަނޑުދަނޑިއަކީ މުހިންމު ލަނޑުދަނޑިއެއް ނަމަ ބޮޑަށް ފާހަގަކުރާށެވެ. ތިބާގެ އަމިއްލަ ނަފުސުގެ އިތުބާރު އުފެއްދުމަށް މީ ވަރަށް ބޭނުންތެރި ކަމެކެވެ.

❖ މި ކާމިޔާބީއާއެކު ދެން ހުރި ލަނޑުދަނޑިތަކުގެ ލިސްޓް އަލުން ބަލައިލާށެވެ.
❖ އެކަން ޙާޞިލްކުރުމުގައި އުއްމީދުކުރި ވަރަށްވުރެ ދިގު މުއްދަތެއް ނެގިނަމަ ދެން ހުރިކަންކަން އެއަށްވުރެ އަވަސްކުރެވޭނޭ ގޮތްތައް ހޯދާށެވެ. ބުރަކޮށް މަސައްކަތް ކޮށްލާށެވެ.
❖ ތިބާއަށް ފުރަތަމަ ލަނޑުދަނޑިން އިތުރު ކަމެއް ދަސްވި ނަމަ އެކަމެއްގެ ބޭނުން ދެންފަހަރު ވެސް ހިފާށެވެ. ގޯސް ތަޖުރިބާތަކަށް ސަމާލުވެ އެކަންކަމާ ދުރުހެލިވާށެވެ.
❖ ތިބާއަށް ޙާސިލްވީ މިންވަރު ކުޑަކަމުގައި ފެންނަނަމަ ދެންފަހަރަކުން އެކަމަށް ވިސްނާ އިތުރަށް މަސައްކަތް ކޮށްލާށެވެ.
ލަނޑުދަނޑިއެއް މުޅިން ފުރިހަމަނުވުމަކީ މާޔޫސްވާން ޖެހޭ ކަމެއް ނޫނެވެ. އެއިން ލިބޭ ޢިބުރަތަކީ މާ އަގުބޮޑު އެއްޗެއްކަމުގައި ޤަބޫލުކުރާށެވެ. ތިބާގެ ދެންހުރި މަސައްކަތްތަކުގެ ކާނާއަކަށް އެ ތަޖުރިބާތަށް ހަދާށެވެ. އަދި ވަގުތާ ޙާލަތާ އެކުވެސް އެތައް ބަދަލެއް އަންނާނޭކަން ވެސް ދަންނާށެވެ. އެކަންކަމާ ތިބާގެ ތަޖުރިބާޔާ ގުޅުވާށެވެ. އެދެވޭ ބަދަލުތައް ވެސް ގެންނާށެވެ. އަދި އެފަދަ ބަދަލުގެ ތެރޭގައި އެއިރަކު ކުރަމުން ދިޔަ މަސައްކަތުގެ މާބޮޑު ފައިދާއެއް ދެން ނުކުރާނޭ ހީވާ ހިސާބުން އެކަން ދޫކޮށް ދެން އޮތް ކަމަކަށް އަވަހަށް އެނބުރޭށެވެ. ބޮޑު ގެއްލުމެއްވެ ވަގުތު ގެއްލުވާލުމަށް ގޮތްދޫނުކޮށް ނުހުންނާށެވެ.

އަމިއްލަ ދިރިއުޅުމުގެ މިސާލު ލަނޑުދަނޑިތައް

ޝަރީފުގެ މުސްތަޤުބަލް ބައްޓަން ކުރުމަށް އާ އަހަރަށް އޭނާ ކަނޑއެޅި ލަނޑުދަނޑިތައް ބަލައިލާށެވެ.

❖ މަސައްކަތް: އޭނާގެ ފުރަތަމަ އުންމީދަކީ 5 އަހަރުގެ ތެރޭގައި އޭނާ ރިޕޯޓަރަކަށް މަސައްކަތްކުރާ ނޫހުގެ ޑެޕިއުޓީ އެޑިޓަރަކަށް ވުމެވެ.

❖ ކުރިމަތިލުން: އޭނާ ނިންމީ މި އަހަރުގެ ފުރަތަމަ 3 މަސްތެރޭ އޭނާގެ މަސައްކަތްތައް ދައްކާލުމަށް ސެމިނާއެއް ރަވާށެވެ.

❖ ޖިސްމާނީބައި: އޭނާ ފިޒިކަލް ގޮތުން ހެޔޮ ސިއްޙަތެއްގައި ހުރުމަށް ޤައުމީ ދުވުމުގެ މުބާރާތެއްގައި ބައިވެރިވުމަށް ނިންމިއެވެ.
މިހާރު ޝަރީފުގެ މައިގަނޑު ލަނޑުދަނޑިތައް މިއޮތީ ކަނޑަ އަޅާފައެވެ. ދެން އެކަންކަން ކުދި މަސައްކަތު ބައިތަކަކަށް ބަހާލިއެވެ. އެއީ ކުރިން ދެންނެވިހެން އެއްކަމެއްގެ ތެރެއިން އަނެއްކަމެއް ޙާޞިލް ކުރަން ފަސޭހަ ކުރުމަށް އެފަދަ ތަރުތީބަކުންނެވެ. އަޅެ އޭނާ އެކަންކަން ރާވާލިގޮތުގެ ތަފުސީލަށް ބަލައިލަމާތޯއެވެ؟
❖ 5 އަހަރުގެ ލަނޑުދަނޑި: ޑެޕިއުޓީ އެޑިޓަރކަން

❖ ފުރަތަމަ އަހަރުގެ ބައި: މިހާރުގެ މެނޭޖިން އެޑިޓަރުގެ ބައެއް މަސައްކަތަށް އެހީތެރިކަންދީ އޭނާއަށް ފަސޭހަކޮށްދީ އޭނާގެ އިތުބާރު ހޯދުން

❖ ފުރަތަމަ 6 މަހަށް ރޭވީ: އަލުން އޮންލައިކޮށް ނަމަވެސް ނޫސްވެރި ކަމުގެ ޑިގްރީއަކަށް ކިޔަވާ ނިންމާލުން

❖ ފުރަތަ މަސް: މިހާރުގެ މޭޖިން އެޑިޓަރ އާއި މަޝްވަރާކޮށް އެފަދަ މަޤާމަކަށް އައުމަށް ބޭނުންވާނޭ ކަންކަން އޮޅުންފިލުވައި އެކަންކަމަށް މަގުފަހިކުރުން

❖ ފުރަތަމަ ހަފުތާ: މެނޭޖިންގ އެޑިޓަރާ ބައްދަލުކުރުމަށް އެޕޮއިންޓްމެންޓެއް ހެއްދުން
މި މިސާލުން ތިބާއަށް ފެނުނު ފަދައިން ބޮޑު ލަނޑުދަނޑިއެއް ކުދި ބައިތަކަކަށް ބަހާލީއެވެ. އެގޮތުން ފަސޭހަ ތަރުތީބަކުން އެކަން ކޮށްލުމުން އެކަން ޙާޞިލް ކުރުމަށް ފަސޭހަވާނެތީއެވެ. ނަމަވެސް މިހާރު އަދި އެއޮތީ މަސައްކަރުގެ ތަރުތީބު ބޮޑުން ކުޑައަށެއެވެ. ވީމާ އެކޮޅުކޮޅުން ޖަހާލާށެވެ. ކުރިން ކުރަންހުރި ކުދިކަންކަން ކުރިއަށް ވާގޮތަށެވެ.

މުހިންމު ނުކުތާތައް

ލަނޑުދަނޑިތައް ކަނޑައަޅާ ރާވާލާށެވެ.
❖ ތިބާގެ ދިރިއުޅުމުގައި ޙާޞިލް ކުރަން އެދޭ ކަމެއް ކަނޑައަޅާށެވެ.
❖ އެކަން ޙާޞިލް ކުރުމުގައި ހުރެދާނެ ދަތިތަކާ މައްސަލައަށް ވިސްނާފައި ކަންކަން ރާވާލާށެވެ.
❖ ތިބާގެ އަމަލީ މަސައްކަތް ފަރުވާތެރިކަމާ ވިސްނުންތެރިކަމާ އެކު ފަށާށެވެ.
❖ ތިބާގެ ޤާބިލްކަމާމެދު ޝައްކުނުކޮށް އެކަމަށް ވާންޖެހޭ ތައްޔާރީތައް ވެފައި ފަށައިގެން ކުރިއަށް ދާށެވެ.

މިގޮތަށް ތިބާގެ ދިރިއުޅުމުގެ ލަނޑުދަނޑިތައް ކަނޑައަޅާށެވެ. ދެން 5 އަހަރުގެ މަގުޗާޓެއް ކުރަހާށެވެ. އަދި އެޗާޓުގައި ކުދި ކަންކަން ރާވާ ބައިތަކަށް ބަހާލާ ވަގުތު ކަނޑައަޅާށެވެ. ކަންކަން ކުރިއަށް ދާ މިންވަރު ބަލާ މަސައްކަތުގެ ސްޕީޑު ބަދަލުކުރަމުން ކުރިއަށް ދާށެވެ. ކޮންމެސް ހަނދާންކޮށް ކާމިޔާބީތައް ފާހަގަކުރާށެވެ.

އަދި މިހައިތަނަށް ތިބާއަށް ތިބާގެ ދިރިއުޅުމުގައި ވަކި ލަނޑުދަނޑިތަކެއް ކަނޑަނޭޅޭ ނަމަ މިއަދު އެކަން ކޮށްލާށެވެ. ފަށާކަށް ވަކި ތާރީޚެއް ނެތެވެ. އަވަސްކުރިއްޔާ ވަގުތު ސަލާމަތް ވެ އަވަހަށް ހިތްހަމަޖެހުން ލިބިގެން ދާނެއެވެ. މިގޮތަށް ކަންކަން ރާވާލުމަކީ ތިބާގެ ދިރިއުޅުމުގެ އެއްބައިކަމުގައި ހެދިއްޖެ ނަމަ ތިބާގެ ކުރިއެރުން ތިބާއަށް ހީނުކުރާހާ ފޮނިކޮށް ފެނިގެން ދާނެއެވެ. އަދި އެދުވަހަކުން ތިބާހިތަށް އަރާނެއެވެ. މީގެ ކުރިން އަހަރެންނަށް ދުނިޔޭގައި މި އުޅެވުނީ ކިހިނެއް ބާވައެވެ؟ މި މައުލޫމާތުގެ ބޭނުން ހިފައިގެން މާދަމާ ވިޔަސް އަވަހަށް މަސައްކަތް ތަރުތީބުކޮށްލާށެވެ. ކުރިން ނުކުރާކަމެއްގެ ތެރެއަށް ވަދެ ޓެސްޓްކޮށްލީމައި އެނގިދާނެތާއެވެ. ތިބާއަށް އަބަދުވެސް އިތުރު ކުރިއެރުމަށް އެދެމެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އީސާ ޝަރީފް
އީސާ ޝަރީފް
ޅެންވެރިކަމުގައި ދިވެހި އަދަބިއްޔާތަށް މިފަހުން އެންމެ ގިނަގުނަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ އީސައަކީ އީއޯޕީގެ ފައުންޑަރއެވެ.
އީއޯޕީ އަކީ އަދަބިއްޔާތުގެ ދޮރުން ވަނުމަށް ހުރަސްކުރަންޖެހޭ އެއް އޮޅިއެވެ. އީއޯޕީގެ ވާޖިބެއްކަމުގައި ދެކެނީ އެ އޮޅި ގިރާކުރައްވާ ކޮންމެ ކަނދުރާއެއް އަދަބީ މަލުގެ ހާރަކުން ފަޅުފިލުވައިދިނުމެވެ.
www.easashareef.com