ލިޔުނީ: އަދްނާން ޙަލީމް
ހައްދުންމަތީ ފޮނަދޫ އެ ބުނާ އަލިގުޅައިގެ ވާހަކަ އަޑު އެހިން ހެއްޔެވެ؟ އެ އަލި ގުޅައެއް މިހާރު ފެންނަ ކަމަކަށް ނުވެއެވެ. އެންމެ ފަހުން އެ އަލިގުޅައެއް ފެނުނު ކަމަށްވަނީ ކުރިގަމާއި މެދު އަވަށާ ދޭތެރެއިން ޕަބްލިކް ވޯކްސް އެހުންނަ ހިސާބުންނެވެ.

1982 ވަނަ އަހަރު އަޅުގަނޑު ފޮނަދުއަށް ކުރި ދަތުރާއި އޭގެ ފަހުން ކުރި ބައެއް ދަތުރުތަކުގައި ވެސް މިވާހަކަ އަޑުއެހީމެވެ.

މި އަލިގުޅަ މީހުންނަށް ފެނިފައި ހުންނާނީ އެކި ހިސާބުން އެކި ކުލައިގައި އެކި ވައްތަރަށް ކަމުގައި ވެދާނެއެވެ.

މި ބުނާ އަލިގުޅައިގެ ޙާދިސާގެ ވާހަކަ ކިޔައިލަމާ ހިނގާށެވެ. މިއީ އަޅުގަނޑަށް މިވާހަކަ އިވުނު ގޮތުގެ މައްޗަށް ލިޔެފައިވާ ޚުލާޞާ އެކެވެ. ފޮނަދޫގެ ބައެއް އެކުވެރިންގެ ބަހުން ކިޔައިދިން ގޮތެވެ. މިކަހަލަ ވާހަކަތައް އެކި މީހުން ކިޔައިދޭއިރު ތަފާތު ތަކެއް ހުރެދާނެއެވެ.

ތަންކޮޅެއް ކުރިން ހަވަރުތިނަދޫ (ޙާދިސާ ހިނގި ޒަމާނުގައި ކިޔާ ގޮތް) އޮޑިއެެއް މާލެއަށް ދަމުން ފޮނަދޫ ބޭރު ބަނދަރުގައި ޖައްސައި ނަގިލި ވައްޓާލައިފިއެވެ. އެއީ ކޮން ދުވަސްވަރެއް، ކޮން އަހަރެއް ކަމެއް ސާފެއް ނުވިއެވެ.

މިވާހަކަ ކިޔައިދިން މީހުން ބުނީ އެއީ ހަވީރުގެ ވަގުތެއް ކަމުގައެވެ. އޮޑި ބަދަރުގައި އޮތީއެވެ. އޮޑިން ބަޔަކު ފޮނަދުއަކަށް ނުފައިބައެވެ. އަދި ފޮނަދޫ ބައެއް ވެސް މި އޮޑިއަކަށް ނުދެއެވެ.

އިރު އޮއްސެން ކައިރިވެފައި ހުއްޓައި ފަތާފައި އައި ދެމީހުން ފޮނަދުއަށް އަރައިފިއެވެ. އެމީހުން ބުނީ އެމީހުންނާއެކު ފަތާފައި އައި ތިންވަނަ މީހާ ގެއްލިއްޖެ ކަމުގައެވެ. އެމީހާ ގެނބުނީ ކަމުގައި ކަމަށް ވެދާނޭ ކަމުގައި އެއްގަމަށް އެރި ދެ މީހުން ބުންޏެވެ.

މި މައްސަލަ ރަށުގެ ވެރިންނަށް ހުށަހެޅުމާއެކު ވެރިންނާއި ރައްޔިތުން ނުކުމެ މި މީހާ ހޯދަން ފަށައިފިއެވެ. އަދި މި މީހާ މަރުވެފައި ފަޅުތެރޭގައި އޮއްވައި ފެނިއްޖެއެވެ. މި ޤަބުރު އެއްގަމަށް ގެނެވުނު އިރު އިރުއޮއްސި އަނދިރި ވެއްޖެއެވެ. ފޮނަދޫއަށް ގަބުރު އަރުވައި ކަށުކަމާކެމީގެ ކަންކަން ފުރިހަމަކޮށް ވަޅުލައިފިއެވެ.

ޖެހިގެން އައިރޭ އެ މީހާގެ ޤަބުރު އެއްގަމަށް އެރުވި ދިމާއިން ރަށުގެ ފާލަމުގެ ދެކުނުން އަލި ގަނޑެއް ފެނިއްޖެއެވެ. މި އަލިގަނޑު ރޭތަކެއް ވަންދެން ފާލަންކައިރިން ފެނިފައި އެއްގަމަށް ސަަހަރާ ތެރެއަށް ބަދަލުވީ ކަމުގައި ބުނެއެވެ. ދެން ދުވަސް ކޮޅަކުން މެދު އަވަށާއި ކުރިގަމާ ދެމެދު ބޮޑު މަގުގެ އަރިމަތިން ބައެއް ހިސާބުން ފެންނަމުން ދިޔަ ކަމުގައި ވެސް ބުނެވެއެވެ. އެތައް އަހަރެއް ވަންދެން މި އަލިގުޅަ ފެނުނު ކަމުގައި އެމީހުން ބުނެއެވެ. މި އަލިގުޅަ ފެނުނު މީހުން މިހާރު ވެސް ދުނިޔޭގައި އެބަ ތިއްބެވެ. ކޮންމެއަކަސް މިހާރު މި އަލި ގުޅައެއްގެ ވާހަކައެއް ނުދައްކައެވެ. ފެންނަ ކަމަކަށް ވެސް ނުވެއެވެ.

ފަތާފައި އަންނަނިކޮށް މަރުވި މިހާގެ ވާހަކަ ވެސް އަދި ދައްކަން އެބަޖެހެއެވެ. ޕޯސްޓުމޯޓަމެއް ހަދާލުމުގެ ބޭނުމުގައެވެ. އެމީހާ މަރުވީ ގެބިގެންތޯ ނުވަތަ ލޮނު ބޮވިގެންތޯ ނުވަތަ އެމީހާ މަރުވީ އެހެން ގޮތަކުންތޯ ބަލައިލުމުގެ ބޭނުމުގައެވެ. އެމީހާގެ މަރާއި އެއްގަމަށް އެރި ދެ މީހުންނާ ގުޅުމެއް އޮތްތޯ ވެސް ބަލާލަން ޖެހޭނެތާއެވެ.

އިހުގައި އޮންނަ އާދައަކީ ކަނޑު މަތގައި މަރުވާ މީހުންގެ ގަބުރު މީހުން އުޅޭ ރަށަަކަށް ނާރުވާނެއެވެ. ވަޅުލަން ޖެހޭނީ ފަޅު ރަށެއްގައެވެ. ފަޅު ރަށެއްގައި ވަޅުލުމަކީ ދަތުރު ވެރިންނަށް ފަސޭހަ ކަމެއް ނޫނެވެ. އަމުދުން ޢާއިލާގެ ބަޔަކު ނުވަތަ ދަންނަ ބަޔަކު ނެތް ހިސާބެއްގައި ވަރަށް ދަތި އުނދަގޫ ކަމަކަށް ވާނެއެވެ. އެއީ ސަންދޯއް ޖެހުމާއި ކަށްވަޅު ކޮނުން ވަޅުލައި މަހާނަ ހަދަނީ ޢާއިލާގެ ގާތް މީސްމީހުން ކަމަށް ވެފައި އަގަކަށް އުޖޫރައަކަށް ވެސް މިކަހަލަ ކަންކަން ކޮށްއުޅޭ މީހުންނާއި އާލާތްތައް ޚާއްޞަވެފައި ނުހުންނާތީއެވެ.

ބުނެވޭ ގޮތުގައި މި މީހާ މަރުވީ ދަތުރު ކުރަމުން ދިޔަ އޮޑިޔަށެވެ. ދެން އެ އޮޑި ފޮނަދޫގައި ބަނދަރުކޮށް އެމީހާ ފޮނަދޫގައި ވަޅުލާނޭ ބުއްދިއެއް ކުރީއެވެ. މައްޔިތާގެ ޤަބުރު ފޮނަދޫއަށް އަރުވަން ހެދިގޮތަކީ އޮޑިން އެމީހާ ބާލައި ދެމީނުން ދެފަރާތުން ހިފަހައްޓައިގެން ތިބެ ގަބުރާއެކު ފަތާފައި ފޮނަދޫ ފަޅު ތެރެއަށް ވަނީ އެވެ. އަދި ބެހިގެން ނުދާނޭ ނުގެއްލޭނޭ ހިސާބަކަށް ގަބުރު ދޫކޮށްލުމަށް ފަހު ނުވަތަ ރީތިކޮށް ބޭއްވުމަށް ފަހު އެއްގަމަށް އަރައި އެމީހާ ގެއްލުނު ކަމަށް ބުނީއެވެ. މިއީ ފޮނަދޫގައި މައްޔިތާ ވަޅުލާނޭ ގޮތެއް ހޯދުމަށް އޮޑީގެ މީހުން ހެދި މަކަރެކެވެ.

ކޮންމެއަކަސް މި ޙާދިސާއާ ގުޅިގެން ޤަބުރުގެ ފަހަތުން އަލިގުޅަ ފޮނަދޫއަށް އެރީ ކަމުގައި ފޮނަދޫގެ ކުރީގެ މީހުން ކިޔައެވެ. މިޒަމާނުގެ ކުދިންނަށް މިވާހަކަ އެނގެނީ ކިހިނެއް ކަމެއް ނޭގެއެވެ. އެކަމަކު މިއީ ފޮނަދޫގެ އާދަކާދައާއި ތާރިޚާއި ގުޅުން ހުރި މުހިންމު ވާހަކައެއް ކަމުގައި ދެކެމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ރަން ގަލަން
ރަން ގަލަން
މުހިންމު ބޭނުންތެރި ލިޔުންތައް އެކިއެކި ވަޞީލަތް ތަކުން ނަގައިގެން، ލިޔުމުގެ އަސްލު މުސައްނިފް ލިޔުއްވި ލިޔުމެއްކަން އެނގޭ ގޮތަށް 'ރަން ގަލަން' ޕޯސްޓް ކުރާނެ އެވެ.