ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތ. ތިމަރަފުށީގައި އެރަށުގެ ކަނބަލުން އިސްނަގައިގެން ހޭންޑްބޯލް މުބާރާތެއް ފަށައިފިއެވެ.

ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް ކަމަށްވާ މާރިޗު މަހުގެ އަށްވަނަ ދުވަހު ފެށި މި މުބާރާތުގައި ޖުމުލަ ހަތަރު ޓީމެއް ވަނީ ބައިވެރިވެފައެވެ. މުބާރާތް އިންތިޒާމުކުރާ ފަރާތުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި މުބާރާތުގައި 40 އަށްވުރެން ގިނަ ކުޅުންތެރިން ބައިވެރިވާއިރު، މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ ހުރިހާ ޓީމެއް ހުރިހާ ޓީމަކާއި ކުޅެ، އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމު ފައިނަލް ކުޅޭ ގޮތަށެވެ. މި މުބާރާތް ބާއްވާ އެންމެ މުހިއްމު މަޤުޞަދަކީ ތިމަރަފުށީގެ ކަނބަލުންގެ މެދުގައި އެއްބައިވަންތަކަށް އާލާކޮށް، އެކުވެރިކަން ބަދަހި ކުރުން ކަމުގައި މުބާރާތް އިންތިޒާމުކުރާ ފަރާތުން މަޢުލޫމާތު ދެއްވައެވެ.

މުބާރާތުގައި މިހާތަނަށް 4 މެޗު ކުޅެފައިވާއިރު، ކުޅުނު ދެ މެޗުން ހަ ޕޮއިންޓު ހޯދައިގެން ފައިދާ ގޯލާއި އެކު، އެއްވަނައިގައި އޮތީ ކަމަނަ އެވެ. ހަމަ އެއަދަދަށް ޕޮއިންޓު ހޯދައިގެން ދެވަނައިގައި އޮތީ ގޮއްޔެ އެވެ. ތިން ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައި އޮތީ މަންޖެ އެވެ. އަދި، އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގައި އޮތީ ކަނބުލޮ އެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރު 16:00 ގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.