ނެކްސްޓް ޓީވީ އާއި އައްޑޫ ސިޓީގެ ގްރީން އާރޓްސް ގުޅިގެން އުފައްދާ ޑްރާމާ ސީރީޒް “ބުނެލަދީ” ބެލުމަށް ގިނަބަޔަކު ޝައުގުވެރިވަނީ ދިވެހި ޑްރާމާ ތަކުން އާއްމުކޮށް ނުފެންނަ ގުދުރަތީ ރީތި މަންޒަރުތަކާއި އެކު ގެނެސްދޭ މި ޑްރާމާއަކީ ސިޓިންގް ރޫމުގައި އާއިލާ އާއި އެކު ބަލައިލެވޭނެ ރީތި ސްޓޯރީއަކަށް ހަދަމުންދާ ސީރީޒަކަށް ވުމުން ކަން ބެލުންތެރިން ދަނީ ފާހަގަކުރަމުންނެވެ. އެގޮތުން އެއްމެ ގިނަ ބަޔަކު ފާހަގަކުރާ އެއްކަމަކީ މި ޑްރާމާގެ ލޮކޭޝަންތަކުގެ ރީތިކަން ކަން ފާހަގަ ކޮއްލެވެއެވެ.

މީގެ އިތުރުން އަމަން އާއި ޝަހޫ އާއި އެކު މުޅިން އާކުދިންތަކެއް ދައްކުވައިދޭ އެކްޓިންނާއި މި ސީރީޒް ގެނެސް ދެމުން އަންނަ ގޮތް ސަޅިކަމުގެ ވާހަކަ މި ސީރީޒް ބަލާ މީހުން އަންނަނީ ދައްކަމުންނެވެ. ހަމަ އެއާއި ގުޅިގެން ބައެއް ޝަކުވާތައް ވެސް ލިބެމުންދާ ކަމުގައި ފާހަގަ ކުރަމުން އަމަން ބުނީ ދިރާގު ޓީވީން އެކަނި މި ސިރީޒް ދައްކަނީ ކީއްވެގެންތޯ ވަރަށް ގިނަ މީހުން ސުވާލުކުރަމުން އައްނަ ކަމަށާއި އޭގެ ޖަވާބަކީ ނެކްސްޓް ޓީވީގެ ޚިދުމަތް ލިބެނީ ދިރާގް ޓީވީގައި ކަމަށްވުމާއި މި ޑްރާމާ އަކީ ނެކްސްޓް ޓީވީގެ ޕޮރޮޑަކްޓަކަށް ވުން ކަމަށެވެ. އަދި ދިރާގް ޓީވީ ނުހުންނަ ފަރާތްތަކުން އެޕް ސްޓޯރުން ދިރާގް ޓީވީ އެޕް ޑައުންލޯޑްކޮށްލެއްވުމަށްފަހު ޔޫސަރ ނޭމް އަދި ޕާސްވޯޑަކަށް ވެސް ޕްލޭ ޖެއްސެވުމުން ފްރީކޮށް މި ސީރީޒް ބަލައިލެވޭނެ ކަމަށްވެސް އަމަން ބުންޏެވެ.

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ މަރިޔަމް މޫސާ ލިޔުއްވަވާފައިވާ މި ޑްރާމާގެ ޑައިރެއްކްޓަރަކީ ފިލްމީ ތަރި އަމަން (ޓޮމް) އެވެ. އެސިސްޓަންޓް ޑައިރެއްކްޓަރަކީ މަޝްހޫރު ފިލްމީތަރި މަރިޔަމް ޝަހްޒާ (ޝަހޫ) އެވެ. މިޑްރާމާގެ ސަޕޯޓިން ރޯލްތަކުން ޓިކްޓޮކްގައި މަޝްހޫރު ތަރި ހަސޭ ހަސަން ނިޒާރު ފެނިގެން ދާއިރު ސްޓަންޓް ރައިޑާ ޖިމީ ޖިމްޝާދު ޝަރީފް ފެނިގެންދެއެވެ. މީގެ އިތުރުން ނުސްރާ އާއި އައިންތުގެ އިތުރުން ޔާމީން ޔާމްބެ އާއި އަމީލް ވެސް ފެނިގެންދެއެވެ. މީގެ އިތުރުން މަޝްހޫރު ލަވަކިޔުންތެރިޔާ ބޭބީ ނަސީރުގެ ކޮއްކޮ އަޒްމީލް ފެނިގެން ދާއިރު ގެސްޓް އެޕިއަރެންސުން ލަވަކިޔުންތެރިޔާ އަޙްމަދު ޝިފާޢު މުހައްމަދު (ބެކަމް) ފެނިގެންދެއެވެ.

މި ޑްރާމާގެ ޕޯސްޓް ޕޮރޮޑަކްޝަންގެ މަސައްކަތްކޮށްދެނީ ސިމާން ހާދީ (މާނު) އަދި އަޙްމަދު ނާއިލް ރަޝީދު (ނާއިލް) އެވެ. ކެމެރާ ކުރީ ސިމާން ހާދީ (މާނު) އެވެ.

މިޑްރާމާގެ ކޮސްޓިއުމް ޕާޓްނަރަކީ ހައުސް އޮފް ވޯޖް އެވެ. ޕޮރޮޑަކްޝަން ޕާޓްނަރަކީ ސްކައި އިން އެވެ.

މީ އަދި ފެށުމެއްކަމާއި މިހާރުވެސް ފީޗާ ފިލްމެއްގެ ސްކްރިޕްޓްގެ މަސައްކަތް ކުރަމުން އައްނަކަމަށާ އަމާޒަކީ މާލެ ނޫނަސް ދިވެހި ފަންނީ އުފެއްދުންތައް އުފައްދާނެ އެހެން ޕްލެޓްފޯމެއްވެސް އޮތުން ކަމަށް އަމަން ބުންޏެވެ.

ފިލްމީ ތަރި އަމަން އާއި ޝަހޫ

“ބުނެލަދީ”ގެ މަސައްކަތަށް އައްޑޫސިޓީގެ ހުރިހާ ރަށަކުން ލިބެމުންދާ އެއްބާރުލުމަށް އައްޑޫސިޓީގެ އެއްމެހާ ރައްޔިތުންނަށް މުޅިޓީމުގެ ފަރާތުން ޝުކުރު އަދާކުރަން ބޭނުންވާކަމަށް ވެސް އަމަން ބުންޏެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.