ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ތަގުރީރެއް ލިޔާނީ ކިހިނެއް؟

🎤 ތަގުރީރު ނުވަތަ ސްްޕީޗަކީ ކަނޑައެޅިފައިވާ އޯޑިއަންސަކާ ރަސްމީކޮށް ދައްކާ ވާހަކައެވެ.
🎤 ތަގުރީރެއްގެ ބަސްމަގު އަމާޒުކުރާން ޖެހޭނީ އަޑުއަހަން ތިބޭ މީހުންނަށެވެ. އެމީހުން ޝައުޤުވެރިވާ ގޮތަށެވެ.
🎤 ތަގުރީރެއްގެ ބާރުގަދަކުރުމަށްޓަކައި އެ ތަގުރީރު ލިޔާއިރު ނުވަތަ ތަގުރީރު ދޭއިރު ގެންގުޅެން ޖެހޭ ބަސްމަގުގެ ވަކި ހަމަތަކަކާ އުސޫލުތަކެއް ހުރެއެވެ.

އޯޑިއަންސާ އެންގޭޖްވާށެވެ.

ތަގުރީރު އަމާޒުވާ އޯޑިއަންްސަކީ ކޮބައިކަމާމެދު ފަރުވާތެރިކަމާއެކު ވިސްނާލާށެވެ. އަޑުއަހަން ތިބި މީހުން ޝައުޤުވެރިވާނެގޮތަށް ބަސްމަގު އިޚްތިޔާރުކުރާށެވެ. ފުރާއުމުރުގެ ކުދިންތަކަކަށް އަމާޒުކުރާ ތަގުރީރެއްގެ ބަސްމަގާއި ރަށެއްގެ ރައްޔިތުންނަށް އަމާޒުކުރާ ތަގުރީރެއްގެ ބަސްމަގު ވަރަށް ބޮޑަށްވެސް ތަފާތުވާން ވާނެއެވެ.

ތަގުރީރުދޭ ސަބަބާމެދު ވިސްނާލާށެވެ. ތަގުރީރުކުރަނީ ބަޔަކު ކަމަކަށް ލަންބުވާލަން، ކަމެއް އަންގަން، ނަސޭހަތެއް ދިނުމަށް، މުނިފޫހިފިލުވައިދިނުމަށް ނުވަތަ ދެބަސްވެވޭ ކަމަކާ ބަހުސެއްކުރުމަށް ހެއްޔެވެ؟ ގިނަ ތަގުރީރުތަކުގައި މި ދެންނެވި ސަބަބުތަަކުގެ ތެރެއިން އެއް ސަބަބަށްވުރެން ގިނަ ސަބަބުވެސް ހިމެނިދާނެއެވެ.

ތަގުރީރުގެ އޮނިގަނޑު ރާވައިލުން

ތިބާ ދޭ ތަގުރީރުގައި ދައްކާ ވާހަކަތަކުގެ މައިގަނޑު ނުކުތާާތަަކާއި ފާޅުކުރާ ޝުޢޫރުތައް އޯޑިއަންސަށް ފަސޭހައިން ދޭހަވާނެ ގޮތަށް ތަގުރީރުގެ އޮނިގަނޑު ރާވާލާށެވެ. އެއްމެ މުހިންމު ނުކުތާތަކާއި މެދު ވިސްނުން ބަހައްޓައި އެ ނުކުތާތަކަށް ބޮޑަށް ބާރުއަޅާށެވެ.

ތަގުރީރުގެ ފެށޭ ހިސާބަށް އެ ތަގުރީރުގެ އެއްމެ މުހިންމު ނުކުތާތައް ލެވިދާނެއެވެ. ނުކުތާތައް ގެނެސްދޭއިރު އެއަށް ބާރުލިބޭނޭ މިސާލުތަކާާއި ފެކްޓްސް (ޙަޤީޤީ މަޢުލޫމާތުތައް) ހިމަނަން ހަނދާންކުރާށެވެ. ނަމަވެސް މާގިނަ ތަފުސީލުތައް ހިމަނައިގެން ތަގުރީރަށް ބުރަބޮޑު ނުކުރާށެވެ.

ތަގުރީރުގެ ފެށުން

އޯޑިއަންސުގެ ސަމާލުކަން ހުއްޓޭނެ ގޮތަށް ފެށުން ގެންނާށެވެ. އޯޑިއަންސްގެ ޝަޢުޤުވެރިކަން ދަމައިގަނެ، އޯޑިއަންސްގެ ފޯކަސްއަކީ ތިބާ ދެން ގެންނަ ބަސްތަކަށް އިންތިޒާރުކުރެވޭ ވަރުގެ ރަނގަޅު ފެށުމެއް ގެންނާށެވެ.

🎤 ވަރުގަދަ ތަސްވީރެއް – ‘ބޮޑު ގަޑިއެއްގެ މަތިން ހަނދާންކޮށްލަމާތޯ. އެ ގަޑީގެ ކަށީގެ ހިނގުމުގެ އަޑުން ހޯލުތެރެ ގުގުމާލާފައިވާކަމަށް ޚިޔާލަށް ގެންނަވާ. ސިކުންތުތަކާއި މިނެޓްތައް ހިނގަމުންދާ ދިއުމަށް ވިސްނާލައްވާ.’
🎤 މަޖާ! – ‘އަހަރެންގެ ނަސޭހަތުގައި ހިފިދާނެ…. ނަމަވެސް އެއީ އަހަރެން އެއަށް އަމަލުކުރާ ނަސޭހަތްތަކެއް ނޫން.’
🎤 ޝޮކެއް ލިބޭ ފަދަ ނުވަތަ ހައިރާން ކުރުވަނިވި ޙަޤީޤަތެއް – ‘އެތަކެއް މިލިޔަން ނަސްލެއްގެ ދިރޭތަކެތި ދުނިޔެއިން ނެތިގެން ގޮސްފައިވާކަން އެނގިވަޑައިގަންނަވާތޯ!’

އޯޑިއަންސްގެ އިހުސާސްތަކާމެދު ފަރުވާތެރިވެ ވިސްނުން ބަހައްޓަން ވާނެއެވެ. ބައެއް މަޢުޟޫތަކަށް ވާހަކަދައްކާއިރު، މަޖާ ކަންތައްތަކެއް ގެނައުމުން ރަނގަޅު ނަތީޖާއެއް ހާޞިލްކުރެވިދާނެއެވެ. ނަމަވެސް ހުރިހާ ފަހަރެއްގައި، ހުރިހައި އޯޑިއަންސަކާއެކު މިގޮތަށް ކާމިޔާބު ނުވެދާނެއެވެ.

އެހުންތެރިން އެންގޭޖްކުރުވާާށެވެ.

ތަގުރީރެއް ދޭޭއިރު އެހުންތެރިންގެ ސަމާލުކަން ދަމައިގަތުމަށް ބޭނުންކުރާ ބަސްމަގުގެ ބައެއް ޓެކްނިކްތަކަށް ބަލައިލާނަމެވެ.
🎤 ތަކުރާރުކުރުން – ވާހަކަދައްކާ ނުކުތާއަށް ބާރުދިނުމުގެ ގޮތުން ލަފުޒެއް ނުވަތަ ބޭނުންކުރާ ޖުމުލައެއް ތަކުރާރުކުރާށެވެ.
މިސާލަކަށް: ‘އަޅުގަނޑުމެން ދެކެން ބޭނުންވާ ކަންތައް އަޅުގަނޑުމެންނަށް ސާފުވެއްޖެ. އަޅުގަނޑުމެން އެކަމަށް ޢަމަލުރަން އެބަ ޖެހޭ، އަޅުގަނޑުމެން އެންމެން ގުޅިގެން އެކަމަށް ޢަމަލުކުރަން އެބަޖެހޭ.’
🎤 ތަޖުރިބާކާރަކާާއި ހަވާލާދޭށެވެ. ނުވަތަ އަންދާސީ ހިސާބެއް ބޭނުންކުރާށެވެ – މިފަދަ ތަފުސީލުތައް ތަގުރީރެއްގައި ބޭނުންކުރުމުން، އެ ތަގުރީރެއްގައި ދައްކާ ވާހަތައް އެހުންތެރިން ޤަބޫލުކުރާ މިންވަރު ދެގުނައަށް އިތުރުވާނެއެވެ. ޒުވާބުދޭ ކަންކަމަށް ހެކިތައް ހުށައެޅިގެންދާނެއެވެ.
މިސާލަކަށް: ‘އޮންލައިންކޮށް ގިނަ ވަގުތު ހޭދަކުރާ ޒުވާނުންގެ ތެރެއިން ހަތްދިހަ އިންސައްތަ ޒުވާނުން ބުނަނީ، އޮންލައިންކޮށް ގިނަ ވަގުތު ހޭދަކުރާނަމަ، ދުނިޔޭގައި ހިނގާ ކަންތައްތައް ވަގުތުން ވަގުތަށް އަދާހަމަވެފައި ހުންނަކަމަށް.’
🎤 އަޑެއް ތަކުރާރުކުރުން – ވާހަކަދައްކަމުން ދާއިރު، ބޭނުންކުރާ ލަފުޒުތަކުން ވަކި އަކުރެއްގެ އަޑު ތަކުރާރުކުރުމުން އެ ފާހަގަކުރާ ނުކުތާއަކަށް އެހުންތެރިންގެ ސަމާލުކަން ހުއްޓޭ މިންވަރު އިތުރުވާނެއެވެ.
މިސާލަކަށް: މިކަމަށްޓަކައި އިނގިރޭސި ބަހުން ދީފައިވާ ސްޕީޗެއްގެ ތަންކޮޅެއް ހިމަނާލާށެވެ.
‘This situation should send shock waves across our society.’
‘ދިސް ސިޗުއޭޝަން ޝުޑް ސެންޑް ޝޮކް ވޭވްސް އަކްރޮސް އަވަރ ސޮސައިޓީ’

މި މިސާލުން، ‘އެސް އަދި އެސްއެޗް’ އަކުރުގެ އަޑު ތަކުރާރުކޮށްފައިވާކަން ފާހަގަކުރެވޭނެއެވެ.

ޙަޤީޤީ އަންދާސީ ހިސާބުތަކެއް ގެނެސްދިނުމުން އެހުންތެރިންގެ ޝަޢުޤުވެރިކަން ދަމައިގަނެވޭނެއެވެ.
މިސާލު: ‘ފޮނަދޫގެ ނުވަދިހަ ފަސް އިންސައްތަ މީހުންނަކީ ޤަވާއިދާޚިލާފަށް ގޮނޑުދޮށުން ވެލި ނުނަގާ މީހުންކަމަށް ހިސާބުތަކުން ދައްކާ!’
ނިންމުން

ތަގުރީރެއް ނިންމައިލުމުގައި ސީދާ އޯޑިއަންސަށް އަމާޒުވާގޮތަށް ބަސްމަގު ބަހައްޓާށެވެ.
🎤 ‘އަޅުގަނޑުގެ އުއްމީދަކީ މި ފާހަގަކޮށްލި ކަންކަމަކީ ތިޔަބޭފުޅުން ގެއަށް ވަޑައިގަންނަވާ މަގުމަތީގައިވެސް ސިކުނޑީގައި ހަރުލާފައި ހުންނާނެ ފަދަ ކަންތަައްތަކެއް ކަމަށް ވާނެކަމަށް.’
🎤 ‘އަޅުގަނޑުގެ ވާހަކަކޮޅު ވަރަށް ކަަނުލައި އަޑުއެއްސެވީތީ އެންމެހާ ބޭފުޅުންނަށް ޝުކުރުދަންނަވަން!’
🎤 ‘ނިންމާލަމުން އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ ނުކުތާއަކީ…..’

ތަގުރީރު ނިންމައިލުމަށްވެސް ބާރުގަދަ ތަސްވީރެއް ކުރަހައިލެވިދާނެއެވެ. ނުވަތަ ސުވާލެއްވެސް އަމާޒުކުރެވިދާނެއެވެ. ނުވަތަ ހަނދާނުގައި ބަހައްޓާލެވޭނެ ފަދަ ޚިޔާލެއްވެސް ހުށައެޅިދާނެއެވެ.
މިސާލު:
🎤 ‘އަޅުގަނޑުމެންގެ ނާޒުކު ކުރިމަގު ވަނީ ތިޔަބޭޭފުޅުންގެ އަތްމަތީގަ – އެ ކުރިމަގު ހަލާކުކޮށްނުލަމާތޯ!’
🎤 ‘އަޅުގަނޑުމެންނަށް އެހެން ގޮތެއް އެބަ އޮތްތޯ؟’
🎤 ‘އަޅުގަނޑުމެން އެދެނީ މި ދިވެހިރާއްޖެއަށް މާ އުފާވެރި ދުވަސްތަކެއް. ވަލްޙަމްދުލިﷲ!

ހަނދާނުގައި ބަހައްޓާށެވެ.

ކާމިޔާބު އަދި ބާރުގަދަ ތަގުރީރެއްލިޔުމަށް ނުވަތަ ދިނުމަށްޓަކައި ވަރަށް ފަރުވާތެރިކަމާއެކު ޕްލޭންކުރަން ޖެހެއެވެ. ބާރުގަދަ އަދި މަޝްހޫރު ސިޔާސީ ބޭފުޅުން ދެއްވާ ތަގުރީރުތަކަކީވެސް ދުރާލާ ތައްޔާރުވެގެން ދެއްވާ ސްޕީޗްތަކެކެވެ. ބޭރުކޮށްލާ ބަސްތަކާއި، އެ ބަސްތައް ބޭނުންކުރާ ތަރުތީބާއި، އެ ބަސްތައް ބޭރުކޮށްލާ ޓެކްނީކްތަކަކީ ތަގުރީރުގެ މޮޅުކަން ކަނޑައަޅައިދޭ ކަންކަމެވެ.

ތިބާގެ ފަރާތުން އޯޑިއަންސް ނުވަތަ އެހުންތެރިން އެނގެން ބޭނުންވަނީ ކޮން އެއްޗެއްތޯ ވިސްނުމުގައި ބަހައްޓާށެވެ. ތަގުރީރު ނިމުމުން އެ ތަގުރީރުގައި ހާމަކުރި ކަންކަމާމެދު އެހުންތެރިން ދެކޭނީ ކިހިނެއްތޯވެސް ވިސްނުމުގައި ބަހައްޓަންވާނެއެވެ.

0
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top