މިއަހަރު ޖޫން މަހުގެ 22 ވަނަ ދުވަހުން ފެށިގެން ކްލަބްހައުސް މެދުވެރިކޮށް މުނިއަވަސް އިން ގެނެސްދެމުން އަންނަ ’މުނިއަވަސް ނިއުޒް އަވަރ / ނިއުޒް އިން-ޑެބްތު ޓޯކް’ ޝޯވއިން ފިލްމީ ދާއިރާގައި ކުރިއަށްދިއުމަށް ބޭނުންވާ ފަރާތްތަކަށް މޭވަވެތި މަޢުލޫމާތު ތަކެއް ލިބިގެންދާކަން މި ޝޯވ އިން އެނގިގެން ހިނގައްޖެއެވެ.

’މުނިއަވަސް ނިއުޒް އަވަރ / ނިއުޒް އިން-ޑެބްތު ޓޯކް’ގެ ރޭގެ ޝޯއިން މިކަން ވަރަށް ބޮޑަށް ފެނިގެން ގޮސްފައިވެއެވެ. އެގޮތުން ފިލްމީ މަސައްކަތްތަކުގައި ޓެކްނިކަލް ގޮތުންނާއި އެކްޓިންގ އަދި ޑައިރެކްޓިންގައި ބޭނުންކުރެވޭނެ ވަރަށް އަގުހުރި މަޢުލޫމާތުތައް މިހާރު މި ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ފުންނާބުއުސް ފަންނާނުންގެ ފަރާތުން ލިބިގެން އަންނަކަން ފާހަގަކޮށްލެވެއެވެ.

ރޭގެ ޕްރޮގްރާމުގައިވެސް ފިލްމީ ދާއިރާގެ މަޝްހޫރު އާޓިސްޓުން ބައިވެރިވިއެވެ. އެގޮތުން ކުރީގެ މަޝްހޫރު ޑައިރެކްޓަރ ޢީސާ ޝަރީފް، ފިލްމު ޑައިރެކްޓިން އާއި އެކްޓިންގައި މަޝްހޫރުކަން ހޯދާފައިވާ ރަވީ ފާރޫޤް، ސްކްރީން ރައިޓިން އިން ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ މަހްދީ އަޙްމަދު، ކެމެރާ ކުރުމުގައި ހުނަރުވެރި މަސައްކަތްތަކެއް ދައްކަމުން އަންނަ ވިސާން (ކަނޑި)، އާޓް ފިލްމު ހެދުމުގައި މަޝްހޫރު އަޝްއަރް ވަހީދު، ޑައިރެކްޓަރ މުޙައްމަދު އަބޫބަކުރު (މާއެނބޫ)ގެ އިތުރުންވެސް، އިތުރު އެކްޓަރުންނާއި ޓެކްނިކަލް ފަންނާނުން ބައިވެރިވިއެވެ. މި އާޓިސްޓުންގެ ފަރާތުން ވަރަށް އަގުހުރި މަޢުލޫމާތާއި ފިލާވަޅުތަކެއް ލިބިގެން ދިޔަކަން ރޭގެ ޕްރޮގްރާމުގައި ބައިވެރިވި ފަރާތްތަކުން ހާމަކުރިއެވެ.

’މުނިއަވަސް ނިއުޒް އަވަރ / ނިއުޒް އިން-ޑެބްތު ޓޯކް’ ޝޯވ ކޮންމެ ރެއަކު 10:00 ގައި ގެނެސްދޭނެއެވެ. މި ޕްރޮގްރާމުގައި މުނިއަވަސް ޑޮޓްކޮމްގައި ޝާއިއުކޮށްފައިވާ ޚަބަރުތައް ގެނެސްދިނުމަށްފަހު ފިލްމީ އަދި މިއުޒިކީ ދާއިރާގެ ފަންނާނުން، ދާއިރާއާއި ގުޅުންހުރި އެކިއެކި މަޢުޟޫތަކަށް ވާހަކަދެއްކުމަށް ވަގުތު ހުޅުވައިލައެވެ. އެގޮތުން މި ޝޯވ ބައެއް ރޭރޭ ދެގަޑިއަރަށް ނުވަތަ ދެގަޑިއިރާ ބަޔަށްވެސް ދެމިގެންދެއެވެ.

’މުނިއަވަސް ނިއުޒް އަވަރ / ނިއުޒް އިން-ޑެބްތު ޓޯކް’ ޝޯވއަށް މުހިންމު ބަދަލުތަކެއް ގެނައުމަށް ހަމަޖެހިފައިވެއެވެ. އެ ބަދަލުތަކުގެ ތަފުސީލު މިރޭގެ ޝޯގައި ލިބިގެންދާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.