މިއަހަރުގެ މިނިވަން ދުވަހަށް ޚާއްޞަކޮށްގެން މަޝްހޫރު ޑައިރެކްޓަރ އަމްޖަދު އިބްރާހީމް (އަމްޖޭ) ހަދާ ޚާއްޞަ ލަވައިގެ ޝޫޓިން ނިންމައި އެޑިޓިންގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އަމްޖޭ ބުނެފިއެވެ. މަޝްހޫރު ކޮމޭޑިއަން ޝާޒްގެ ދަރިފުޅާއި މަޝްހޫރު އެކްޓަރ މަނިކްގެ ދަރިފުޅާއި އިތުރު ކުޑަކުދިންތަކެއް ހިމަނައިގެން ހަދާ މި ލަވައަކީ އާދައިގެ ލަވައެއް ނޫންކަމަށްވެސް އަމްޖޭ ވަނީ ބުނެފައެވެ.

“މި ދަތި ދަނޑިވަޅުގަ ވަރަށް ގިނަ ކުދިން މި ލަވައިގަ ބައިވެރިވެގެން މި ލަވަ އެއްކޮށް ނިންމާލީ. މި ލަވައިގެ އެންމެ ޚާއްޞަކަމަކީ އަޅުގަނޑުމެން ނަގާފަވާ އެންމެ އުނދަގޫ ލަވަލަވައަށް ވުރެންވެސް އަސްލު އުނދަގޫވި މި ލަވަ ނަގަން. އެއީ ކުޑަކުދިން ލައްވައި އެކްޓްކުރުވާފަ އޭގެ އިތުރަށް ވާރޭ ވެއްސުމާ އެކަންތައްތައްވެސް ބައެއް ތަންތަންކޮޅުގަ ހުރުމާއެއްކޮށް ފުދޭވަރަކަށް ބޮޑު މަސައްކަތެއް ކުރަން ޖެހުނު.” ލަވައިގެ ޝޫޓިން ކުރިއަށްދިޔަ ގޮތް މުނިއަވަސް އާ ހިއްސާކުރަމުން އަމްޖޭ ބުންޏެވެ.

“މި ލަވަ ނެގުމުގަ އެންމެ ފަހުގެ އިކުއިޕްމެންޓް، ހުރިހާ ވައްތަރެއްގެ ބޭނުންކޮށްފަ ހުންނާނެ.” މި ލަވަ ނެގުމުގައި އެހީތެރިވި ހުރިހައި ފަރާތްތަކަށް ޚާއްޞަ ޝުކުރެއް އަދާކުރަމުން އަމްޖޭ ފާހަގަކުރިއެވެ.

“އަޅުގަނޑާއެއްކޮށް މި ލަވަ ނެގުމުގަ ބައިވެރިވި ޓެކްނިކަލް ޓީމު ފާހަގަކުރަން. އެގޮތުން ގީސް، ޝާޒް، މަނިކް، ސުހައިލް، ބޭބީ ނަޝީދު، މި ބޭބޭފުޅުންގެ އެހީތެރިކަން އަޅުގަނޑަށް ލިބުނު މި ލަވަ ނެގުމުގަ.”

“ފުދޭވަރެއްގެ ބޮޑު ހޭދައެއް ކޮށްގެން އަޅުގަނޑު މި ލަވަ އުފެއްދީ. ދެން މި ހޭދަކުރުމުގަވެސް އަޅުގަނޑަށް އެހީތެރިވެދިން ފަރާތްތައް އެބަ ތިބި. އެ ފަރާތްތަކުގެ ނަންވެސް މި ފުރުޞަތުގަ ފާހަގަކޮށް އެ ފަރާތްތަކަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.” ހޭދަކުރުމުގައި އެހީތެރިވެދިން ފަރާތްތަކުގެ ނަން ހާމަނުކޮށް އަމްޖޭ ފާހަގަކުރިއެވެ.

“ޚާއްޞަކޮށް އަޅުގަނޑުގެ ވަރަށް ގާތް އަޚެއް، އޭނާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެން މި ލަވަ މި ނިންމީ.”

މިއީ މަޝްހޫރު ޅެންވެރިޔާ ދަރަވަންދޫ ނާޝިދު ހައްދަވާފައިވާ ޅެމަކަށް ކިޔާފައިވާ ލަވައެކެވެ. މިއުޒިކް ހެދީ އައްޔުމަން ޝަރީފެވެ. އަމްޖޭގެ ކޮންސެޕްޓަކަށް ހަދާ މި ލަވައަކީ މިހާރުގެ ހާލަތާ ގުޅޭގޮތުން ދުޢާއެއްގެ ގޮތުގައި ގެނެސްދޭ ލަވައެއް ކަމަށް އަމްޖޭ ބުންޏެވެ.

މީގެ އެތަކެއް އަހަރުތަކެއް ކުރިން އަމްޖޭ ރެކޯޑިން ހެއްދި މި ލަވައިގެ ކޮޕީއެއް އަޅުގަނޑުމެން އަޑުއަހައިލުމަށް އަމްޖޭ ހިއްސާކުރިއެވެ. މިއީ ޤައުމީ ޖޯޝާ ފޯރި އެކުލެވިގެންވާ ހިތްގައިމު ލަވައެއްކަން ފާހަގަކޮށްލެވެއެވެ.

“މި ލަވަ ކިޔައިދީފަ ވަނީ ކުޑަކުދިންކޮޅެއް. އެ ހުރިހާ ކުދިންގެ ނަންތައް އަޅުގަނޑު މިވަގުތު ހަނދާނެއް ނެތް.” އަމްޖޭ ބުނީ މި ލަވަ ކިޔުމުގައި ބައިވެރިވި ކުދިންވެސް މިހާރު ތިބޭނީ ބޮޑުވެފައި ކަމަށާ މިއީ މީގެ އެތަކެއް އަހަރެން ކުރިން ޤައުމީ ލަވައެއްގެ ވީޑިއޯ ހެދުމަށް އޭނާ ރެކޯޑްކުރުވި ލަވައެއް ކަމަށެވެ. ލަވައިގެ ޅެން ހެދުމާއި މިއުޒިކް ހެދުމުގައި އަދި ލަވަ ކިޔުމުގައި ހިއްސާވި ފަރާތްތަކަށް ޝުކުރުވެރިވާކަންވެސް އަމްޖޭ ފާހަގަކުރިއެވެ.

“އަދި ކިރިޔާ މި ލަވައަށް ވީޑިއޯ ހެދޭގޮތް މި ވީ. އަޅުގަނޑުގެ އަމާޒަކަށްވީ މި ލަވައިގެ ވީޑިއޯ އަޅުގަނޑު އަމިއްލައަކަށް އަމިއްލަ ޚަރަދުގަ ހެދުން.”

މި ލަވައިގެ ޝޫޓިން ކުރިއަށް ގެންދިއުމުގައި ޑިފެންސް މިނިސްޓްރީގެ ފަޔަރ ސެކްޝަނުން ލިބުނު އެހީތެރިކަން ފާހަގަކޮށް ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރާ ކަމަށްވެސް އަމްޖޭ ބުންޏެވެ.

މިހާރު އެޑިޓިން ނިންމައި ޕޮލިޝްކުރުމުގެ މަރުހަލާގައި އޮތް މި ލަވަ ރާއްޖޭގެ ހުރިހައި ޗެނަލަކުންވެސް ދައްކަން އަމްޖޭ ބޭނުންވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.