ކްލަބްހައުސް ގައި މުނިއަވަސް އިން ގެނެސްދެމުން އަންނަ ‘މުނިއަވަސް ޚަބަރު / ކޯދު: އިންޑެޕްތު ނިއުސް ޓޯކް’ ޝޯވގެ މިރޭގެ އެޕިސޯޑްގައި “ފަތިސްހަނދުވަރު” ފިލްމުގެ ކާސްޓް، ލަވަކިޔުންތެރިންގެ އިތުރުން ކްރޫއާއެކު ޚާއްޞަ ޝޯއެއް ކުރިއަށްގެންދާނެއެވެ.

މިއީ މީގެ 24 ވަރަކަށް އަހަރު ކުރިން ރިލީޒްކުރި ”ފަތިސްހަނދުވަރު“ ފިލްމާއި ގުޅުންހުރި ފަރާތްތަކުން އެ ފިލްމު އުފެއްދުމުގެ މަސައްކަތްތައް ކުރިއަށްދިޔަ ގޮތާ ބެހޭގޮތުން ވާހަކަދެއްކުމަށް މިމަހުގެ11 ވަނަ ދުވަހުގެ ރޭ މުނިއަވަސް އިން ގެނެސްދިން ޓޯކް ޝޯވގެ ދެވަނަ އެޕިސޯޑެވެ.

މިރޭގެ ޝޯވގައި ފިލްމުގެ ލީޑް ރީކޯ މޫސާ މަނިކް، ނިޢުމާ މުޙައްމަދު، ފިލްމަށް ހިތްގައިމު ލަވަތަކެއް ކިޔައިދީފައިވާ ޢަބްދުލް ހަންނާން، ޒޫނާގެ އިތުރުން، ފިލްމުގެ ކާޓުންގެ މޭކަޕާއި އެހެނިހެން ބައެއް ޓެކްނިކަލް މަސައްކަތް ކޮށްފައިވާ ފީރޯޒް އައިސްތުގެ އިތުރުންވެސް އިތުރު ފަރާތްތަކެއް ބައްދަލުކުރާނެއެވެ. މި ޝޯވގައި ވެސް ފިލްމުގެ ޑައިރެކްޓަރު ޢީސާ ޝަރީފް ބައްދަލުކުރާނެއެވެ.

މިރޭގެ އެޕިސޯޑްގައި ފިލްމުގެ ކާސްޓާއި ލަވަކިޔުންތެރިން އަދި ޓެކްނިކަލް ކްރޫއާ ސުވާލުކުރުމުގެ ފުރުޞަތު، ކުރީގެ ޝޯވއަށް ވުރެން ބޮޑަށް ހުޅުވައިލުމަށް ނިންމާފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.