ވާހަކަ ލިޔުންތެރިޔާ މަރިޔަމް މޫސާ (މަރީ) ލިޔެެޑައިރެކްޓް ކޮށްފައިވާ ފުރަތަމަ ފީޗާ ފިލްމުު “ތިޔަ ލޯތްބާ ދުރަށް” ގެ ޓީޒާ ޓްރެއިލަރ ދައްކާލައިފި އެވެ.
ފިލްމުގެ ޓީޒާ ބެލުންތެރިންނާއި ހަމައަށް ދޫކޮށްލާފައިވާއިރު، މި ޓީޒާ އިންވެސް މިއީ އިޝްގީ އަދި ޖަޒުބާތީ އަސަރުތައް އެކުލެވޭ ފިލްމަކަށް ވާނެ ކަމަށް ބެލެވެ އެވެ.
އަހުމަދު އަޒްމީލް (އަޒޭ) އާއި ޒުވާން ބަތަލާ މަލީހާ ވަހީދު (މަލް) ލީޑް ރޯލް ކުޅެފައިވާ މި ފިލްމްގެ މުހިއްމު ރޯލަކުން ލަންކާގެ ބަތަލާ އުދޭނީ ފެނިގެންދާނެ އެވެ. އިތުރު ތަރިންގެ ތެރޭގައި އަހުމަދު އަމަން (ޓޮމް) އާއި އޭނާގެ އަންހެނުން މަރިޔަމް ޝަހްޒާ ވެސް ހިމެނެ އެވެ.
މި ފިލްމުގައި ޖުމްލަ ހަތަރު ލަވަ ހިމެނޭ އިރު ކުރީގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ އަލީ ރަމީޒާއި ފަޒީލާ އާމިރު ކިޔާފައިވާ ލަވައެއްވެސް ހިމެނެ އެވެ.
މި ފިލްމާއި މެދު މަރީ ބުނީ މިއީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ކަހަލަ ވާހަކައަކަށް ހަދާފައިވާ ފިލްމެއް ކަމަށެވެ.
“މީގެ ކުރިން އަހަރެންގެ ވާހަކަތަކަށް ހެދި އެއްޗެހިތައް ވެސް ވަރަށް ކާމިޔާބު. ބެލުންތެރިންނަށް ވަރަށް ކަމުދިޔަ، އެހެންވީމަ މި ފިލްމު ވެސް ހަމަ ބެލުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދު ކުރަނީ.” އޭނާ ބުންޏެވެ.
ފިލްމު ކެމެރާކޮށްފައިވަނީ އަލީ ރަޝީދު (ގޮޅާ އައްޔަ) އެވެ. ޕްރޮޑިއުސްކުރަނީ ޓެކްނޯ މީޑިއާ އިންނެވެ. މިއީ ފިލްމުގެ ޑައިރެކްޓަރ މަރިޔަމް މޫސާ އާއި އޭނާގެ ފިރިމީހާ އަދި ކުރީގެ ޑައިރެކްޓަރު ހުސައިން އާދިލްގެ ޕްރޮޑަކްޝަން ހައުސްއެކެވެ.
