ސީރީޒް ފެށިގެން އަންނަނީ މުޙައްމަދު ފައިސަލް (ވިޖާދު)ގެ އަންހެނުން ނާޝިދާ މުޙައްމަދު (އާތިކާ) ގެއިން ނުކުންނަ ހިސާބުންނެވެ. ހަމަ އެހެންމެ އަޙްމަދު އީސާ (މާކިލް)ގެ އަންހެނުން މަރްޔަމް މަޖްދާ (ސަހާ) އާއި ދެމީހުންގެ އަރައިރުންވުމަކުންނެވެ. ސަހާ ވަރިވާން ބޭނުންވާކަމަށް ބުނެއެވެ.

ދެން ފެންނަނީ އޭގެ ދުވަސްކޮޅެއް ކުރީގެ ހާލަތެވެ.

ޖޮގިން ނިންމާފައި އައިސް ފައިސަލް އޭނާގެ އަންހެން ދަރިފުޅަށް ގޮވައެވެ. ސްކޫލަށް ދާން ތައްޔާރުވުމަށް ފާޚާނާއަށް ވައްދައެވެ. އެއަށްފަހު އޭނާގެ އަންހެނުން ނާއްކޮއަށް ގޮވައެެވެ.

ނުޒުހަތު ޝުޢައިބް (ޒޭބާ) ފެންނަނީ ނަމާދުކުރަން މުސައްލަމަތީގައި އިނދެ ހިތާމަތަކެއް ކުރާ ތަނެވެ. ނުޒޫގެ ހަޔާތުގައި އެކަނިވެރިކަން ވާކަން އެނގިގެންދެއެވެ. ނުޒޫއާއި އޭނާގެ ދޮންތަގެ ވާހަކަތަކުންނެވެ.

އަޙްމަދު އީސާ (މާކިލް) ނިދަން އޮއްވާ މަޖްދާ ގޮސް އޭނާގެ ފިރިމީހާއަށް ގޮވައެވެ. އޮފީހަށް ގެންގޮސްދިނުމަށް އެދެއެވެ. ނަމަވެސް ޓެކްސީއެއްގައި ދިއުމަށް ބުނެ އަނެއްކާވެސް ނިދައެވެ. ހިނގާފައި ގޮސްދާނެ ކަމަށް ބުނެ، ސައި ނުބޮއެ ނުއޮތުމަށް މާކިލް ގާތުގައި ވަރަށް ލޯބިން ބުނެ އޮފީހަށް ދާން ނުކުމެއެވެ.

ނުޒޫ އަކީ މުދައްރިސެކެވެ. ސްކޫލަށް ދިއުމަށް ނުކުތުމުގެ ކުރިން، ޓިއުޝަން ހޯދުމަށް ބޭނުންވެ މީހުން ޖަހާފައިވާ އިޝްތިހާރު ތަކަކުން ނަންބަރަކަށް ގުޅާލައެވެ. ފޯނު ނަގަނީ ނިދަން އޮތް ނާއްކޮ (އާތިކާ) އެވެ. ނުދަންނަ ނަންބަރެކޭ ބުނެ ފޯނު ނިވައިލާ އާތިކާ އަލުން ނިދައެވެ.

ފައިސަލް އޮފީހަށް ގޮސް އޭނާގެ ކެބިންއަށް ވަދެއެވެ. ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރުގެ ކެބިން އަށެވެ. ގޮނޑީގައި ހަމަޖެހިލުމަށް ފަހު ފޯނުން ގުޅާލައި އެ އޮފީހުގައި އިންނަ މަޖްދާ (ސަހާ) އަށް ގުޅައި އޭނާގެ ކެބިންއަށް އައުމަށް އެދެއެވެ.

މިއީ ކޯކޯ ސްޓޫޑިއޯގެ ފުރަތަމަ ވެބް ސީރީޒް “ލޯބިވިޔަސް”ގެ ފުރަތަމަ އެޕިސޯޑުން ބައެއްގެ ޚުލާޞާއެކެވެ. މި ސީރީޒްގައި ދައްކައިދެނީ ފާހަގަ ކޮށްލެވުނު މީހުންގެ ހަޔާތުގެ ތަފާތު ލޯބީގެ ވާހަކަތައްކަމަށް ސީރީޒުން މިހައިތަނަށް ސްޓްރީމްކުރަން ފަށާފައިވާ ތިން އެޕިސޯޑުން އެނގެއެވެ.

ޑްރާމާ ސީރީޒް “ލޯބިވިޔަސް” އަކީ 08 އެޕިސޯޑްގެ ޑްރާމާ ސީރީޒެކެވެ. ސީރީޒް ޑައިރެކްޓް ކޮށްފައިވަނީ ހުނަރުވެރި އެކްޓަރު މުޙައްމަދު ފައިސަލް އެވެ. މިއީ މަރިޔަމް މޫސާ ލިޔެފައިވާ ވާހަކައެެއްގެ މައްޗަށް އުފައްދާފައިވާ ސީރީޒެކެވެ. ކެމެރާކުރީ ކޮކޯ ހަސަން އެވެ.

ލޯބިވިޔަސް”ގެ ވަރަށް މުހިންމު ރޯލަކުން ފައިސަލް ފެނިގެންދާއިރު، މި ސީރީޒުން ފެނިގެންދާ މުހިންމު ތަރިންގެ ތެރޭގައި ނާޝިދާ މުޙައްމަދު (ނާއްކޮ)، ނުޒުހަތު ޝުޢައިބް (ނުޒޫ)، އަޙްމަދު ޢީސާ (އާނަންދު)، މަރްޔަމް މަޖުދާ (މަޖޫ)، އަޙްމަދު އާސިމް ހިމެނެއެވެ.

މީގެ އިތުރުން ސަޕޯޓިން ރޯލުތަކުން ފެނިގެންދާނީ ފާޠިމަތު ފައިނާ، އަޙްމަދު ޝާން، މުޙައްމަދު ރިފްޝާން (ރިއްޕެ)، އާމިނަތު ޝަމްރާ، ޢާއިޝަތު ޝިފާނާ، މުޙައްމަދު ރަޝާދުގެ އިތުރުން ފިލްމީ ދާއިރާއަށް އަލަށް ތަޢާރަފުވާ ޢަބްދުﷲ މާއިޒް އަޙްމަދު އެވެ.

ހަސަން ހަލީމް (ކޮކޯ)ގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް ’ކޮކޯ ސްޓޫޑިއޯ‘ އިން އުފައްދާފައިވާ ޑްރާމާ ސީރީޒް ”ލޯބިވިޔަސް“ ދައްކަން ފެށީ މިދިޔަ އޯގަސްޓް މަހު 26 އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.