ސާފް ޗެމްޕިއަންޝިޕް 2021ގެ ދެވަނަ މެޗުގައި މިރޭ ނޭޕާލާ ދެކޮޅަށް ދިވެހިރާއްޖެ ނުކުތް މެޗު 0-1 ގެ ނަތީޖާއަކުން ނޭޕާލް ކުރިހޯދައިފިއެވެ.
މުޅި މެޗުހެން ދިވެހިރާއްޖޭގެ ޓީމުން ކޮންޓްރޯލްކޮށް މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބެއް ނުކުރެވުނެވެ. ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ގިނަ ފުރުޞަތުތަކެއް ވަނީ ދިވެހިރާއްޖެ ޓީމަށް ލިބިފައެވެ.
ފުރަތަމަ ހާފާ އަޅާބަލާއިރު ނޭޕާލްގެ ޓީމުން ދެވަނަ ހާފުގައި ވަރަށް ބޮޑަށް ކުރިއަށް ޖައްސައިގެން ކުޅުނުކަން ފާހަގަކުރެވުނެވެ. ނަމަވެސް ލަނޑެއް ކާމިޔާބު ނުވެ ދިޔުމުން ފަހު ވަގުތު ކައުންޓަރ އެޓޭކަށް ވިސްނައި ލިބުނު ފުރުޞަތުގައި މެޗުގެ ހަމައެކަނި ލަނޑު ނޭޕާލަށް 86 ވަނަ މިނެޓުގައި ޖަހައިދިނީ ޓީމުގެ މިޑްފީލްޑަރު، ޖޯޒީ ނަންބަރު އެކާވީސް މަނީޝް ދަންގީއެވެ. ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ 5 މިނެޓު ތެރޭގައި ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުޞަޠުތަކެއް ލިބި، ވަނީ ދިވެހިރާއްޖެއަށް ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ. އެއްވެސް ރަތް ކާޑެއް ފެނިފައިނުވާ މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ރީނދޫ ކާޑު ފެނިގެންދިޔައެވެ.
މުބާރާތުގައި ދެން ނޭޕާލް ނުކުންނާނީ މިއަދު ހަވީރު ބަނގްލަދޭޝް އަތުން ބަލިވި ސްރީލަންކާއާ ދެކޮޅަށެވެ. އޮކްޓޫބަރު 04 ވާ ހޯމަ ދުވަހުގެރޭ މިމެޗު ކުޅެން ހަމަޖެހިފައިވާއިރު ދިވެހިރާއްޖެ ދެން ނުކުންނާނީ މިމަހުގެ 07 ދުވަހުގެރޭ ބަނގްލަދޭޝްއާ ދެކޮޅަށެވެ.
