އެއްމެ ތުއްތު އިރުންސުރެ ފިލްމުކުޅުމަށް ޝައުގުވެރިކަން ހުރި މުޙައްމަދު ވިޝާލް (ރޯމަން) ފިލްމީ ދާއިރާއަށް ސީދާ ނުކުތީ ދިވެހި ފިލްމީ ހަޔާތުގައި އުފެއްދި އެންމެ ކޮންޓްރޮވާރޝަލް ފިލްމީ މަސައްކަތުގެ ލީޑުންނެވެ. އެހެން ނަމަވެސް، ރޯމަން އެކްޓިންއަށް ނުކުތީ ހިތްގައިމު ބަތޮލާ މަލީހާ ވަހީދު (މަލް) އާއެކު ވީޑިއޯ ލަވައަކުން ކަމަށްވެސް ބުނެވިދާނެއެވެ.

ރޯމަންގެ އެކްޓިން އާއްމުކޮށް ފެންނަން ފެށީ ‘މިއުޒިކަލީ’ އެޕްލިކޭޝަނުންނެވެ. މިހާރު، ޓިކްޓޮކްގެ ނަމުގައި މަޝްހޫރުވެފައިވާ އެޕްލިކޭޝަނުންނެވެ. ވެބް ސީރީޒް “އެހެނަސް” އިން ރޯމަން އަށް ފުރުޞަތު ދިނީ ލިޔުންތެރިޔާ އަޙްމަދު އިޤްބާލު (އައިކިއު) އެވެ.

ގިނަ ޕްރޮޖެކްޓްތަކެއްގައި މަސައްކަތްކުރުމުގެ ފުރުޞަތު ލިބިފައިވާ ރޯމަން މި ދުވަސްކޮޅު އޭނާގެ ވަގުތުތައް ހުސްކޮށްލައިގެން ހުރީ ޑާކް ރެއިން އެންޓަޓެއިންމެންޓުން އުފައްދަމުންް އަންނަ ވެބް ސިރީޒް “ގިރިޓީ ލޯބި”ގެ މަަސައްކަތްތަކަށެވެ.

ފިލްމީ ދާއިރާއިން ކުރިއަށް ދެވެން އޮތް ވަރަކުން ކުރިއަށްދާން ވިސްނައިގެން ހުރި ރޯމަން އާ މުނިއަވަސް އިން ބައްދަލުކޮށްލައި ގިނަ ވާހަކަތަކެއް ދައްކައިލީމެވެ. ވިޝާލް ނުވަތަ ރޯމަންގެ ވާހަކަތައް އަހަރުމެން އޮޅުންްފިލުވަން ފެށީ އޭނާގެ ސްކޫލު ދައުރާ ހިސާބުންނެވެ.

ސްކޫލުގައި އުޅުނުއިރު، ސްކޫލް ޑްރާމާސް ނުވަތަ އެކްޓިން ފަދަ ކަންކަމުގެ ތެރޭގަ އެއްވެސް ވަރަކަށް އުޅުނިންތަ؟

  ކުޑައިރު އަހަންނަކީ ވަރަށް ލަދުރަކި ވަރަށް އިންޓްރޮވާރޓެޑް (ލަދުރަކި، މަޑުމައިތިރި އަދި އެކަނި ވަގުތުހޭދަކުރަން ލޯބިކުރި) މީހެއް. ސްކޫލު ދައުރުގަ އިތުރު ހަރަކާތްތަކުގަ ވަރަށް ޕާޓިސިޕޭޓް ނުވަން. އެހެން ނަމަވެސް އެކްޓަރަކަށް ވުމަކީ އެންމެ ކުޑައިރުއްސުރެވެސް ބޭނުންވި ކަމެއް. އެކަމަކު ސްކޫލު ދައުރުގަ ނުހުރޭ އެ ކޮންފިޑެންސެއް މީހުން ކުރިމަތީ އެކްޓިންގެ ޓެލެންޓް ދައްކާކަށް. ސްޕެލިންގ ބީ ނުވަތަ އިނގިރޭސި ބަހާ ގުޅުން ހުންނަ ކަމެއްގަ ވެއްޖެއްޔާ ބައިވެރިވަނީވެސް.

އެހެންވީމަ، އެކްޓިންއަށް ނުކުންނަން ކޮންފިޑެންސް ބިލްޑްވީ ކިހައި ހިސާބެއްގަ އަދި އެއީ ކިހިނެއް؟

  ކޮންފިޑެންސް ލިބުނީ މާލެ އައިސް އެކަނި ދިރިއުޅެން ފެއްޓި ހިސާބުން. އަހަރެންގެ ފުރަތަމަ ޓީވީ ފެނިލުމަށް ވާނީ 2016ގަ މަލީހާ ވަހީދުއާ އެއްކޮށް ކުޅުނު ‘އަބަދު މަގޭ ހިތް’ ލަވައިން. އެ ލަވަ ކުޅުނު އިރު ވަރަށް ކުޑަ ވާނެ އަސްލު. އޭރު 17 އަހަރު. ދެން ވަރަށް ބޮޑަށް ކޮންފިޑެންސް ލިބުނު ޓިކްޓޮކް މެދުވެރިކޮށް. ދެންމެ މި ބުނި ލަވަ ކުޅުމުގެ ކުރިންވެސް ރޯމަންއަކީ ދޭތެރެދޭތެރެއިން ޓިކްޓޮކް ކުޅޭ މީހެއް.

ވެބް ސީރީޒް “އެހެނަސް” ކަހަލަ ބޮޑު ޕްރޮޖެކްޓަކަށް އާނ ބަސް ބުނިއިރު އޭގަ އަދާކުރި ނިޔާޒުގެ ރޯލު، ރަވީ ބޭނުންވާ ފެންވަރުގަ ޖެއްސޭނެ ކަމުގެ ޔަޤީންކަން އޮތްތަ؟

ނޫން. “އެހެނަސް”އަށް އާނއެކޭ ބުނި އިރު ހީއެއް ނުކުރަން މީހުން ބަލައިގަންނަ ވަރު އެކްޓިންއެއް ނުވަތަ ނިޔާޒުގެ ކެރެކްޓަރ ޕުލް އޯފް ކުރެވޭނެއެކޭ. އެއީ ވަރަށް ވެސް ކޮންޓްރޮވާރޝަލް ކެރެކްޓަރއެއް. އެކްޓިންގެ މާނައަކީ ކަރުނަ އަޅައި މޮޅަށް ރޯލުން އެކަނި ނޫންކަން ރަނގަޅަށް ދަސްވި “އެހެނަސް” ސީރީޒްގެ ސަބަބުން…. ދެން އިޤްބާލް، ރަވީ، ރިޝްމީގެ ވަރަށް ބޮޑު އެހީއާއި އެއްކޮށް އިންޝާﷲ، ނިޔާޒު ކެރެކްޓަރ ދެކެ ލޯބިވި ގިނަ ބެލުންތެރިން. ރޯމަން މިހާރުވެސް “އެހެނަސް” ބަލާފަ ހިތަށް އަރާ އަދި މިއަށްވުރެ ފުރިހަމަ ކުރެވޭނެ އޭ.

އެކްޓިންއަށް ޝައުޤުވެރިކަން އުފެދުނީ އެއްވެސް އެކްޓަރެއް، އައިކަންއެއް ގޮތަށް ނަގައިގެންތަ؟ އެހެން ނަމަ އެއީ ކޮންބައެއް؟

ނުނަގަން އައިކަންއަކަށް މީހެއް، ނުވަތަ މިވެނި މީހެއްގެ އެކްޓިންއެއް ބަލާފަ ހިތަކަށް ނާރާ މިހެން އެކްޓްކުރާނަމެކޭ. އަބަދުވެސް ހިތަށް އަރަނީ ޓީވީން ކެރެކްޓަރއެއް ފެނުނަސް، އެ ކެރެކްޓަރ ރޯމަން ކުޅޭނީ ކިހިނެއްކަން. ނޫނީ ރޯމަން އެ ކެރެކްޓަރ ކުޅެފިއްޔާ އިންނާނީ ކިހިނެއްބާއޭ. އެއީ އަހަރެން ޝަޢުޤުވެރިކަން އުފެދުނު ގޮތް.

ރޯމަން، އެޑްމަޔަރ ކުރަނީ ކޮން އެކްޓަރެއް؟

  ރޯމަންއަށް ވަރަށް ވަރަށް ކަމުދޭ ޝާހް ރުކް ޚާން.

އުއްމީދުކުރާ ވަރަށް އެކްޓިން ކެރިއާގަ ކުރިއެރުން ލިބެމުން އެބަ އާދޭތަ؟

  އުއްމީދެއް ނުކުރަން އެހެން ޕްރޮޑަކްޝަން ހައުސްއަކުން ރޯމަން އަށް ޕްރޮޖެކްޓެއް ދޭން ގުޅާނެ ކަމަކަށް. އެއީ ރޯމަން ކުޅުނީ ރަނޑު ފިރިހެން ކުއްޖެއްގެ ރޯލު ވީމަ މީހުން އަސްލަށްވެސް ހީކުރީ އެއީ ރޯމަން ކަމަށް. އެކަމަކު ރޯމަން އާ އެއްކޮށް އުޅުނީމަ ދޯ އެނގޭނީ އަސްލު ރޯމަން. އެކަމަކު ހީކުރި ގޮތެއް ނޫން ވީކީ.

އަދި ރިލީޒް ނުވެ ވެސް ބައިވަރު ޕްރޮޖެކްޓްތައް އެބަ ހުރި. ދެން މަޑުމަޑުން އަހަންނަށް އެ ދިމާއަށް (ކުރިއެރުމާ ދިމާއަށް) މި ދެވެނީ.

ރޯމަން ބޮޑަށް މަޝްހޫރުވާން ފެށީ ކޮން ކަމަކާ ގުޅިގެން ކަމަށް ދެކެނީ؟

  ޓިކްޓޮކް ކުޅެން ފެށީމާވެސް އަސްލު ވަރަށް ގިނަ މީހުންނަށް އެނގެން ފެށި. ދެން ހަމަ “އެހެނަސް” އެކަމަކު އަސްލު ބުނެވޭނީ.

އެކްޓިންގަ މިހާތަނަށް ކުރެވުނު އެންމެ އުނދަގޫ މަސައްކަތަކީ ނުވަތަ ޕްރޮޖެކްޓަކީ ކޮބާ؟ އެއީ ކީއްވެ؟

  އަދި މިހާތަނަށް ކުޅެވުނު އެއްޗެހީގެ ތެރެއިން “އެހެނަސް” އަށްވުރެން ޗެލެންޖިން އަދި އުނގަދޫވި ޕޮރޮޖެކްޓެއް ނެތް. ދެން ކުރިއަށް އޮތް ތަނުގަ އެ ބީޓްކޮށްލެވޭ ވަރުގެ ކެރެކްޓަރއެއް ލިބޭނެ ކަމަށް މި އުއްމީދު ކުރަނީ.

މި ދާއިރާގަ ރޯމަން އެންމެ އުފާވި ކަމަކީ ކޮބާ؟

  ވަރަށް އުފާވި ޑާކްރެއިންގެ ޕްރޮޖެކްޓްގެ ލީޑް ރޯލު ކުޅެލަން ލިބުނީމަ. އަބަދުވެސް ވޯރކްކޮށްލަން ބޭނުންވި ބައެއް އެއީ.

އެކުގައި މަސައްކަތްކުރި ފަރާތްތަކުގެ ކިބައިން ދަސްވި އެންމެ މުހިންމު ކަމަކީ ކޮބާ؟

  އެކުގައި ވޯރކްކުރެވިއްޖެ މިހާރު ތިބި އެއްމެ ފުންނާބު އުސް ތަރިންނާއެކު. އެއްމެ މުހިންމު އެއްކަމަކީ ޕޭޝަންސް. އޭތި އެއީ ރޯމަންގެ ލެކްވާ އެއްޗެއް. އެކަން ވަރަށް ބޮޑަށް ދަސްވި.

ރޯމަންއާ މެދު މީހުންނަށް ކުރެވޭ އެއްމެ ބޮޑު ކުށްހީ އަކީ ކޮބާ؟

  ރޯމަންއާ މެދު ކުރެވޭ އެއްމެ ބޮޑު ކުށްހީ އަކީ ބައެއް މީހުން، ޚާއްޞަކޮށް ފިރިހެން ކުދިން ރޯމަންއާ ދިމާއަށް މަގުމަތިން ކިޔާ އެއްޗެހި. އެއީ ތެދެއް ނޫންކަން. އަދި ރޯމަން އަކީ ފޮނިކަމުން ގޮސް ހައްދު ފަހަނައަޅާފައި ހުންނަ މީހެއްކަމަށް މީހުންނަށް ހީކުރެވުން. އެއީ މުޅިންވެސް ކުރެވޭ ކުށްހީ.

ދެން ކޮށްލާނަން ތަންކޮޅެއް ޒާތީ ސުވާލުކޮޅެއް. ރޯމަން އަކީ ވަރަށް ރުޅިގަދަ މީހެއް ކަމަށް އެހެން މީހުންނަށް ބުނެވިދާނެތަ؟

  އަސްލު އާއްމުކޮށް އަހަރެން ރުޅިގަދައެއް ނުވާނެ. ވަރަށް ކެތްގަދަވާނެ. ދެން އެކަމަކު އަންނާނެ ޕޮއިންޓެއް. އެ ލިމިޓް ކްރޮސް ވެއްޖެއްޔާ ރޯމަން ބަދަލުވާނެ އެހެން މީހަކަށް. ރޯމަން އަށް ވެސް ނޭނގޭ މީހެއް އެއީ. ރުޅިގަދަ ޕްރޯ މެކްސް.

ރޯމަން ތިޔައީ ވަރަށް ފޮނި، ހިތްމޮޅު މީހެކޭ އެއްވެސް މީހަކު ބުނެފަވޭތަ. ތީ އަޅެ އެފަދަ މީހެއްތަ؟

  އެންމެންގެ ފުރަތަމަ އިމްޕްރެޝަން ތީ. ދިމާނުވާއިރު، ނޭނގޭ އިރު ހީކުރީ ވަރަށް ފޮނި، ހިތްމޮޅު މީހެކޭ ނުބުނާ މީހަކާ އަދި ދިމައެއް ނުވޭ ކަންނޭނގެ. ވެދާނެ ދެން އެއީ މަގޭ މޫނުމަތިން ހީވާ ގޮތެކޭވެސް. އެކަމަކު ރޯމަން އަކީ އެއްވެސް ހިތްމޮޅު، ފޮނި މީހެއްނޫން. ގެރޭ (ގެރެންޓީ) ހަމަ.

ރޯމަން މިހާރު ހުރީ ސިންގަލްކޮށްތޯ ނޫންތޯ ބަލައިލަން ބޭނުންވާ ކުދިން އުޅޭނެތާދޯ. އެހެންވީމަ އެކުދިންގެ ފަރާތުން އަހާލަން ބޭނުން މިހާރު ސިންގަލްތޯ ނުވަތަ ނޫންތޯ؟

  މިހާރު ވަރަށް ބޮޑަށް ސިންގަލްއޭ ބުނެވޭނީ.

އެއްވެސް އަންހެން ކުއްޖަކަށް ރޯމަން ބޭވަފާތެރިވިންތަ؟

  ބޭވަފާތެރިވީން އާނ. މާ ޕްރައުޑެއް ނުވޭ އެކަމަކާ. އެހެން ނުހެދުނު ނަމައޭ ހިތަށް އަރާ މިހާރު. މީހަކަށް ގޯސްކޮށް ކަމެއް ކޮށްގެން ލިބޭނެ އެއްވެސް މޮޅެއް ނޯންނާނެ. ސޯ، އޭރު ނުވިސްނުނަސް މިހާރު ވިސްނޭކަން ނޭނގެ.

ކިތައް ކުދިންނާ ރައްޓެހިވެއްޖައިން؟

ރައްޓެހިވީން ފުދޭވަރަކަށް. ގުނާ އަދަދުކުރާކަށް ނޭނގޭ. ދެން ގިނަ މީހުންނާ ރައްޓެހިވުމަކީ މާ ކޫލްކަމެއް ނޫންކަންވެސް އެނގޭ. އެކަމަކު ސްކޫލު ދައުރުން ފެށިގެން މިހާތަނަށް ކުދިންނާ ރައްޓެހިވެވިފަ ހުރީ. އެކަމަކު ލޯބިވަނީ އެންމެ ކުއްޖެއް ދެކެ.

މިހާރު ބައިވެރިއެއް ހުރި ނަމަ އެންމެ ލަފުޒަކުން އެ ފަރާތް ސިފަކޮށްލާނީ ކިހިނެއް؟

  މިހާރުގެ ބައިވެރިޔާއެއް ނެތް. އެކަމަކު ލޯބިވާ މީހާ ސިފަކޮށްލަފާނަން އެންމެ ލަފުޒަކުން. “ޕާރފެކްޓް”

ރޯމަން ދެކޭގޮތުން، ރާއްޖޭގެ ޓިކްޓޮކް ތަރިންގެ ތެރެއިން އެންމެ މޮޅަށް އެކްޓްކުރަން އެނގޭ އެކްޓަރސް އަދި އެކްޓްރެސް އިންނަކީ ކޮން ބައެއް؟

  ވަރަށް މޮޅު ކުދިން އުޅޭ ޓިކްޓޮކްގަ. އަނެއްހެން ސްޕެސިފިކްކޮށް ނަގާނެ މީހެއް ނެތް.

އެކްޓްކުރުމުގަ އެއްވެސް އެކްޓަރެއް ކޮޕީކުރަންތަ؟

  ނޫން، ނުކުރަން. ރޯމަން ބަލަނީ ކެރެޓަރ ޕުލް އޯފް ކުރެވޭތޯ. މީހެއްގެ އެކްޓިންއެއް ކޮޕީކޮށްފައެއް ނޯންނާނެ.

އެއްވެސް މީހަކު ބުނެގެން އެކްޓިން ހުއްޓާލަފާނަންތަ؟ އެހެން ނަމަ އެއީ ކީއްވެ؟

  މީހެއް ބުނެގެން ހުއްޓައެއް ނޫލާނަން. އެކަމަކު އަމިއްލައަށް، އާނ ދެން މިހިސާބުން މިކަން މި ނިމުނީއޭ ވިސްނޭ ހިސާބުން ހުޓާލުން އޮތީ. އެއީ އެކަން އޮތް ގޮތް. ރޯމަންގެ ވަރަށް ބޮޑު ހުވަފެނެއް އެއީ އެކްޓަރަކަށް ވުން. އެކަން ހުއްޓަން ރޯމަން ކައިރީ ބުނި ބައިވަރު މީހުން…. އެކަމަކު ނުހުއްޓަމެއްނު.

އެކްޓްކުރާ އިރު އެންމެ ބޮޑަށް ވިސްނުން ބަހައްޓަނީ ކޮން ކަމަކަށް؟

  އެކްޓިންގަ އެންމެ ބޮޑަށް ވިސްނަނީ ރަނޑުކަމަށް. އެހެން މީހުން ލަދުގަންނާނެ ގައިގަ ހުންނަ ސިފަތައް އަމިއްލައަށް ބުނަން. އެކަމަކު ރޯމަން ލަދެއް ނުގަނޭ. ފާހަގަކުރެވޭ ވަރުގެ ރަނޑު ގޮތެއް ހުންނާނެ ރޯމަންގެ ވެސް. އެއީ އުފެދުމުގަވެސް ހުރި ސިފައެއް. އެންމެ ކުރިންވެސް. އެކަމަށް ރޯމަން ވަރަށް ބޮޑަށް ބަލަން. ޑައިރެކްޓަރު ކައިރީވެސް ބުނަން ރޯމަންގެ އެކްޓިން އިން އެކަހަލަ ކަމެއް ފާހަގަ ވަންޏާ ބުނެލަދިނުމަށް. އޭރަށް ޗޭންޖްކޮށްލަން ވަގުތުން.

މި ދާއިރާގަ އެންމެ ބޮޑަށް އެހީތެރިކަން ލިބެނީ ކާކުގެ ނުވަތަ ކޮން ބައެއްގެ ފަރާތުން؟

  އެހީތެރިކަން އަބަދުވެސް ލިބޭ ކައިރީގަ އުޅޭ ދޭއް ނުވަތަ ތިން ވަރަކަށް ރައްޓެހިންގެ ފަރާތުން. ފެމެލީ ސައިޑުން މާބޮޑު ސަޕޯޓެއް ނަޔަސް، ރޯމަންގެ ސީރީޒްއާ އެއްޗެހި ބަލާފަ ސަޕޯޓްކުރާ ބައެއް ކަޒިންސް އެބަ ތިބި.

މިހާރު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ސީރީޒްއަކީ ޑާކް ރެއިންގެ “ގިރިޓީ ލޯބި” ކަމަށް ބުނެވިދާނެ. އެ ސީރީޒްގަ ކުޅެވުނު ރޯލާމެދު ބުނާނީ ކީކޭ؟

  “ގިރިޓީ ލޯބި”ގަ ކުޅެފަ އިންނާނީ ވަރަށް ކެއަރ ފްރީ، އެކަމަކުވެސް ރެސްޕޮންސިބަލްވާން ޓްރައިކުރާ މީހެއްގެ ގޮތުގަ. ރޯމަން ހިތްހަމަޖެހޭ އެ ކެރެކްޓާއާ މެދު. ދެން ބެލުންތެރިންދޯ ޖަޖުކުރާނީ.

ދިވެހި ފިލްމީ ދާއިރާއާއި ދޭތެރޭ މިހާރުވެސް ވަރަށް ގިނަ ޒުވާނުން ބުނާ އެއްޗެއް ދިވެހި ފިލްމެއް ނުބަލާނަމޭ، ދިވެހި ފިލްމު އެހެންނޭ މިހެންނޭ.. އެހެން ކިޔާ ދާއިރާއަށް ފާޑުކިޔުންތައް އަމާޒުވޭތާ.. ދެން މިހާރުގެ ޔަންގު ޖެނެރޭޝަންގެ ފަރާތެއް ތީ ދޯ.. ދެން އެހެން އުޅެފައި ފިލްމީ ދާއިރާއަށް ވަނީމަ އެކީގައި އުޅުނު ކުދިން ޖޯކު ޖަހާ މަލާމާތްކޮށް ހެދިތަ؟

  އާނ. ފާޑުކިޔުން އަމާޒުވޭ. އެންމެ ކްލޯޒްކޮށް އުޅުނު މީހުން ވާހަކަވެސް ނުދައްކާ މިހާރު. އެކަމަކުވެސް ކީއްކުރާނީ ދެން. އެމީހަކާ އެމީހެއްގެ ޒަމާނެއް މީ.

ރޯމަންގެ ވެސް ފުދޭވަރަކަށް ފޭނުން ތިބޭނެތާ.. ފޭންއެއްގެ ފަރާތުން ނުވަތަ ފޭނުންތަކެއްގެ ފަރާތުން އެންމެ އާދަޔާ ޚިލާފު ކަމަކަށް މިހާތަކަށް ކުރީ ކޮންކަމެއް؟

“އެހެނަސް” ސީރީޒް ނުކުމެގެން އުޅުނު އިރު އެއީ. އެއްމެ އުފާވީ ނުވެސް ދަންނަ ބައިވަރު މީހުންތަކެއް ރޯމަންގެ ދިފާއުގަ ނުކުތީމަ.

އެންމެ ފަހު ސުވާލު.. މުނިއަވަސްއާ ދޭތެރޭ ދެކެނީ ކިހިނެއް؟

މުނިއަވަސް ވަރަށް ޗިލް. އެންޓަޓެއިންމެންޓް ދާއިރާއަށް ދިޔަ ދެއްވާ ސަމާލުކަމަށް ވަރަށް ބޮޑަށް ތެންކިޔޫއޭ ބުނެލާނީ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.