11 އަހަރަށްފަހު ފަރްދީން ޚާން އެނބުރި އެކްޓިންގއަށް އަންނަ ފިލްމު “ވިސްފޮޓް” ގެ ޝޫޓިންގ މިދިޔަ ހަފުތާގައި ފެށިއިރު، ފިލްމުގެ ކާސްޓާއި ޓީވީ ބަތަލާ ކްރިސްޓަލް ޑީ ސޫޒާ ގުޅިއްޖެއެވެ.

“އޭކް ހަޒާރޯނ މޭ މޭރީ ބެހެނާ ހޭ” އާއި “އޭކް ނަޔީ ޕެހެޗާން” ފަދަ ކާމިޔާބު ޓީވީ ސިލްސިލާތަކުން މަޤުބޫލުކަން ހޯދުމަށްފަހު، މިދިޔަ އޮގަސްޓް މަހު 21 ގައި ރިލީޒްކުރި އަމީތާބް ބައްޗަންއާއި އިމްރާން ހާޝިމީގެ “ޗެހެރޭ” އިން ބޮލީވުޑަށް ތަޢާރަފުވި ކްރިސްޓަލް ހުރީ މި ފިލްމާމެދު ވަރަށް ހިތްހަމަޖެހިފައެވެ.

ފަރްދީންގެ ބައިވެރިޔާގެ ރޯލުން ކްރިސްޓަލް ފެނިގެންދާއިރު، ފަރްދީންއާއި ކްރިސްޓަލްގެ އިތުރުން ކާސްޓްގައި ރިތޭޝް ދޭޝްމުކް އާއި ޕްރިޔާ ބާޕަޓް ހިމެނެއެވެ.

ފަރްދީންއާއި ރިތޭޝްއާއެކު މަސައްކަތް ކޮށްލަން ލިބުމުން އުފަލުން ހުރި ކްރިސްޓަލް ބުނެފައިވަނީ ފަރްދީންއާއި ރިތޭޝްއާއި ދެމީހުންނަކީ ވަރަށް ތަފާތު މޮޅު ދެމީހުން ކަމަށާއި އެމީހުންނާ އެކީގައި ޝޫޓް ކޮށްލަން ލިބުމަކީ އުފާވެރި މަޖާ ދަތުރަކަށް ވާނެ ކަމަށެވެ. އޭގެ އިތުރުން މި ފިލްމަކީ ޓްވިސްޓުތަކުންވެސް ފުރިފައި އޮތް ވަރަށް ޝައުޤުވެރި ފިލްމެއް ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ބުޝަން ކުމާރްގެ ޓީ-ސީރީޒާއި ސަންޖޭ ގުޕްތާގެ ވައިޓް ފެދާ ފިލްމްސް އިން ޕްރޮޑިއުސްކޮށް ކުކީ ގުލާޓީ ޑައިރެކްޓްކުރާ “ވިސްފޮޓް” އަކީ 2012 ގައި ރިލީޒްކުރި ވެނެޒުއޭލާގެ ފިލްމު “ރޮކް، ޕޭޕަރ އެންޑް ސިޒަރސް” ގެ ހިންދީ ރީމޭކެވެ. ފިލްމު ރިލީޒްކުރަން ނިންމާފައިވަނީ އަންނަ އަހަރުގެ ފަހުކޮޅުއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.