ޑާކް ރެއިން އެންޓަޓެއިންމެންޓާއި ޑާކް ރެއިން ޖަމްޕުގެ ފަރާތުން މި އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ގެނެސްދިނުމަށް އުފެއްދި “އޯ ވަޒަން” މިއަދު ރިލީޒްކޮށްފިއެވެ. މި ފިލްމަކީ އަދުގެ ކުޑަކުދިންނާއި ޒުވާނުންނަށް ހަމަ ކޮންމެހެން ވެސް ދައްކަން ޖެހޭ ފިލްމެއްކަން މި ޝައުޤުވެރި ފިލްމު ބަލައިލުމުން ޤައުމީ ލޭ ހިނގާ ހަމަ ކޮންމެ މީހަކު އެއްބަސްވާނެއެވެ.

ޑާކް ރެއިންގެ މީސްމީޑިއާ މަންސަތަކާއި ބައިސްކޯފުގައި މިއަދު ރިލީޒްކުރި “އޯ ވަޒަން” އަކީ 03 ނޮވެމްބަރު 1988ގައި ދިވެހި ޚާއިނުންގެ ބަޔަކާއި ސްރީލަންކާގައި އޭރު އޮތް ނިރުބަވެރި ޖަމާޢަތެއްކަމަށްވާ ‘ޕްލޯޓް ޖަމާޢަތް’ ގުޅިގެން ރާއްޖޭގެ ވެރިކަން ވައްޓައިލާ ރާއްޖެ ހިފުމަށް ދިން ޢުދުވާނީ ހަމަލާގެ ވާހަކަތައް އަދުގެ ޅަ ސިކުނޑިތަކަށް އެންމެ ފުނަށް ވިސްނޭގޮތަށް ތައްޔާރުކޮށްފައިވާ މޮޅު އުފެއްދުމެއްކަން ފާހަގަކޮށްލެވެއެވެ.

“އޯ ވަޒަން” ލިޔެ، ޕްރޮޑިއުސްކޮށް ޑައިރެކްޓްވެސް ކޮށްފައިވަނީ ޢަލީ ޝާމިން އެވެ. 13 މިނެޓް 12 ސިކުންތުގެ މި ފިލްމުގެ ހާދިސާ ދަންނަ މީހުންވެސް ނޭވާ ހިފަހައްޓާލައިގެން ތިބެ ބަލަން މަޖުބޫރުވާހާ މޮޅަށް އުފައްދާފައިވާ މި ފިލްމުގައި ހަރަކާތްތެރިވަނީ އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ)، ވާޝިޔާ މުޙައްމަދުގެ އިތުރުން ތުއްތު ފަންނާނެއް ކަމަށްވާ މުޙައްމަދު އާތިކް އެވެ.

ޝާމިން މިއުޒިކްވެސް ތައްޔާރުކޮށްފައިވާ މި ފިލްމު ކެމެރާކޮށްފައިވަނީ ޝަމްޢާން ޝާކިރު އަދި ޢަބްދުﷲ އަޢުރާފް އެވެ. އެކްޒެކްޓިވް ޕްރޮޑިއުސަރުންގެ ތެރޭގައި ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ސީނިއަރ ޓީމް ހިމެނެއެވެ.

“އޯ ވަޒަން” ކުރު ފިލްމުގައި ދައްކުވައިދީފައިވަނީ އަދުގެ ޖީލުގެ ކުޑަކުދިންނަށް 03 ނޮވެމްބަރު 1988ވަނަ ދުވަހު ކަން ހިނގި ގޮތް ހަނދާން ހުރީ ކިހާވަރަކަށްތޯއާ ދިވެހި ޤައުމުގެ ދިފާޢުގައި ދިވެހިން ޖިހާދުކުރި އެ ދުވަހުގެ ހަނދާންތައް އެކުދިންގެ ހިތްތަކުގައި އަހަރަމެންނަށް އަށަގެންނެވިފައިވަނީ ކިހިނެއްތޯ ފަދަ ކަންތައްތަކެއްގެ މައްޗަށެވެ.

މިއީ މީގެ 33 އަހަރު ކުރިން ދިވެހިންނަށް ކުރިމަތިވި ނުރައްކާތެރި ހަމަލާގައި ލިބުނު ނަޞްރު ފާހަގަކުރުމަށް ޑާކް ރެއިން ޖަންޕުން ގެނެސްދިން ކުރު ފިލްމެކެވެ. އެ ދުވަހު ޤައުމަށްޓަކައި ޖިހާދުވި ފަރާތްތަކުން އެ ކޮށްދެއްވި އަގުހުރި ޖިހާދުގެ ވާހަކަތައް ކިޔައިދީފައިވާ މޮޅު ފިލްމެކެވެ.

ޑާކްރެއިން ‘ޖަމްޕް’ އަކީ 2019 ވަނަ އަހަރު ޑާކްރެއިން އެންޓަޓެއިންމަންޓްގެ ފަރާތުން، ދިވެހި ފިލްމީ ދާއިރާއަށް އަލަށް ނުކުތް ފަރާތްތަކުގެ ހުނަރު ދައްކާލާ އެމީހުންގެ މަސައްކަތްތައް މުޖުތަމައުއަށް ތަޢާރަފު ކޮށްދިނުމުގެ ގޮތުން އުފެއްދި މަންސައެއް ކަމަށް ޑާކްރެއިން އިން ބުނެއެވެ.

މިގޮތުން މިދާއިރާގައި ހަރަކާތްތެރިވާ އިންޑިޕެންޑެންޓް ފަންނުވެރިންގެ ހުނަރު، ވީހާވެސް ގިނަބަޔަކަށް ފެންނާނެ ގޮތަށް، ޑާކްރެއިންގެ މީސްމީޑިއާގެ މަންސަތަކުގެ ޒަރީއާއިން އާންމުންނާ ހަމައަށް ފޯރުކޮށްދެވުމުން، އަލަށް މިދާއިރާއަށް ނުކުންނަ ހުނަތުވެރި ފިލްމީ އުފެއްދުންތެރިންނަށް، އެމީހުންގެ އަމިއްލަ ފައިމައްޗަށް ތެދުވެ މަސައްކަތް ކުރުމަށް މަގުފަހިވެގެން ދާނެ ކަމަށް ދެކޭ ކަމަށްވެސް ޑާކް ރެއިން އެންޓަޓެއިންމެންޓުން ބުނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.