ބޮލީވުޑްގެ ޒުވާން ބަތަލު ވިކީ ކޯޝާލް ލީޑް ރޯލު ކުޅުނު ”މިސްޓަ ލޭލޭ“ ގެ ނަން ”ގޯވިންދާ މޭރާ ނާމް“ އަށް ބަދަލުކޮށް ފިލްމު ރިލީޒްކުރާ ތާރީޚު އިޢުލާނުކޮށްފިއެވެ.
2019 ގައި ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނުން އިޢުލާނުކުރި މި ކޮމެޑީއަކީ ކުރިން ވަރުން ދަވަންއާއެކު ހަދަން އުޅުނު ފިލްމެކެވެ. ނަމަވެސް ވަރުން އެ ފިލްމު ދޫކޮށްލުމުން ދެން އެ ރޯލު ލިބުނީ ވިކީއަށެވެ.
”ގޯވިންދާ މޭރާ ނާމް“ އަންނަ އަހަރުގެ ޖޫން މަހު 10 ގައި ސިނަމާތަކުގައި ރިލީޒްކުރަން ތާވަލުކޮށްފައިވާއިރު، މި ފިލްމުގެ ބަތަލާއިންނަކީ ކިއާރާ އަދުވާނީއާއި ބޫމީ ޕެޑްނޭކަރްއެވެ.
މި ފިލްމު ޑައިރެކްޓްކުރީ ކުރިން ވަރުން ދަވަންއާއެކު ”ހަމްޓީ ޝަރްމާ ކީ ދުލްހަނިއާ“ އާއި ”ބަދްރިނާތު ކީ ދުލްހަނިއާ“ ގެނެސްދިން ޝަޝަންކް ކައިތާންއެވެ. އެ ދެ ފިލްމުގައި ވަރުންއާއެކު އާލިއާ ބަޓް ފެނިގެންދިޔައިރު، ޝަޝަންކް އެންމެ ފަހުން ގެނެސްދިން ފިލްމަކީ ކުރީގެ ބަތަލާ ސްރީދޭވީގެ ދަރިފުޅު ޖާންވީ ކަޕޫރް ބޮލީވުޑަށް ތަޢާރަފުކުރި ”ދަޅަކް“ އެވެ.
ފިލްމުގެ ޝޫޓިންގ ނިންމައި މިހާރު ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ކުރަމުން އަންނައިރު، ފިލްމު ރިލީޒްކުރާނެ ތާރީޚާއެކު ފިލްމުގެ ޕޯސްޓަރުތަކެއްވެސް ވަނީ އާންމުކޮށްފައެވެ.

މިހާރު ބޮލީވުޑްގައި ތިބި އެންމެ ޑިމާންޑް ބޮޑު އެކްޓަރުންގެ ތެރޭގައި ހިމެނޭ ވިކީގެ އެންމެ ފަހުން ރިލީޒްވި ފިލްމަކީ މިދިޔަ މަހު އެމެޒޯން ޕްރައިމް ވީޑިއޯއިން ޕްރިމިއާކުރި ބައޮގްރަފިކަލް ޑްރާމާ ”ސަރްދާރް އުދަމް“ އެވެ. ”ގޯވިންދާ މޭރާ ނާމް“ ގެ އިތުރުން އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ”ދަ ގްރޭޓް އިންޑިއަން ފެމިލީ“ އާއި ”ސަމް ބަހާދުރް“ ހިމެނެއެވެ.
ކިއާރާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ކާތިކް އާރްޔަންއާއެކު ފެނިގެންދާ ”ބޫލް ބުލައްޔާ 2“ އާއި ވަރުން ދަވަންއާއެކު ކުޅޭ ”ޖުގް ޖުގް ޖީޔޯ“ ހިމެނެއެވެ. އޭގެ އިތުރުން ބޫމީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ރާޖްކުމާރް ރާއޯއާއެކު ކުޅުނު ”ބަދާއީ ދޯ“ އާއި އަކްޝޭ ކުމާރާއެކު ކުޅުނު ”ރަކްޝާ ބަންދަން“ ހިމެނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




