ބޮލީވުޑްގެ މަޝްހޫރު، ޒުވާން ތަރިން ކަމަށްވާ ރަންބީރް ކަޕޫރާއި ޝްރައްދާ ކަޕޫރް ފުރަތަމަ ފަހަރަށް އެކުގައި ފެންނާނެ ފިލްމު ރިލީޒްކުރާނެ ތާރީޚު އިޢުލާނުކޮށްފިއެވެ.
އެ ދެމީހުން އެކުގައި ފެނިގެންދާ ފިލްމަކީ މިއަހަރު ކުރީކޮޅު ޝޫޓީންގ ފެށި، އަދި ނަން ހާމަނުކުރާ ލަވް ރަންޖަންގެ ފިލްމެވެ. ރަންބީރާއި ޝްރައްދާގެ އިތުރުން ފިލްމުގެ މައިގަނޑު ރޯލުތަކުން ފެނިގެންދާނީ ކުރީގެ ލީޑް ބަތަލާ ޑިމްޕަލް ކަޕާޑިއާ އާއި ޕްރޮޑިއުސަރު އަދި ކުރީގެ ބަތަލާ ސްރީދޭވީގެ ފިރިމީހާ ބޯނީ ކަޕޫރެވެ. ޑިމްޕަލްއާއި ބޯނީ ކުޅެނީ ރަންބީރްގެ މަންމައާއި ބައްޕަގެ ރޯލުކަމަށް ޚަބަރުތައް ބުނެއެވެ.
ލަވް ރަންޖަންއާއި އަންކުރް ގާރގް ޕްރޮޑިއުސްކޮށް، ބުޝަން ކުމާރްގެ ޓީ ސީރީޒުން ޑިސްޓްރިބިއުޓް ކުރާ މި ފިލްމުގެ ޓީމުން މިހާރު ދަނީ ދިއްލީގައި ފިލްމުގެ އެންމެ ފަހު މަންޒަރުތައް ނަގަމުންނެވެ. ޕްރިތަމް މިއުޒިކް ތައްޔާރުކޮށްދިން މި ފިލްމު ރިލީޒްކުރަން ތާވަލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 26 އަށެވެ.
މި ފިލްމު 2023 ގެ ޖެނުއަރީ 26 ގައި ރިލީޒްކުރަން ތާވަލުކުރިއިރު ރިތިކް ރޯޝަންއާއި ދީޕިކާ ޕަޑުކޯން އެކުގައި ކުޅޭ ފިލްމު “ފައިޓާ” ވެސް ރިލީޒްކުރަން ތާވަލުކޮށްފައިވަނީ ހަމަ އެ ދުވަހަށެވެ. “ފައިޓާ” އަކީ ސިދާތު އާނަންދު ޑައިރެކްޓްކުރާ ފިލްމެކެވެ.
