ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
15 އަހަރަށް ފަހު އުރުގުއާއީ ކޯޗު މަގާމުން ވަކިކޮށްފި

އުރުގުއާއީގެ ކޯޗުކަމުގައި ވޭތުވެ ދިޔަ 15 އަހަރު މަސައްކަތް ކުރި އޮސްކާ ޓަބަރޭޒް މަގާމުން ވަކިކޮށްފިއެވެ.

އަންނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑްކަޕްގެ ކޮލިފައިންގްގައި ދަށް ކުޅުމަކާއެކު ނަތީޖާ ނުނެރެވި، ކޮލިފައި ނުވެދާނެ ކަމުގެ ބިރު ހީވެފައި އޮތް އުރުގުއާއީގެ ކޯޗުކަމާ ޓަބަރޭޒް ހަވާލުވީ 2006 ވަނަ އަހަރުއެވެ. އެއަށްފަހު ޓަބަރޭޒްގެ ކޯޗުކަމުގައި އުރުގުއޭއަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައިދިން އިރު، އެ ދެމެދުގައި އުރުގުއޭއަށް ބޮޑު އެއްވެސް މުބާރާތަކުން ޖާގަ ގެއްލިފައެއް ނުވެއެވެ.

އުމުރުން 74 އަހަރުގެ ޓަބަރޭޒް ގެ ކޯޗުކަމުގައި އުރުގުއާއީން 2011 ވަނަ އަހަރުގެ ކޮޕާ އެމެރިކާ މުބާރާތް ކާމިޔާބު ކުރި އިރު، އެ ޓީމުން ވަނީ 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި އޮތް ވޯލްޑްކަޕްގެ ހަތަރުވަނަ ހޯދައިފައެވެ. އެހެން ނަމަވެސް ވޯލްޑްކަޕް ކޮލިފައިންގްގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުން އުރުގުއާއީ ޕޮއިންޓެއް ލިބިފައި ނުވާއިރު، އެ ޓީމު ވަނީ ފުލުގައި އޮތް ބޮލީވިއާ އަތުން 0-3 އިން ބަލިވެފައެވެ. އެއާއެކު މިވަގުތު އެ ޓީމު އޮތީ ގުރޫޕް ތާވަލުގެ ހަތްވަނައިގައެވެ.

ކޮންމެބޯލްގެ ގައުމުތަކުގެ ތެރެއިން ވޯލްޑް ކަޕަށް ކޮލިފައިވާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ފަސް ގައުމެވެ. އެގޮތުން މިވަގުތު އެއްވަނައިގައި އޮތް ބްރެޒިލްއާއި ދެވަނައިގައި އޮތް އާޖެންޓީނާއިން މިހާރު ވަނީ ގަތަރު ވޯލްޑްކަޕުން ޖާގައެއް ކަށަވަރު ކޮށްފައެވެ.

އުރުގުއާއީގެ ފުޓުބޯޅަ އިދާރާ، އޭޔޫއެފްއިން ރޭ ނެރުނު ބަޔާނެއްގައި ބުނީ ޓަބަރޭޒް މަގާމުން ވަކިކުރަން ނިންމި ނިންމުމަކީ އުންދަގޫ ނިންމުމެއް ކަމަށާއި، ފުޓުބޯޅައިގެ އިދާރެއްގެ މައްސޫލިއްޔަތަކީ ކޯޗަށް ނަތީޖާ ނުނެރެވޭ ނަމަ ކޯޗު ބަދަލު ކުރުން ކަމަށެވެ. ޓަބަރޭޒް ވަނީ 1988 ވަނަ އަހަރުން ފެށިގެން 1990 އާ ދެމެދު ވެސް އުރުގުއޭގެ ކޯޗުކަން ކޮށްފައެވެ. އެފަހަރު އޭނާ ޓީމުން ވަކިކުރީ 1990 ވަނަ އަހަރުގެ ވޯލްޑްކަޕަށް އުރުގުއޭ ކޮލިފައި ނުވުމުންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top