ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސައުދީ ކައިރިން އުރުގުއާއީ ސަލާމަތްވީ ކިރިޔާ
ފޮޓޯ: ގެޓީ އިމޭޖަސް

ވޯލްޑް ކަޕްގެ ގްރޫޕް އެޗްގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި، ސައުދީ އަރަބިއްޔާ އަތުން ބަލިނުވެ ދެކުނު އެމެރިކާގެ ގަދަބާރު އުރުގުއާއީ ހަނިގޮތަކަށް ސަލާމަތްވެއްޖެއެވެ. ފްލޮރިޑާގެ މަޔާމީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

މުޅި މެޗުގައި ސައުދީ އަރަބިއްޔާއިން ދެއްކި މޮޅު ދިފާއީ ކުޅުމުގެ ސަބަބުން އުރުގުއާއީއަށް ވަނީ މެޗުން އެންމެ ޕޮއިންޓަކުން ފުއްދާލަން ޖެހިފައެވެ. މިއީ މި ގްރޫޕްގައި ކުޅުނު ފުރަތަމަ މެޗުގައި ކޭޕް ވާޑޭއާ ވާދަކޮށް ސްޕެއިން ވެސް އެއްވަރުވެފައި ވަނިކޮށް، ގްރޫޕްގެ ފޯރި އިތުރުވެގެންދިޔަ ނަތީޖާއެކެވެ.

މެޗުގެ ކުރީކޮޅު އުރުގުއާއީއިން ބޯޅަ ހިފަހައްޓައިގެން ކުޅެން މަސައްކަތް ކުރި ނަމަވެސް، ހުޝިޔާރުކަމާއެކު ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ސައުދީންނެވެ. މެޗުގެ 41 ވަނަ މިނެޓުގައި މި ލަނޑު ސައުދީއަށް ކާމިޔާބުކޮށްދިނީ އަބްދުﷲ އަލް-އަމްރީއެވެ. ސައުދީގެ މިޑްފީލްޑަރު މުޞްޢަބު އަލް ޖުވައިރު ނެގި ކޯނަރަކަށް އުރުގުއާއީގެ ޕެނަލްޓީ އޭރިއާ ތެރޭގައި ހުރި ޙަސަން އަލް ތަމްބަކްތީ ވަނީ ބާރު ހެޑަރެއް ފޮނުވާލާފައެވެ. އުރުގުއާއީގެ ކީޕަރު ފެނާންޑޯ މުސްލޭރާ އެ ބޯޅަ ދިފާއުކުރި ނަމަވެސް، އޭނާގެ އަތުން ނެއްޓިގެން އައި ބޯޅަ ލިބުނީ އަމްރީއަށެވެ. އޭނާ ވަނީ ފުރުސަތުގެ ބޭނުން ހިފައި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.

މި މެޗުގައި ސައުދީގެ ގޯލްކީޕަރު މުޙައްމަދު އަލް އުވައިސް ވަނީ އާދަޔާ ޚިލާފު މޮޅު ކުޅުމެއް ދައްކާފައެވެ. އޭނާ ވަނީ އުރުގުއާއީއިން ފޮނުވާލި ނުރައްކާތެރި އަށް ހަމަލާއެއް ދިފާއުކޮށްފައެވެ. އޭގެ ތެރެއިން ހަ ސޭވް އޭނާ ކުރީ މެޗުގެ ފަހު ހާފުގައެވެ.

ފުރަތަމަ ހާފުގައި އުރުގުއާއީގެ ފަރާތުން ފެނުނު ދަށް ކުޅުން ރަނގަޅު ކުރުމަށްޓަކައި، ދެވަނަ ހާފުގައި އެ ޓީމުގެ ފެޑެރީކޯ ވަލްވާޑޭ މިޑްފީލްޑުގެ މެދަށް ބަދަލުކުރިއެވެ. މި ބަދަލާއެކު އުރުގުއާއީގެ ކުޅުން ވަރުގަދަވެ، ސައުދީގެ ގޯލަށް ނުރައްކާ ކުރަން ފެށިއެވެ. މުޅި މެޗުގައި އުރުގުއާއީއިން ސައުދީގެ ގޯލަށް އަމާޒުކޮށް ޖުމްލަ 21 ހަމަލާ ފޮނުވާލިއެވެ.

އުރުގުއާއީއިން ކުރި ބުރަ މަސައްކަތުގެ ނަތީޖާއަކަށްވީ، މެޗުގެ 80 ވަނަ މިނެޓުގައި މެކްސީ އަރައުހޯ ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކުރުމެވެ. ކީޕަރު އަތުން ނެއްޓިގެން އައި ބޯޅައަކުން އަރައުހޯ ޖެހި މި ލަނޑާއެކު، ސައުދީން ހޯދަން އުޅުނު ތާރީޚީ މޮޅު ހުއްޓުމަކަށް އައެވެ. އެހެންނަމަވެސް، މި ނަތީޖާއަކީ ސައުދީ ފަދަ ޓީމަކަށް އުރުގުއާއީ ފަދަ ބޮޑު ޓީމެއްގެ އަތުން ލިބުނު ވަރަށް އަގުހުރި ޕޮއިންޓެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top