ޔޫރަޕާ ކޮންފަރެންސް ލީގު ގުރޫޕް ސްޓޭޖުގައި ޓޮޓެންހަމް ހޮޓްސްޕާގެ މުހިއްމު މެޗެއް ކުޅެން އޮއްވައި އެ ޓީމުގެ އަށް ކުޅުންތެރިއަކަށް ކޮވިޑުޖެހުމުން, މެޗު ފަސްކުރަން ޖެހިއްޖެއެވެ.

މިރޭ ކުޅެން ތާވަލް ކޮށްފައިވާ މެޗު ޝެޑިއުލާ އެއްގޮތަށް ކުރިޔަށް ގެންދަން ޔޫއެފާއިން ނިންމި ނަމަވެސް، މިހާރު މެޗް ފަސްކޮށްފައިވާކަން ޓޮޓެންހަމުން ރޭ ވަނީ އިއުލާން ކޮށްފައެވެ.

ކޮވިޑް-19 ގެ އޮމިކްރޯން ވޭރިއަންޓް އިނގިރޭސި ވިލާތާއި ޔޫރަޕުގައި ހަލުވިކަމާ އެކު ފެތުތެމުންދާ މި ދަނޑިވަޅުގައި ޓޮޓެންހަމްގެ އަށް ކުޅުންތެރިއަކާއި، ޓީމުގެ ފަސް ސްޓާފަކަށް ބަލި ޖެހިފައިވާކަން، ކޮންފަރެންސް ލީގު މެޗުގެ ކުރިން، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވަނީ ޔަގީން ކޮށްދީފައެވެ.

ކޮންފަރެންސް ލީގު ގުރޫޕް ސްޓޭޖު ފަހު މެޗުގައި ފްރާންސްގެ ރެނެސްއާ ދެކޮޅަށް ޓޮޓެންހަމް އަމިއްލަ ދަނޑުގައި ނުކުންނަން ޖެހޭއިރު، މުބާރާތުގައި އިތުރަށް ކުރިޔަށް ދާން މި މެޗުން މޮޅުވާން އެޓީމަށް ވަރަށް މުހިންމެވެ. ތިންވަނައިގައި އޮތް ނެދަލެންޑްސްގެ ވިޓޭސޭއާ އެއްވަރަށް ހަތް ޕޮއިންޓް ހޯދައި، ޓޮޓެންހަމް ދެވަނައިގައި އޮތީ ހެޑް-ޓު-ހެޑް ފައިދާ ގޯލުން ކުރި ލިބޭތީ އެވެ. ވިޓެސޭ ފަހު މެޗުގައި ބައްދަލުކުރާނީ ފުލުގައި އޮތް ސްލޮވީނިއާގެ މޫރާއާ އެވެ.

ޓޮޓެންހަމުން ޕޮޒިޓިވްވި ކުޅުންތެރިންގެ ނަންތައް އެޓީމުން ހާމައެއް ނުކުރި ނަމަވެސް ރިޕޯޓުތައް ބުނާ ގޮތުގައި ޓޮޓެންހަމުގެ ސޮން ހެއުން މިން އާއި ލޫކަސް މޯރާ އާއި ބެން ޑޭވިސް އަދި ކްރިސްޓިއަން ރޮމޭރޯ އަށް ވަނީ ކޮވިޑު ޖެހިފައެވެ. މީގެ އިތުރުން އެ ޓީމުގެ ދެ އެސިސްޓެންޓް ކޯޗުން ކަމަށްވާ ރަޔާން މޭސަން އާއި ކްރިސްޓިއަން ސްޓެނިއްލީ އަށް ވެސް ވަނީ ކޮވިޑު ޖެހިފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.