ދިވެހި ޅެންވެރިކަމުގެ ޒަމާނީ ދައުރުގައި އެންމެ ވިދައިލި ޅެންވެރިންގެ ލިސްޓުގެ އެންމެ އުހުގައި ހިމެނިވަޑައިގަންނަވާ މުޙައްމަދު ރަޝީދު (ކޮޕީ ރަޝީދު) އަޅުގަނޑުމެންނާ ވަކިވެވަޑައިގަތުމަކީ ދިވެހި އަދަބިއްޔާތަށް ލިބުނު ނިހާއީ ފަޅުކަމެކެވެ. ނަމަވެސް، ކޮޕީ ރަޝީދު މި ދުނިދޫކުރެއްވުމުގެ ކުރިން ވަނީ ދިވެހިޤައުމުގެ ދަރިންނަށް އަގުހުރި މުތީތަކެއްފަދަ ޅެމެއް ހަދިޔާކުރައްވާފައެވެ.

“ކޮޕީ ރަޝީދުގެ ފަހުގެ އިލްތިމާސް”ގެ ނަމުގައި ކޮޕީ ރަޝީދު ލިޔުއްވި ޅެން ދިވެހިބަހުގެ އެކެޑަމީގެ ރަސްމީ ޔޫޓިއުބް ޗެނަލްގައި މީގެ ހަތަރު ދުވަސްކުރިން އާއްމުކޮށްފައިވެއެވެ. ޅެން ކިޔާފައިވަނީ ހިތްގައިމު ލަވަތަކެއް ކިޔައިދީފައިވާ ކޮޕީ ރަޝީދުގެ ދަރިފުޅެއް ކަމަށްވާ ޔާމީން ރަޝިދު އެވެ.

ކޮޕީ މުޙައްމަދު ރަޝީދު އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ބަހުގެ އެކަޑަމީން ތަޢުބީންގެ ޖަލްސާގައި މި ޅެން އިއްވައިލަމުން ޔާމީން ރަޝީދު ބުނެފައިވަނީ “ދިރިތިބީންނާ ހަވާލޭ ވަތަން ލޯބިވާ” މިނަމުގައި ބައްޕަ ހެއްދެވި ޅެމަކީ އޭނާގެ ބައްޕަ ވަރަށް ދުރާލާ ތައްޔާރުވެގެން ވަރަށް ބޭނުންފުޅުވެގެން ހެއްދެވި ޅެމެއްކަމަށާއި، ބައްޕަގެ އެދިލެއްވުމަށް ދުނިޔޭގައި ހުންނަވަނިކޮށް އެލަވަ ޔާމީންގެ އަޑުން ރެކޯޑުކޮށް ބައްޕައަށް އިއްވިކަމަށެވެ.

މި ޅެމުގައި ފާހަގަކޮށްފައިވާ މުހިންމު ކަންތައްތަކުގެ ތެރޭގައި ޕޯޗުގީޒުންނާއި އެނޫވެސް ރާއްޖޭގެ މިނިވަންކަމާއި ތޮޅެން މަސައްކަތްކުރި ފަރާތްތަކުގެ ކިބައިން ޤައުމު ސަލާމަތްކުރަން ފުރާނައިން ޤުރުބާންވީ ހިތްވަރުގަދަ ފަހުލަވާނުންގެ އިޙުސާސްތަކާއި، އެފަރާތްތަކުގެ ފަހުގެ ވަސިއްޔަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. މީގެ އިތުރުން ކޮޕީ ރަޝީދު ދުނިޔެއިން ވަކިވެގެންދާ ވަގުތުދޭ އެންމެފަހުގެ ވަސިއްޔަތުތަކުގެ ވާހަކަވެސް މި ޅެމުގައި ހިމަނާފައިވެއެވެ.

ތަޢުބީނުގެ ޖަލްސާގައި، މިއުޒިކާއި ނުލައި މި ޅެން ލަަވައެއްގެ ސިފަައިގައި ނުހަނު އަސަރުގަދަކޮށް އިއްވައިލިވަގުތު ޖަލްސާގެ ހާޒިރީންގެ ހިތްތަކަށް ނުހަނު ފުން އަސަރެއްކުރިކަން އެނގިގެން ދިޔައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.