މަޝްހޫރު “މާކަނާ ޝޯ” އާއި އިތުރު އެނިމޭޓެޑް ފިލްމުތައް އުފައްދައި ގެނެސްދެމުން އަންނަ ސެލްމިން އެނިމޭޝަންސް ސްޓޫޑިއޯގެ ފަހަތުގައި ހުރި ކުޅަދާނަ އެނިމޭޓަރު ޔާމިން ރަޝީދުގެ އެނިމޭޓެޑް ފިލްމަކަށް ބައިނަލްއަޤްވާމީ އެވޯޑެއް ލިބިއްޖެ އެވެ. މި އެވޯޑް ލިބުނީ “ޕެރަގޯންސް އޮފް ބިލްވާޑް” ކިޔާ ހަތް މިނެޓްގެ ކުރު ފިލްމަކަށެވެ.

“ޕެރަގޯންސް އޮފް ބިލްވާޑް” ލިޔެ ޑައިރެކްޓްކުރީ ވިޝުއަލް އާރޓްސްގެ ދާއިރާއިން ގައުމީ އިނާމު ވެސް ހާސިލްކޮށްފައިވާ ޔާމީން ރަޝީދެވެ. މި ފިލްމަށް، ސިންގަޕޫރުގައި ބޭއްވި ވޯލްޑް ފިލްމު ކާނިވަލުން ލިބުނީ ކްރިޓިކްސް ޗޮއިސް އެވޯޑެވެ.

ތަފާތު ޕްލޮޓް ޓްވިސްޓަކާ އެކު ނިމުން އަންނަ “ޕެރަގޯންސް އޮފް ބިލްވާޑް”ގައި ދައްކަނީ ދާރުލްއާސާރެއްގެ ތެރޭގައި އާއްމުންނަށް ދައްކައިލަން ބަހައްޓާފައިވާ ޖަވާހިރެއް ވަގަށް ނަގަން ބަޔަކު ކުރާ މަސައްކަތެވެ.

“ރާއްޖޭގެ އެނިމޭޓެޑް ފިލްމަކަށް ފުރަތަމަ ފަހަރަށް އިންޓަނޭޝަނަލް އެވޯޑެއް ލިބި، އެ އެވޯޑް ޤައުމަށް ގެންނަން ވަރަށް ފަހުރުވެރިވޭ. މިއީ އަހަރެމެން އެންމެނަށް ވެސް ލިބުނު ކާމިޔާބީއެއް،” ޔާމީން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ. މި އެވޯޑް އޭނާ ކާމިޔާބުކުރީ އެމެރިކާ އާއި ކެނެޑާގެ އުފެއްދުންތަކާ ވެސް ވާދަކޮށްގެން ކަމަށްވެސް ޔާމީންގެ ޕޯސްޓްގައި ބުނެފައިވެއެވެ.

މިއީ ޔާމީން ރަޝީދަށް އަދި ރާއްޖޭގެ އެނިމޭޓެޑް ފިލްމަކަށް ބައިނަލްއަޤްވާމީ އެވޯޑެއް ލިބުނު ފުރަތަމަ ފަހަރެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް އެނިމޭޓެޑް ފީޗާ ފިލްމެއް އުފެއްދީ ވެސް އޭނާ އެވެ. އެއީ 2010 ގައި އޮލިމްޕަސް ސިނަމާގައި އެޅުވި 20 މިނެޓްގެ ކުރު ފިލްމު “މީ މާކަނާ” އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.