– “ގަންގޫބާއީ ކަތިއާވާޅީ”ގެ ޓްރެއިލަރއިން ފެންނަ އާލިޔާގެ މާފިޔާ ކްއީން ލުކް ފެނިފައި އަންތަރީސް ވާނެ!
– ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓްކޮށްފައިވާ މި ފިލްމު ރިލީޒްކުރާނީ 25 ފެބްރުއަރީ 2022ގައި.

އާލިއާ ބަޓް، ގަންގޫބާއީގެ ރޯލުން ފެނިގެންދާނެ “ގަންގޫބާއީ ކަތިއާވާޅީ”ގެ ޓްރެއިލަރ ޔޫޓިބް މެދުވެރިކޮށް މިމަހުގެ 04 ވަނަ ދުވަހު އާއްމުކޮށްފިއެވެ. ފިލްމުގެ ޓްރެއިލަރ އަށް ފޭނުން ކުރަމުން އައި އިންތިޒާރަށް ނިމުން އައި އިރު، ޓްރެއިލަރ އިން ވަރުގަދަ މަންޒަރުތަކެއް ފެނިގެންދެއެވެ.

މިއަދު އާއްމުކޮށްފައިވާ ޓްރެއިލަރއިން އާލިއާ ބަޓްގެ މާފިއާ ކްއީން ލުކް ފެނިގެންދާއިރު، އަޖޭ ދޭވްގަން ފެންނަނީ މުންބާއީގެ އަންޑަރވޯރލޑް ޑޯން، ކަރީމް ލާލާގެ ރޯލުންނެވެ. މި ފިލްމުގައި ޝާންތަނޫ މަހޭޝްވަރީ، ރާމްނިކް ލާލް އަދި ހުމާ ގުރޭޝީ ފެނިގެންދާނީ އާލިއާއާއި ހިތާވެގެން އުޅޭ މީހުންގެ ރޯލުންކަން ޓްރެއިލަރ އިން އެނގެއެވެ. ޓްރެއިލަރގައި އެމީހުން ފެންނަނީ ވިޖޭ ރާޒް، ސީމާ ޕަހްވާ އަދި ޖިމް ސަރްބް އާ އެކުގައެވެ.

މިއަދު އާއްމުކޮށްފައިވާ ޓްރެއިލަރގައި އާލިއާ ފެނިގެންދަނީ ހަށިވިއްކާ ވިޔަފާރިކުރާ ސަރަހައްދެއް ކަމަށްވާ ކަމަންތިޕޫރާގައި މަޖުބޫރީ ހާލަތުގައި ހަށިވިއްކަން އުޅޭ ބަލިކަށި އަންހެން ކުއްޖެއްގެ ގޮތުގައެވެ. އެގޮތުން އޭނާއަށް ކުރިމަތިވާ ހާލަތްތަކުން އަރައިގަތުމަށް މަސައްކަތްކުރާ ތަން ފެނެއެވެ. އަދި އޭގެ ފަހުން ކަމަންތީޕޫރާގެ މާފިޔާ ކްއީންއަކަށް އޭނާ ބަދަލުވެގެން އަންނަ ގޮތް ދައްކައެވެ.

“ގަންގޫބާއީ ކަތިއާވާޅީ” އަކީ ހުސައިން ޒައިދީ ލިޔެފައިވާ ”މާފިއާ ކުއީންސް އޮފް މުމްބާއީ“ ގައި ހިމެނޭ ޙަޤީޤީ ހާދިސާގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގައި އާލިއާ ބަޓް ފެނިގެންދާނީ 1960ގެ އަހަރުތަކުގައި ކަމަންތީޕޫރާގެ އެއްމެ ބާރުގަދަ، އެއްމެންގެ ލޯބި އެއްމެ ބޮޑަށް ލިބި، މީހުންގެ އިހްތިރާމު ލިބިފައިވާ ވަރުގަދަ ސަޚްސިއްޔަތެއްގެ ރޯލުންނެވެ.

ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓްކޮށްފައިވާ މި ފިލްމު ގެނެސްދެނީ ބަންސާލީ އަދި ޖަޔަންތިލާލް ގަޑާގެ ޕެން ސްޓޫޑިއޯސް އިންނެވެ. ފިލްމު ރިލީޒްކުރަން މިހާރު ތާވަލްކޮށްފައި ވަނީ 25 ފެބްރުއަރީ 2022 ގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.