– ލަތާ މަންގޭޝްކަރް މަރުވީ ކޮވިޑް-19 ޖެހި ހޮސްޕިޓަލުގައި އެނދުމަތިކުރެވި ފަރުވާދެމުން އަންނަތާ މަހެއްހައި ދުވަސް ފަހުން، އުމުރުން 92 އަހަރުގަައި
– ލަތާ އަކީ “އިންޑިއާގެ ބުލްބުލް”ގެ ނަމުން މަޝްހޫރުވެފައިވާ ފަންނާނެއް

ބޮލީވުޑްގެ މަޝްހޫރު، ލިޖެންޑަރީ ލަވަކިޔުންތެރިޔާ މިއަދު ހެނދުނުގެ ވަގުތެއްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ ބްރީޗް ކެންޑީ ހޮސްޕިޓަލްގައި ކޮވިޑް-19 އަދި ނިއުމޯނިއާއަށް ފަރުވާދެމުން ދަނިކޮށެވެ.

ލަތާ މަންގޭޝްކަރް މަރުވި އިރު އޭނާގެ އުމުރަކީ 92 އަހަރެވެ. މެލޮޑީ ކްއީން އަދި އިންޑިއާގެ ބުލްބުލްގެ ނަމުން މަޝްހޫރުވެފައިވާ ލަތާ ހޮސްޕިޓަލުގައި އެނދުމަތިކުރީ މިދިޔަ ޖެނުއަރީ މަހުގައެވެ. ލަތާ މަރުވުމާ ގުޅިގެން ފިލްމު އަދި މިއުޒިކް އިންޑަސްޓްރީއަށް ވަނީ ބޮޑު މޮޅިކަމެއް ވެރިވެފައެވެ. މީސްމީޑިއާގެ މަންސަތަކުގައި ފަންނާނުން، މި ހިތާމައިގެ ޝުޢޫރުތައް ފާޅުކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

“ނުހަނު ހިތާމައާއެކު އަޅުގަނޑުމެން އަންގާލަން ބޭނުން، މިއަދު ހެނދުނު 08:12 ގައި ލަތާ މަންގޭޝްކަރް މަރުވެފައިވާކަން. އޭނާ މަރުވީ ކޮވިޑަށް ފަރުވާދެމުން އަންނަތާ 28 ދުވަސް ފަހުން، އޭނާގެ އެތަކެއް އޯގަންތަކެއް ފެއިލްވުމަށްފަހު.” މުންބާއީގެ ބްރީޗް ކޭންޑީ ހޮސްޕިޓަލުގައި ލަތާއަށް ފަރުވާދިނުމުގައި އިސްކޮށް ހަރަކާތްތެރިވި ޑޮކްޓަރު ޕްރަތީތު ސަމްދާނީ މި ޚަބަރު އާއްމުކުރަމުން ބުންޏެވެ.

ލަތާ އަކީ ބައްޕަ ޕަންޑިތު ދީނާތު މަންގޭޝްކަރް އަދި މަންމަ ޝިވަންތީ މަންގޭޝްކަރްގެ މިއުޒިކީ އާއިލާގެ މެންބަރެކެވެ. ލަތާގެ ބައްޕައަކީ މަރާޓީ މިއުޒިކް އަދި ތިއޭޓަރ އާޓިސްޓެކެވެ. ލަތާއަށް އެންމެ ފުރަތަމަ މިއުޒިކް އަދި ތިއޭޓަރ އެކްޓިންގ ދަސްކޮދިނީ އޭނާގެ ބައްޕައެވެ. ލަތާ ތުއްތު އިރު، އޭނާގެ ބައްޕަ އުފެއްދި ބައެއް އިސްޓޭޖް ޑްރާމާތަކުގައި ހަރަކާތްތެރިވިއެވެ.

ލަތާގެ ފުރަތަމަ ކިޔި ހިންދީ ލަވައަކީ “މާތާ އޭކް ސަޕޫތު ކީ ދުނިޔާ ބަދަލް ދޭ ތޫ” އެވެ. މިއީ 1943 ގައި ރިލީޒްކުރި މަރާޓީ ފީޗަރ ފިލްމު “ގަޖާބާއު”ގެ ލަވައެކެވެ. މި ފިލްމަށް އިތުރު ލަވަތައްވެސް ލަތާ ކިޔާފައިވެއެވެ.

އޭގެ ފަހުން، އިންޑިއާގެ މިއުޒިކް އިންޑަސްޓްރީގެ މަޝްހޫރު ފަންނާނުންނާ އެކު ލަތާ މަސައްކަތްކުރިއެވެ. އޭގެ ތެރޭގައި އަނިލް ބިސްވާސް، ޝަންކަރް ޖައިކިޝަން، ނައުޝާދު ޢަލީ އަދި އެސްޑީ ބަރްމަން ހިމެނެއެވެ.

އޭނާގެ އަޑުން، ހިންދީ، ބެންގޯލީ، މަރާޓީ އަދި މި ސަރަހައްދުގެ އެހެން ބައެއް ބަސްބަހުންވެސް ލަވަކިޔާފައި ވެއެވެ. ލަތާއަށް ދާދާސާހެބް ޕަލްކޭ އެވޯޑް، ބާރަތު ރަޓްނާ، ޕަދްމާ ބުޝަންގެ އިތުރުން ޤައުމީ އެތައް އެވޯޑަކާއި ފިލްމުފެއަރ އެވޯޑްތައް ލިބިފައިވެއެވެ.

ލަތާ ކިޔާފައިވާ ލަވަތަކުގެ ސީދާ އަދަދެއް ނޭނގުނަސް، އެ އަދަދު 36،000 އަށް ވުރެން މައްޗަށް އަރާނެ ކަމަށް ބައެއް މަސްދަރުތައް ބުނެއެވެ.

ލަތާ ކިޔާފައިވާ ފާހަގަކޮށްލެވޭ ގިނަ ލަވަތަކުން ތެރެއިން، ‘ތެރޭ ބިނާ ޒިންދަކީ ސޭ ކޯއީ ޝިކްވާ ތޮ ނެހީ’، ‘ތުޖޭ ދޭކާ ތޮ ޔެ ޖާނާ ސަނަމް’، ‘އޭސާ ދޭސް ހޭ މެރާ’ އަދި ‘ވަންދޭ މާތަރަމް’ ހިމެނެއެވެެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.