ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ކޮވިޑް 19 ބަލީގެ ސަބަބުން ހަށިގަނޑުގައި ނިދާފައި ތިބޭ ވައިރަސްތައް އަލުން ހަރަކާތްތެރިވޭ – ދިރާސާ

އައު ދިރާސާއަކުން ދައްކާ ގޮތުގައި، ކޮވިޑް-19 ބަލިޖެހުމުގެ ސަބަބުން އިންސާނާގެ ހަށިގަނޑުގައި ނިދާފައި ނުވަތަ ވަގުތީ ގޮތުން ހަރަކާތްތެރިނުވެ ތިބޭ ބައެއް ބާވަތުގެ ވައިރަސްތައް އަލުން ހަރަކާތްތެރިވުމަށް މަގުފަހިވެއެވެ.

ދިރާސާވެރިން ފާހަގަކުރާ ގޮތުގައި، މިގޮތަށް ވައިރަސްތައް އަލުން ހޭލައި ހަރަކާތްތެރިވުމަކީ ބަލީގެ ނުރައްކާ ބޮޑުވެ، ބަލިން ފަސޭހަވުމަށްފަހު ވެސް ގިނަ ދުވަސްތަކެއް ވަންދެން ވަރުބަލިކަން އިހުސާސްވުން ފަދަ “ލޯންގް ކޮވިޑް”ގެ އަލާމާތްތައް ދެމިހުރުމަށް މެދުވެރިވާ ސަބަބެކެވެ.

މދިޔަ ހަފުތާގެ ބުދަ ދުވަހު “ނޭޗަރ” މަޖައްލާގައި ޝާއިޢުކޮށްފައިވާ މި ދިރާސާ ބިނާކޮށްފައިވަނީ، ބަލިމަޑުކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި އެއްކުރެވުނު 1،100 އަށްވުރެ ގިނަ ސާމްޕަލްގެ މައްޗަށެވެ.

ދިރާސާވެރިންނަށް ފާހަގަކުރެވުނު ގޮތުގައި، ބަލިޖެހުނު މީހުންގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުންގެ ހަށިގަނޑުގައި ކުރިން އެއްވެސް އަލާމާތެއް ނެތި ހުރި ވައިރަސްތައް ވަނީ އަލުން ހަރަކާތްތެރިވާން ފަށާފައެވެ. މީގެ ތެރޭގައި “ހާޕީސް” އާއިލާގެ ވައިރަސްތަކާއި، އާންމުކޮށް ފެންނަ “އެނެލޯވައިރަސް” ހިމެނެއެވެ.

އެޕްސްޓައިން-ބާރ ވައިރަސް (އީބީވީ) ފަދަ ބައެއް ބާވަތުގެ ވައިރަސްތަކަކީ، އެއްފަހަރު ހަށިގަނޑަށް ވަނުމަށްފަހު މުޅި އުމުރަށް ހަށިގަނޑުގައި ނިދާފައި ތިބޭ އެއްޗެހިކަން ސައިންސްވެރިންނަށް މާކުރިންވެސް އެނގެއެވެ. މިފަދަ ވައިރަސްތައް އަލުން ހޭލަނީ ބަލިވުމުގެ ސަބަބުން ނުވަތަ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ކުރިމަތިވާ ބޮޑެތި ފިއްތުންތަކުގެ ސަބަބުންނެވެ.

ކުރީގެ ދިރާސާތަކުން ވެސް އީބީވީ އަލުން ހަރަކާތްތެރިވުމާއި ކޮވިޑާ ގުޅުމެއް ހުރިކަން ދައްކާފައިވީ ނަމަވެސް، މި އައު ދިރާސާއަކީ ކޮވިޑްގެ ނުރައްކާތެރި ހާލަތްތަކުގައި ހަށިގަނޑުގައި ހުންނަ އެކި ބާވަތްތަކުގެ ވައިރަސްތައް އަމަލުކުރާ ގޮތް އެންމެ ފުޅާދާއިރާއެއްގައި ބަލާފައިވާ ދިރާސާއެވެ.

މިވެސް ކިޔާލަން:  ސްކޫލުތަކުގައި ކިޔަވައިދިނުމަށް ވާންޖެހޭ ތައްޔާރީތައް ފެށުމަށް އަންގައިފި

ދިރާސާވެރިން ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދިން މީހުންގެ ލޭގެ ސާމްޕަލާއި، ނޭފަތުގެ ސާމްޕަލް އަދި ބަޔޮލޮޖިކަލް އެހެނިހެން މައުލޫމާތު ބޭނުންކޮށްގެން އެއް އަހަރު ދުވަހުގެ މުއްދަތަށް އެމީހުންގެ ހާލަތު ބަލާފައެވެ.

މި ދިރާސާއިން އެނގުނު ގޮތުގައި، އެޕްސްޓައިން-ބާރ ވައިރަސް އެންމެ ގިނައިން ހަރަކާތްތެރިވަނީ ބަލިމީހާ ހޮސްޕިޓަލުގައި އެޑްމިޓްކުރާ ދުވަސްވަރާ ދިމާކޮށެވެ. ނަމަވެސް ހާޕީސް އާއިލާގެ އެހެން ވައިރަހެއް ކަމަށްވާ ސައިޓޯމެގަލޯވައިރަސް (ސީއެމްވީ) އަލުން ހަރަކާތްތެރިވާން ފަށަނީ އޭގެ ހަފުތާތަކެއް ފަހުންނެވެ. މީގެ އިތުރުން، އެނެލޯވައިރަސްތައް ހޮސްޕިޓަލުގައި އޮންނަ ދުވަސްވަރާއި އޭގެ ފަހުގެ ހަފުތާތަކުގައި ވެސް ފެނިފައިވެއެވެ.

މި ވައިރަސްތައް އަލުން ހޭލުމަކީ ކޮވިޑް ބަލީގެ އެންމެ ނުރައްކާތެރި މަރުހަލާގައި ބަލީގެ ހާލަތު އިތުރަށް ގޯސްވުމާ ގުޅިފައިވާ ކަމެކެވެ.

އިތުރު އަލާމާތްތައް
ލޯންގް ކޮވިޑް ތަހައްމަލުކުރާ މީހުންނަށް ދިމާވާ ވަރުބަލިކަމާއި، ޖިސްމާނީ ގޮތުން ހަރަކާތްތެރިވުން ދަތިވުމާއި، އަދި ސިކުނޑި ސާފުނުވުން ނުވަތަ “ބްރެއިން ފޮގް” ފަދަ ކަންކަމާ މި ވައިރަސްތަކާ ހުރި ގުޅުން ވެސް ދިރާސާވެރިން ބަލާފައިވެއެވެ.

ކުރީގެ ބައެއް ދިރާސާތަކާ ޚިލާފަށް، މި ދިރާސާއިން އެޕްސްޓައިން-ބާރ ވައިރަސް އާއި ލޯންގް ކޮވިޑްގެ އަލާމާތްތަކާ ސީދާ ގުޅުމެއް ހުރިކަމުގެ ހެއްކެއް ނުފެނުނެވެ. އެހެންނަމަވެސް، އެނެލޯވައިރަސްތައް އަލުން ހަރަކާތްތެރިވުމަކީ ބަލިޖެހޭތާ މަސްތަކެއް ފަހުން ވެސް ދެމިހުންނަ ވަރުބަލިކަމާއި ޖިސްމާނީ ބަލިކަށިކަމާ ގުޅުންހުރި ކަމެއްކަން ވަނީ ހާމަވެފައެވެ.

ނަތީޖާގެ މާނަ
މި ދިރާސާއަކީ ހަމައެކަނި މި ވައިރަސްތަކުގެ ސަބަބުން ލޯންގް ކޮވިޑް މެދުވެރިވާކަން ނުވަތަ ބަލި ގޯސްވާކަން ސާބިތުކޮށްދޭ ދިރާސާއެއް ނޫނެވެ. ނަމަވެސް، ދިރާސާވެރިން ވިދާޅުވާ ގޮތުގައި، މީގެ ކުރިން ހީކުރެވިފައިވާ މިންވަރަށްވުރެ ބޮޑަށް ވައިރަސްތައް އަލުން ހަރަކާތްތެރިވުމަކީ ބަލީގެ ހާލަތަށް ނުފޫޒު ފޯރުވާ ކަމެކެވެ.

މިވެސް ކިޔާލަން:  ހެންޓާވައިރަސްގެ އިންޒާރު

މީގެ އިތުރުން، އެނެލޯވައިރަސް ހަރަކާތްތެރިވެފައިވާ ބަލިމީހުންގެ ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ބައެއް ސެލްތައް އާދަޔާޚިލާފަށް މަސައްކަތްކުރާކަން ފާހަގަކުރެވުނެވެ. މިއީ މި ވައިރަސްތަކުގެ ސަބަބުން ދިފާއީ ނިޒާމުގެ މަސައްކަތަށް ބުރޫއަރާކަމުގެ ނިޝާނެއް ކަމަށް ބެލެވެއެވެ.

ދިރާސާގެ މުސައްނިފުން ވިދާޅުވި ގޮތުގައި، މި ދިރާސާއިން ކުރިން އޮތް ބައެއް ގަބޫލުކުރުންތައް ވަނީ ބަދަލުވެފައެވެ. އެއީ، މިގޮތަށް ވައިރަސްތައް އަލުން ހޭލަނީ ހަމައެކަނި ދިފާއީ ނިޒާމު ބަލިކަށި މީހުންގެ ކަމަށް ބުނާ ބުނުމެވެ. އޭގެ ބަދަލުގައި، ސިއްހަތު ރަނގަޅު މީހުންނަށް ކޮވިޑްގެ ނުރައްކާތެރި ހާލަތްތައް ކުރިމަތިވާއިރު ވެސް މިފަދަ ކަންކަން ހިނގާކަން ވަނީ އެނގިފައެވެ.

ކުރިއަށް އޮތް ތަނުގައި ކުރެވޭ ތަހުލީލުތަކުން ބަލާނީ، މިގޮތަށް ނިދާފައި ހުންނަ ވައިރަސްތައް އަލުން ހޭލިޔަނުދީ ހިފެހެއްޓުމަކީ ކޮވިޑް ބަލި ގޯސްވުން ނުވަތަ ލޯންގް ކޮވިޑްގެ ނުރައްކާ ކުޑަކުރެވިދާނެ ކަމެއްތޯއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top