އިވެންޓް ކަވަރޭޖްހެދީ: އަޙްމަދު ރަޝީދު (އަންނާރޭ)

މީޑިއާ ނެޓްގެ އޯޓީޓީ މަންސަތަކުން ދެއްކުމަށް މުޙައްމަދު ޢަބްދުﷲ (މުހައްމާ)ގެ ދެކެދެކެވެސް ޕްރޮޑަކްޝަނުން އުފެއްދި ޑްރާމާ ސިލްސިލާ “ލަފުޒު” މިމަހުގެ 26 ވަނަ ދުވަހުގެރޭ ޕްރިމިއަރކޮށްފި އެވެ. މީޑިއާތަކާއި ފިލްމީ ބައެއް ފަރާތްތަކަށް ދަޢުވަތުދީގެން ސޯލްޓް ކެފޭގައި ރޭ ބޭއްވި މި ހަފުލާގައި “ލަފުޒު”ގެ ފުރަތަމަ އެޕިސޯޑް ދެއްކިއެވެ.

މި ޑްރާމާ ލޯންޗްކުރަން ބޭއްވި ހަފްލާގައި ވާހަކަދައްކަމުން މުހަންމާ ބުނީ ޑްރާމާއެއްގައި ދައްކުވައިދޭން ޖެހޭ ހުރިހާ އިހުސާސެއް މި ޑްރާމާއިން ދައްކުވައިދޭނެ ކަމަށާ  އެންމެ އެޕިސޯޑެއް ބަލައިގެން މި ޑްރާމާގައި ވާގޮތް ނޭނގޭނެ ކަމަށެވެ. އެހެންކަމުން މީގައި ވާގޮތް އެނގެން މުޅި ޑްރާމާ ބަލަންޖެހޭނެކަމަށް ވެސް މުހައްމާ ފާހަގަކުރި އެވެ.

ޑްރާމާގެ އިސް-ބަޠަލާއިންގެ ބައި ކުޅޭ ތަރިންނާމެދު މުހައްމާ ބުނީ ލީޑު ކުޅޭ ދެ ފަންނާނުންނާ ބެހޭގޮތުން މާ ދިގުކޮށް އެއްޗެއް ބުނެފިއްޔާ ވާނީ ގޯހަކަށް ކަމަށެވެ. “ޝިފާ އާ ދޮން އައްޔަގެ ވާހަކަދެއްކުމަކީ ހަޑިކަމަކަށް ވާނީ. އެހެންވީމަ އަޅުގަނޑަށް ހަމަގައިމު ވެސް ތި ބޭފުޅުންގެ އެކްޓިން އާ ދޭތެރޭ ކުޑަކޮށް ވެސް ސުވާލެއް ނުއުފެދޭ،”

“ލަފުޒު”ގެ ފުރަތަމަ ސީޒަންގައި 15 އެޕިސޯޑު ހިމެނެއެވެ. މި ސީރީސްގެ އާ އެޕިސޯޑެއް ކޮންމެ ހޮނިހިރު ދުވަހަކު މީޑިއާނެޓްގެ އޯޓީޓީ މަންސަތައް މެދުވެރިކޮށް ބަލައިލެވޭނެއެވެ.

“ލަފުޒު” މިއީ މުހަންމަދު އަބްދުﷲ (މުހަންމާ) ޕްރޮޑިއުސްކޮށްފައިވާ 30 އެޕިސޯޑްގެ ސިލްސިލާ ޑްރާމާއެކެވެ. މީގެ ޑައިރެކްޝަން ހެދީ މަޝްހޫރު ފިލްމީތަރި އަދި ޑައިރެކްޓަރ އަޙްމަދު ނިމާލެވެ. ކެމެރާކޮށް ޕޯސްޓްޕްރޮޑަކްޝަން ހެދީ އަލީ ރަޝީދު (ގޮޅާ) އެވެ.

މިއީ މަޝްހޫރު ވާހަކަލިޔުންތެރިޔާ މަރްޔަމް މޫސާގެ ސްކްރީންޕްލޭ އަކަށް ހަދާ ސިލްސިލާއެކެވެ.

މި ޑްރާމާގެ ލީޑް ރޯލުން ފެންނާނެ ދެ ފަންނާނުންނަކީ މަރިޔަމް ޝިފާ އަދި އަލީ އާޒިމްއެވެ. މީގެ އިތުރުން ”ލަފުޒު“ން ފެނިގެންދާނެ މުހިންމު ތަރިންގެ ތެރޭގައި އަލަށް ތަޢާރަފުވާ ޢާރިފާ ޢަލީ، މި ފަދަ ސީރީޒަކުން އަލަށް ފެނިގެންދާ އާދަމް ސަޢީދު، ފާޠިމަތު ލަޠީފާ، ނަޞީރު، ތުހުފާ ހިމެނެއެވެ. މީގެ އިތުރުން މީގައި ހަރަކާތްތެރިވާ ކުޑަކުދިންގެ ރޯލުތަކުން ފެނިގެންދާނީ ރ. މާކުރަތުގެ ކުދިންނެވެ.

https://www.youtube.com/watch?v=PG7sFTkxiTQ

 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.