ޔޯހާނީ ވަނީ އޭނާގެ ލަވަ ‘މަނިކޭ މަގޭ ހިތޭ’ އިން ބައިނަލްއަގުވާމީ އިންޓަނެޓް ސެންސޭޝަނަކަށް ވެފައެވެ. ބޮލީވުޑްގެ ސުޕަސްޓާ ސަލްމާން ޚާން ވެސް އޭނާގެ ލަވައިގެ ފޭނަކަށް ވެ، މެހެމާނެއްގެ ގޮތުގައި އޭނާ ވަނީ ބިގް ބޮސްގެ ގެއަށް ދައުވަތު ދީފަ އެވެ.

ޔޮހާނީއަށް އެކިއެކި ހުށައެޅުންތަކުގެ ވިއްސާރަ އޮހެމުން ދެޔޭ ބުނާހާވަރަށް ފުރުޞަތުތައް ލިބެމުން އަންނަކަމަށް ޤަބޫލުކުރެވެެވެ. ދާދިފަހުން އޭނާ ޝާއިއުކުރި ޕޯސްޓުގެ ސަބަބުން ފޭނުން ވަނީ ހައިރާންވެފައެވެ. ލަވަކިޔުންތެރިޔާ ވަނީ އޭނާގެ އިންސްޓަގްރާމް ހެންޑްލްގައި ލަވަކިޔުންތެރިޔާ ގުރޫ ރަންދަވާއާ އެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށްފައެވެ.

ޔޯހާނީ އޭނާގެ އިންސްޓަގްރާމް ހެންޑްލްގައި ލަވަކިޔުންތެރިޔާއާ އެކު ޝެއާ ކުރި ފޮޓޯގައި ދެމީހުން ވެސް ކެމެރާ ކުރިމަތީގައި ހުއްޓިގެން ތިބީ ހިނިތުންވެލަމުންނެވެ. އެ ޕޯސްޓް ޝެއާކުރަމުން ކެޕްޝަންގައި ލިޔެފައިވަނީ “ކޮލަބް ލޯޑިންގ…” މިހެންނެވެ. މާނައަކީ އެ ދެމީހުން ގުޅިގެން އެކުގައި ކުރާ މަސައްކަތެއް ވަރަށް އަވަހަށް އަންނަން އުޅޭކަމުގެ އިޝާރާތެއް ކަމަށް ބެލެވެއެވެ.

އެ ޕޯސްޓު ކުރުމާއެކު ފޭނުން ވަނީ ސޯޝަލް މީޑިއާގައި އެމީހުންގެ ލޯބި ބަންޑުންކުރަން ފަށާފައެވެ. ނެޓިޒަނަކު ކޮމެންޓް ކުރި ގޮތުގައި “ޓޫ އެމޭޒިންގް ޓެލެންޓެޑް ސިންގަރސް” އޭ ލިޔެލާފައިވެ އެވެ. އިތުރު މީހަކު ކޮމެންޓް ކޮށްފައި ވަނީ “ތިޔަ ލަވަ އަޑުއަހާލަން ކެތްމަދުވެފައި މިހުރީ” ކަމަށެވެ.

ދާދި ފަހުން ޔޯހާނީ ވަނީ އިންޑިއާއަށް ބަދަލުވެފަ އެވެ. އޭނާ މިހާރު ދިރިއުޅެމުން އަންނަނީ ހުވަފެންތަކުގެ ސިޓީއެއް ކަމަށްވާ މުމްބާއީގަ އެވެ. މުޅި ދުނިޔޭގެ ސަޕޯޓަރުން ގެންދަނީ އޭނާގެ ސޯޝަލް މީޑިއާ ސައިޓްތަކުގައި ޕޯސްޓްކުރާ ކޮންމެ އެއްޗަކަށް ފާރަލަމުންނެވެ.

ގުރޫ ވަނީ އޭނާގެ ސަޕޯޓަރުންނަށް ހިޓް ސިންގަލްސްތަކެއް ފޯރުކޮށްދީފަ އެވެ. އޭނާގެ އެންމެ ފަހުގެ ހިޓް ލަވަތައް ކަމަށްވާ ‘ކުސޫ ކުސޫ’، ‘ލާހޯރް’ އަދި ‘ހައި ރޭޓެޑް ގަބުރު’ އަށް ސަޕޯޓަރުންގެ ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ.

ޝައްކެއްވެސް ނެތް ގޮތުގައި ޔޯހާނީ އަދި ގުރޫ ރަންދަވާ އެކުގައި ހުށައަޅާ ލަވައެއް ބަލަން ލިބުން ވެގެން ދާނީ ފިސާރި ކަމަކަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.