ޖަނަވަރީ މަހުގެ 31 ވަނަ ދުވަހުގެ ރެެއަކީ މަދުން ނޫނީ ނުފެންނަ ފަދަ ހަނދުގެ ގުތުރަތީ އަޖައިބު ތަކެއް ދުށުމަށް އެދޭ މީހުންނަށް ޚާއްޞަ ރެއެކެވެ. އެރެއަކީ އާއްމުކޮށް ފެންނަ ވަރަށް ވުރެ 14 އިން ސައްތަ ހަނދު ބޮޑުވާނެ ރެއެކެވެ. އެރޭ ފެންނާނީ “ސުޕަރ ބްލަޑް ބުލޫ މޫން” އެކެވެ. އެރޭ ފުރިހަމަ ކޭތަ އެއް ހިފާނެ އެވެ.

އެންމެ ފަހުން ދުނިޔެއަށް “ސުޕަރ ބްލަޑް ބުލޫ މޫން” އެއް ފެނިފައިވަނީ މީގެ 36 އަހަރު ކުރިންނެވެ. ސައިންސްވެރިން ބުނާ ގޮތުގައި “ސުޕަރ ބްލަޑް ބުލޫ މޫން” އުތުރު އެމެރިކާގެ ހުޅަނގު ފަރާތުގެ ސަރަހައްދު ތަކަށާއި، އޭޝިއާ، މެދު އިރުމަތި، ރަޝިއާ އަދި އޮސްޓްރޭލިއާ އަށް ފެންނާނެއެވެ.

“ސުޕަރ ބްލަޑް ބުލޫ މޫން” އަށް މިހާ ބޮޑު ޝައުގުވެރި ކަމެއް ލިބިގެންދަނީ ތިން ކަމެއް އޭގައި އެކުލެވޭތީ ކަމަށް ސައިންސްވެރިން ބުނެއެވެ. އެއީ، އާދަޔާ ޚިލާފު ބޮޑު ސައިޒެއްގައި ހަނދު (ސްޕަރ މޫން) ފެނުމާއި، އެއް މަހެއްގެ ތެރޭގައި ދެވަނަ ފަހަރަށް ފެންނަ ފުރިހަމަ ހަނދަށް މި ހަނދު ވުމާއި، އަދި ފުރިހަމަ ހަނދުކޭތައެއް އެ ރޭ ހިފުމެވެ.

އިނގިރޭސި ބަހުން “ބްލޫ މޫން” ކިޔަނީ އެއް މަހެއްގެ ތެރޭގައި ދެވަނަ ފަހަރަށް ފުރިހަމަ ހަނދެއް ފާޅު ވުމަށެވެ. އާއްމު ގޮތެއްގައި ބްލޫ މޫން ފެންނަނީ ކޮންމެ 2 އަހަރާއި 8 މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައެވެ. މިއީ ހަނދު ދުނިޔެ އާއި އެންމެ ގާތައް އަންނަ އައުން ކަމަށް ސައިންސްވެރިން ބުނެއެވެ. މި ދާއިރާގެ އިލްމްވެރިން ކިޔާގޮތުން މިއީ “ޕެރިގީ” އެވެ. އޭރު އާއްމު ގޮތެއްގައި ހަނދު އެންމެ ބޮޑުކޮށް ފެންނަ މިންވަރަށް ވުރެ 14 އިން ސައްތަ ބޮޑު ކޮށް ފެނުމާއި 30 އިން ސައްތަ އިތުރަށް ހަނދުގެ އަލި ގަދަކޮށް ފެންނާނެއެވެ. މި ހާދިސާ ގައި ހަނދު ކޭތަ ހިފާއިރު، ހަނދު ދައުރު ވަމުން ގޮސް ދުނިޔޭގެ ހިޔަނި ހަނދަށް އެޅޭ އިރު ހަނދު ފެންނަނީ އޮރެންޖު ނުވަތަ ރަތް ކުލަ އެއްގައި ކަމަށް ވެއެވެ. ސައިންސްވެރިން ލަފާ ކުރާ ގޮތުގައި، ކޭތަ ހިފާއިރު ހަނދާއި، އިރު އަދި ދުނިޔެ އެއް ރޮނގެއްގައި ހުންނަ ވަގުތުގެ ދިގުމިން 1 ގަޑިއިރާއި 16 މިނަޓަށް ދިގު ދެމިގެން ދާނެއެވެ.

ފުރިހަމަ ހަނދުކޭތައެއް ހިފުމުގައި ކަންތަައްތައް ހިނގާާގޮތް

މި އިވެންޓާ ބެހޭ ގޮތުން ސްކައި އެންޑް ޓެލެސްކޯޕް މެގަޒިންގައި ބުނެފައިވަނީ އެންމެ ފަހުން މަހެއްގެ ތެރޭގައި ފާޅުވި ދެވަނަ ފުރިހަމަ ހަނދެއް (ބްލޫ މޫން) ގައި ހަނދު ކޭތަ ހިފި ހާދިސާ ރެކޯޑް ކުރެވިފައިވަނީ 30 ޑިސެމްބަރު 1982 ގައި ކަމަށެވެ. ނަމަވެސް ސައިންސްވެރިން ބުނާ ގޮތުގައި “ސްޕަރ މޫން” “ބްލޫ މޫން”، އަދި ފުރިހަމަ ހަނދުކޭތަ އަކާ އެކު މިހުރިހާ ކަމެއް އެއްފަހަރާ މީގެ ކުރިން ހިނގި ކަމަށް ހިސާބުތަކުން ދައްކަނީ 31 މެއި 1844 ގައި ކަމަށެވެ.

ސުޕަރ މޫން ނުވަތަ ދުނިޔެއާ އެންމެ ގާތައް ހަނދު އަންނަ ވަގުތު ކޭތަ ހިފާ ހާދިސާ ހިނގުމަކީ ތަންކޮޅެއް ގާތް ގާތުގައި ހިނގާ ކަމެކެވެ. އެންމެ ފަހުން އެފަދަ ހާދިސާ އެއް ހިނގީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ލިޔުން ނެގީ: ރާއްޖެ.އެމްވީ އިން

ލިޔުންތެރިޔާގެ ފުރަމަލަ

ރަން ގަލަން
ރަން ގަލަން
މުހިންމު ބޭނުންތެރި ލިޔުންތައް އެކިއެކި ވަޞީލަތް ތަކުން ނަގައިގެން، ލިޔުމުގެ އަސްލު މުސައްނިފް ލިޔުއްވި ލިޔުމެއްކަން އެނގޭ ގޮތަށް 'ރަން ގަލަން' ޕޯސްޓް ކުރާނެ އެވެ.