ރާއްޖޭގެ އެއްމެ މަޝްހޫރު އަދި ހުނަރުވެރި ލަވަކިޔުންތެރިޔާ އުނޫޝާ، ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝާން އާއެކު ލަވައެއް ރެކޯޑްކޮށް އޭގެ ވީޑިއޯވެސް ރެކޯޑްކޮށްފި އެވެ.

މި ކަން ހާމަކޮށްފައިވަނީ ދަ ނިއު އިންޑިއަން އެކްސްްޕްރެސްގެ އިންޑަލްޖަށް ޝާން ދީފައިވާ އިންޓަވިއުއެއްގަ އެވެ. މީގެ އިތުރުން މިކަން ފާހަގަކޮށް ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަ) މިމަހުގެ 05 ވަނަ ދުވަހު ފޭސްބްކް މެދުވެރިކޮށް ބުނީ “ދިވެހި ފޮޅުވަތް ކޮޅެއް ހިމަނައިލެވުނީތީ އުފާކުރަން. މި ފުރުޞަތު ލިބުނީތީ އަހަރެން ވަަރަށް ބޮޑަށް ޝުކުރުވެރިވަން. ޝުކްރިއްޔާ އުނޫޝާ (ކިޑީ). ދިލް އުޅެޔާ 🇲🇻💞🇮🇳 ވަރަށް އަވަހަށް ނުކުންނަނީ.” މިހެންނެވެ. ލަވައިގެ ދިވެހި ލިރިކްސް ހަދާފައިވަނީ ތޭރަ ކަން ފާހަގަކޮށްލެވެ އެވެ.

ދަ ނިއު އިންޑިއަން އެކްސްްޕްރެސްގެ އިންޑަލްޖަށް ޝާން ދިން އިންޓަވިއުގައި ބުނެފައިވަނީ “ދިލް އުޅެޔާ” އަކީ ރެގޭ ސްޓައިލް މިއުޒިކްގެ ޑާންސް ލަވައެއް ކަމަށެވެ.

މި ލަވައިގައި މައިގަނޑުގޮތެއްގައި ބޭނުންކޮށްފައިވަނީ ހިންދީ ބަހާއި ޕަންޖާބު ބަސް ކަމަށް ޝާން ބުނެފައިވެއެވެ. މީގެ އިތުރުން ދިވެހި ބަހުން ލަވައިގެ ރެޕް ބައެެއް ބޭނުންކޮށްފައިވާނެ ކަމަށް ޝާން ބުނެފައިވެ އެވެ. މި ލަވައިގެ މިއުޒިކުގައި ބޭނުންކުރާ އިންސްޓްރުމެންޓްސްގެ ތެރޭގައި ބޮޑުބެރުވެސް ހިމެނެއެވެ.

މި އިންޓަވިއުގައި ޝާން ވަަނީ އުނޫޝާގެ މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އެގޮތުން ހިންދީ އަދި އުރުދޫ ބަހުން ލަވައިގެ ބައިތައް އުނޫޝާ ކިޔާފައިވާލެއް ފުރިހަމަކަން ޝާން ފާހަގަކޮށްފައިވެ އެވެ.

ހާޑްރޮކް ހޮޓެލްގައި ލަވައިގެ ވީޑިއޯކޮށްފައިވާއިރު މި ލަވަ ރިލީޒް ކުރާނެ ތާރީޚެއް އިއުލާނުކޮށްފައެއް ނުވެއެވެ. ނަމަވެސް މި ލަވައިގެ ޓީޒަރއެއް މިއަދުގެ ވަގުތެއްގައި އާއްމުކޮށްފައިވެ އެވެ. ލަވައިގެ ޓީޒަރގައި އާއްމުކޮށްފައިވާ ތަންކޮޅުން އުނޫޝާގެ އަޑު އިވުމުން ގައިން ހީބިހި ނަގައިގެން ދާހާ މޮޅަށް ކިޔާފައިވާކަން ފާހަގަކޮށްލެވެ އެވެ.

އުނޫޝާ ވަނީ މީގެ ކުރިން ބޮލީވުޑް ފިލްމެއް ކަމުގައިވާ “ޖިސްމް 2″އަށް ވެސް ލަަވައެއް ކިޔާދީފައެވެ.

https://www.youtube.com/watch?v=gPtz4_wu2zE

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.