ދިވެހިންގެ މެދުގަައި ކްލަބްހައުސް ވައިގައި ހިފިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި މުނިއަވަސް އޮންލައިން ނޫހުން، މުނިއަވަސް ކްލަބްހައުސްގެ ނަމުގައި ޕްރޮގްރާމުތަކެއް ފެށީ 23 ޖޫން 2021ގަ އެވެ. ނަމަވެސް، މުުނިއަވަސް ކްލަބްހައުސް ގައި މުނިއަވަސްގެ ރަސްމީ އޯޑިއޯ ޕްރޮގްރާމުތައް ރަސްމީ ސިފައެއްގައި ޒަމާނީ ޕޮޑްކާސްޓިންގ ސްޓައިލްގައި ފެށި 2021 ސެޕްޓެމްބަރު 01 ވީ ބުދަ ދުވަހު ހެނދުނު އެވެ. މި ޕްރޮގްރާމުތައް ފައްޓަވައިދެއްވީ މީޑިއާގެ ތަޖުރިބާކާރު އަދި ހުނަރުވެރި އަޑުގެވެރިޔާ މުޙައްމަދު އާސިފް އެވެ.

ވަރަށް އާދައިގެ ގޮތަކަށް މުނިއަވަސް އިން ޚަބަރު ގަޑި ނަމުގައި ޕްރޮގްރާމެއް ފެށީ 23 ޖޫން 2021 ގައެވެ. އޭގެ ފަހުން ‘މުނިއަވަސް ޚަބަރު / ކޯދު‘ގެ ނަމަށް އެ ޕްރޮގްރާމުގެ ނަން ބަދަލުކޮށް ހަަަފުތާގެ އާދީއްތަ ދުވަހުގެ ރޭ ‘މުނިއަވަސް ޚަބަރު / ކޯދު: ސްޕެޝަލް’ގެ ނަމުގައި ބޮޑެތި ފިލްމުތަކުގެ މަސައްކަތްކޮށްފައިވާ ޓީމު ނުވަތަ ބޮޑު މަޤްބޫލުކަމަކާއި މަޝްހޫރުކަމެއް ހޯދާފައިވާ ފަންނާނެއް ގެނެސްގެން ޚާއްޞަ ޕްރޮގްރާމެއް ގެނެސްދޭޭން ފެށިއެވެ. އޭގެ ފަހުން އެކިއެކި ރަަހަތައް ހިމެނޭ ގޮތަށް ސިލްސިލާކޮށް ބައެއް ޕްރޮގްރާމުތައް ގެންނަން ފެށިއެވެ.

މުނިއަވަސް ކްލަބްހައުސް އަށް މެހެމާނުން ގެނެސްގެން ފުރަތަމަ ޝޯވއެއް ބޭއްވީ ޖުލައި 2021ގަ އެވެ. އެ ޝޯވއަށް ޚާއްޞަ މެހެމާނުންގެ ގޮތުގައި ގެނައީ ރާއްޖޭގެ އެކްޓަރުންގެ ތެރެއިން ދެގޮތެއްނުވެ ހުނަރުވެރި އެކްޓިންއެއް ދައްކަމުން އަންނަ އަޙްމަދު ސަޢީދުގެ އިތުރުން، ރާއްޖޭގެ އެއްމެ ވަރުގަދަ ޕްރޮޑަކްޝަން ހައުސްގެ ބާނީ މުޙައްމަދު ޢަލީ (މޮގާ) އެވެ.

މިހައިތަނަށް ގެނެސްދީފައިވާ ކާމިޔާބު ޝޯތަކުގެ ތެރޭގައި ފިލްމު ފަތިސްހަނދުވަރުގައި ޝާމިލުވާ ބޮޑު ޓީމާާއި އެކުގައި 04 ގަޑި އިރަށް ދެމިގެން ދިޔަ ޝޯވ އަކާއި ދޮޅުގަޑި އިރަށް ދެމިގެން ދިޔަ ޝޯވއެއް ބޮޑު އޯޑިއަންސަކާ އެކުގައި ކުރިއަށް ގެންގޮސްފައި ވެއެވެ.

މީގެ އިތުރުން ޔޫއްޕެ އަށް ޚާއްޞަކޮށް ގެނެސްދިން ކާމިޔާބު ޝޯވ، ޓިކްޓޮކް ކުޅޭ ކުދިންނަށް ޚާއްޞަކޮށްގެން ގެނެސްދިން ޝޯވ، ޔޫއްޕެ ޕްރޮޑަކްޝަން އާއި އައިލެންޑް ޕިކްޗަރސްގެ ކާސްޓިންކޯލް ޝޯވ، ޝާކިރުގެ ދުލުން އިއްޔެގެ ނަމުގައި ގެނެސްދިން ކާމިޔާބު ޝޯވއާއި ‘ހިނދޭނެ – ވިތު ފިޓްނަސް ގްރޫ އަޗޫ’ގެ ނަމުގައި ގެނެސްދިން ޝޯވ، ހާބުރި ރަޝީދު ސްޕެޝަލް ޝޯވ އާއި ޝިރާނީ ސްޕެޝަލް ޝޯވގެ އިތުރުންވެސް ކާމިޔާބު ޝޯތަކެއް ގެނެސްދީފައިވާކަން ފާހަގަކޮށްލެވެއެވެ. ހަމަ އެހެންމެ، މަޝްހޫރު ރިޓްޒް ލިރިކްސް އިން މަހަކު އެއް ފަހަރު އައު ލަވައެއް ނެރުމަށް ބޭއްވި ކާމިޔާބު ޝޯވތަކާއި ރިޓްޒް ލިރިކްސްގެ އަހަރީ ޝޯވވެސް މުނިއަވަސް އޮޅީގައި ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވުނެވެ.

އިތުރު ޝޯވތަކަށް ބަލައިލާއިރު، ވާހަކައިން ވާހަކަ، ކޮން ލަވައެއް- ލަވަ ރިކްއެސްޓް (މިހާރު “ލަންޗް ޓައިމް މިއުޒިކް”)، ޅެން ކޯހުގެ ދެ ކޯސް، ސުނާމީގެ ތަޖުރިބާ އަދި ނޮވެމްބަރު 3ގެ ތަޖުރިބާތައް ހިއްސާކޮށްލެވުނު ކާމިޔާބު ޝޯވ ފަދަ އެތަކެއް ޝޯތަކެއް، މި ހޭދަވީ އަހަރުދުވަހުގެ ތެރޭގައި ގެނެސްދީފައި ވެއެވެ.

އަހަރެއްހައި ދުވަހު މުނިއަވަސް އިން ގެނެސްދީފައިވާ ކާމިޔާބު ޝޯވތަކުގެ ވާހަކަތަކާއި އިތުރު މަޢުލޫމާތުތައް، މުނިއަވަސް ކްލަބްހައުސް އަހަރީ ދުވަސް ފާހަގަކުރުމަށް މިއަދުން ފެށިގެން މުނިއަވަސް ޝޯވތަކުގައި އަލިއަޅުވަމުން ގެންދާނެ އެވެ. މީގެ އިތުރުން އަހަރީ ދުވަހުގެ ޚާއްޞަ ޝޯވއެއް 01 ޖުލައި 2022ގައި ބޭއްވުމަށް ނިންމާފައިވެ އެވެ. މި ޝޯވ އޮންނާނީ 01 ޖުލައި ދުވަހުގެ ރޭ 09:00 އިން ފެށިގެންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.