ރާއްޖޭގެ ފިލްމު އުފެއްދުމުގެ މަސައްކަތް ފެއްޓެވުމުގައި އިސްވެ ހުންނެވި މުޙައްމަދު މުސްޠަފާ ޙުސައިން ފީޗާ ފިލްމެއްގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވަން އުޅުއްވާކަމަށް ވިދާޅުވެއްޖެ އެވެ. މުނިއަވަސް ކްލަބްހައުސް އިން ގެނެސްދެމުން އަންނަ ދިވެހި ފިލްމީ ކުއިޒް ޝޯވ”ކޮންފިލްމެއް؟” ޕްރޮގްރާމުގައި މިކަން މުސްތަފާ ހާމަކުރައްވާފައިވާއިރު، މޯލްޑިވްސް ފިލްމް އެސޯސިއޭޝަންގެ ހިންގާކޮމެޓީ އިންތިހާބުކުރުމުގެ ޖަލްސާގައި ވެސް މިކަން މުސްތަފާ އިއުލާނުކުރެއްވިއެވެ.
“އަޅުގަނޑު މިއަދު މިހުރީ ނުކުމެ އަދިވެސް ތިބޭފުޅުންނާ އެކުގަ، ތިބޭފުޅުން ގޮވައިގެން ކުރިއަށްދާން ހުރި މަސައްކަތެއް ކުރުމުގަ ހިތްވަރާއެކުގަ އިނގޭތޯ.” ފިލްމީ ފަންނާނުންނާ މުޚާތަބުކުރައްވަމުން މުސްތަފާ ވިދާޅުވި އެވެ.
“އަޅުގަނޑު ފިލްމެއް ނުހަދާތާ ވަރަށް ގިނަ ދުވަސްވެފަ އިރާދަކުރެއްވިޔާ މިއަހަރު ތެރޭގަ، ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގަ އަޅުގަނޑު މަސައްކަތެއް އެބަ ފައްޓަން.” އިތުރަށް މުސްތަފާ ވިދާޅުވި އެވެ.
“އަޅުގަނޑު މިހަރަ ފެންނަނީ އިރާދަކުރެއްވިޔާ ތިބޭފުޅުންނާ އެކުގަ ކުރެވެން އޮތް ކަމެއް ކުރަން. ތިބޭފުޅުން އަޅުގަނޑުގެ ކިބައިން އެދިވަޑައިގެންނެވި ކަމެއްގަ އަޅުގަނޑު އެއްބާރުލުން ދޭނަން.” ރާއްޖެ އިން ބޭރުގައި އުޅުއްވުމަށްފަހު ރާއްޖެ ވަޑައިގެން ގެއަށްވެސް ވަޑައިނުގަންނަވާ އެ ޖަލްސާގައި ބައިވެރިވެލެއްވިކަން ވެސް މުސްތަފާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

އެމްއެފްއޭ އިންތިޙާބަށްފަހު ބައެއް ފިލްމީ ފަންނާނުންނާއެކު މުސްޠަފާ – ފޮޓޯ: އެމްއެފްއޭ
“އެއީވެސް މިތަންވަޅު އަޅުގަނޑުމެންގެ ރާއްޖެއަށް އައިސްފަ އޮތް ވަރަށް ބޮޑު މައްސަލައަކާ ގުޅޭ ގޮތުން ހަދާ ފިލްމެއް. އެ ފިލްމުގެ މަސައްކަތް އަޅުގަނޑު ފަށަން މިހާރު ނިންމާފަ އޮތީ.” ކާސްޓެއްވެސް ނަގާފައިވާ މި ފިލްމުގެ ބާވަތަށް އަލިއަޅުވާލައްވައި މުސްޠަފާ ހާމަކުރެއްވި އެވެ.
“މިއީ ރާއްޖޭގެ މީހަކަށް ދިމާވި ހަގީގީ ހާދިސާއަކާ ގުޅުންހުރި ފިލްމެއް. މީގައި އަލިއަޅުވާލާފައިވާނީ ބަންގްލަދޭޝް މީހުންނާ ދިވެހި އަންހެނުންނާ ކައިވެނިކޮށްގެން ދިމާވާ މައްސަލައަށް. ބަންގްލަދޭޝް ފިރިހެނެއް ހަރުކުލައިގެ އަންހެނަކާ އިނދެގެން އޭނާގެ ދިރިއުޅުމަށް ދިން ގެއްލުންތައް މި ފިލްމުން ދައްކުވައިދޭނެ.” މުސްޠަފާ ހައްދަވަން އުޅުއްވާ ފިލްމުގެ ޕްރީޕްރޮޑަކްޝަންގެ ބޮޑުބައެއް އަދި ނިމިފައިނުވާކަން ފާހަގަކުރައްވަމުން ފިލްމުގެ ކުރު ޚުލާސާއެއް މުނިއަވަސްއާ ހިއްސާކުރެއްވި އެވެ.
ދިވެހި ސިނަމާގައި އެޅުވި ފުރަތަމަ ދިވެހި ފިލްމު “ތިން ފިޔަވަޅު” އެއީ މުސްޠަފާގެ އުފެއްދުމެވެ. މުނިއަވަސް އަށް މުސްޠަފާ ދެއްވި ފުރަތަމަ ބަސްދީގަތުމުގައި، މުސްޠަފާ ފިލްމީ މަސައްކަތް ފެއްޓެވި ދުވަސްވަރު ފިލްމީ މަސައްކަތްތައް ކުރެއްވުމުގައި ހުރި ގޮންޖެހުންތަކަށް އަލިއަޅުވައިލެއްވި އެވެ.
“އަޅުގަނޑު ފިލްމުހަދަން ނުކުތް އިރު، ރާއްޖޭގެ އެއްވެސް މީހަކު ފިލްމެއް ހަދާފަ ނެތް. އޭރު ޖެހުނީ ހުރިހާއި އެއްޗެއް ހޯދާ، ވިސްނައިގެން އެކަން ކުރަން. ފަހުން ކޮންމެވެސް ވަރަކަށް ދަސްކޮށްގެން ފިލްމު އުފެއްދީ.” އެދުވަސްވަރުގެ ހަނދާންތަކަށް ޖެހިލައްވަމުން މުސްޠަފާ ވިދާޅުވި އެވެ.
“އޭގެ ފަހުން އެމެރިކާގެ ނިއުޔޯކް ޔުނިވާސިޓީން ކޮންމެވެސް ވަރެއްގެ ޓްރެއިންތަކެއް އަޅުގަނޑު ހެދިން، އެހެން ނަމަވެސް އެއީ ކުރު ކޯސްތަކެއް. އެ ތަމްރީނުގެ އަލީގަ ދޭތެރެއަކުން ފިލްމު ހެދުން، ޝައުގު ހުންނަ ފަރާތްތަކަށް ކަންކަން ފަހިކޮށްދިނުން، އިކްއިޕްމެންޓް ދިނުން، ޕޯސްޓްޕްރޮޑަކްޝަންގަ އެހީވުން ފަދަ ކަންކަން ކޮށްދިނިން. މީގެ އިތުރުން ޓީވީއަށް އަދި އަލްބަމްތަކަށް ވީޑިއޯ އަލްބަމް ހެދުމުގަ ސްޓޫޑިއޯ އެޓިޑިން ފަދަ ކަންކަމުގަ ވަސީލަތް ފޯރުކޮށްދީ ކަންކަން ފަހިކޮށްދިނިން. އެހެންވެ ގިނަ ފީޗާ ފިލްމެއް ހަދާނެ ފުރުޞަތެއް ނުލިބުނު.” މުސްޠަފާ ހާމަކުރެއްވި އެވެ.
މުސްޠަފާ އެންމެ ފަހުން ހެއްދެވި ދިވެހި ފިލްމު އަދި އެއްވެސް ސިފައެއްގައި ރިލީޒްކުރައްވާފައެއް ނުވެ އެވެ. އެ ފިލްމަކީ ދިވެހި ފިލްމު “ނަތީޖާ” އެވެ.
މުސްޠަފާގެ ފީޗާ ފިލްމު މަސައްކަތްތަކުގެ ތެރެއިން އެންމެ ފަހުން ރިލީޒްކުރި ދިވެހި ފިލްމަކީ ފިލްމު “އިމްތިހާން” އެވެ. 1993ގައި ރިލީޒްކުރި އެ ފިލްމުގެ ސްކްރީންޕްލޭ ލިޔުއްވާ ޕްރޮޑިއުސްކުރައްވާ ޑައިރެކްޓްކުރެއްވީވެސް މުސްޠަފާ އެވެ. އެ ފިލްމުގެ އިސް ބަތަލުންގެ ތެރޭގައި ރީކޯ މޫސާމަނިކް، މަރްޔަމް މަނިކެ، ޢަލީ ޝާކިރު، އަޙްމަދު ޚާލިދު އަދި ސުނީތާ ހިމެނެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 މެއި 2025ޚަބަރުކްރިއޭޓިވް ނެޓްވޯރކްގެ އަލަތު ފީޗާ ފިލްމުގެ ކުޑަ މިންވަރެއް ދައްކާލައިފި!
- 9 މެއި 2025ޚަބަރު“ޓޫ އޮފް އަސް” ގެ ޚާއްޞަ ޝޯއެއް އޮލިމްޕަހުގައި
- 7 މެއި 2025މަޢުލޫމާތުމިތަމޭނިއާ ނުވަތަ ބިރަކާނުލައި ދޮގުހަދާ ބަލި
- 4 މެއި 2025ޚަބަރު“ޓޫ އޮފް އަސް” އިން ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ނަން ފަވާލައިފި