ބައިސްކޯފުން ދެއްކި އެންމެ ތަފާތު އެއް ވެބް ސީރީޒް “ގަމިނި”ގެ ޑައިރެކްޓަރ މޫމިން ފުއާދު އުފައްދާފައިވާ ބައިސްކޯފު އޮރިޖިނަލްސް “ނެތީމޭ”ގެ ފުރަތަމަ ސީޒަންގެ ފުރަތަމަ އެޕިސޯޑް މިމަހު 29ގައި ރިލީޒްކުރާނެ ކަމަށް ބައިސްކޯފުން ބުނެފި އެވެ.

އަބަދުވެސް ތަފާތު ސްޓައިލެއްގެ އުފެއްދުންތަކެއް ނެރެމުން އަންނަ މޫމިން ފުއާދުގެ “ނޭތީމޭ” އަކީ ފާހަގަކޮށްލެވޭ ހުނަރުވެރި ތަރިންތަކެއް ހަރަކާތްތެރިވާ ސީރީޒެކެވެ. މުހިންމު ތަރިންގެ ތެރޭގައި ކޮޕީ އިއްސެ، ޝާރިފް، ވާޝިޔާ، ނަތާޝާ، ޝަކިއްތަ، އިސްމާޢީލް ޒާހިރުގެ އިތުރުންވެސް ގިނަ ތަރިންތަކެއް ހިމެނެ އެވެ. މީގެ ލީޑުގައި ހަރަކާތްތެރިވަނީ ޝާރިފް އަދި ޝިޔާ އެވެ.

އިޖްތިމާޢީ މައްސަލަތަކެއް ފެނިގެންދާނެ ލޯބީގެ ކްރައިމް ތުރިލާ “ނޭތީމޭ” ސީރީޒްގެ ފުރަތަމަ ސީޒަންގައި ހިމެނޭނީ ފަސް އެޕިސޯޑް ކަމަށް މުނިއަވަސްއާ ވާހަކަދައްކަމުން މޫމިން މަޢުލޫމާތުދީފައިވެ އެވެ.

މޫމިން ފުއާދު ލިޔެ ޑައިރެކްޓްކޮށްފައިވާ “ނޭތީމޭ” ވެބް ސީރީޒްގެ ސިނަމޮޓޮގްރަފީ ހެދީ ޙުސައިން އަދުނާން އެވެ. އެޑިޓިން ހެދީ ފިލްމީ ދާއިރާގެ ޓެކްނިކަލް މަސައްކަތްތަކުގައި ފައިތިލަ ސާބިތުކުރުމަށް ގަދައަޅައި މަސައްކަތްކުރަމުން އަންނަ އަޒްމީ އެވެ. މި އުފެއްދުމުގައި އަޒްމީގެ ވިޝުއަލް އިފެކްޓްސްގެ މަސައްކަތްވެސް ފެނިގެންދާނެ އެވެ.

ސީރީޒްގެ ބެކް މިއުޒިކް ހެދީ ފަތޯ އެވެ. މީގެ އިތުރުން ޕައިޑޭގެ ލަވައެއްވެސް މި ސީރީޒްގައި ހިމެނޭނެ އެވެ. މޭކަޕް ހެދީ ސޭންޑީ އެވެ.

“ނޭތީމޭ” ވެބް ސީރީޒްގެެ ފުރަތަމަ ސީޒަންގެ މަސައްކަތްތައް ނިންމާލާފައިވާއިރު، މި ސީރީޒް ޝޫޓްކޮށްފައިވަނީ މާލޭގަ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.