ބޮލީވުޑްގެ މަޝްހޫރުތަރިން ބައިވެރިވާ ހާއްސަ ހަރަކާތެއް ރާއްޖެގައި އިފްތިތާހުކޮށްފިއެވެ. ޓޯނިވަލްގެ ނަމުގައި ބާއްވާ މި ހަރަަކާތް އިފްތިތާހްކޮށްފައިވަނީ މިމަހު 28 ވަނަ ދުވަހު އެވެ. މި ހަފުލާގައި ޓޯނިވަލް އިންތިޒާމްކުރާ އިންޑިއާގެ ކުންފުނި ކަމަށްވާ އެނިޔެލްޕް އެންޓަޓެއިންމެންޓްސް އާއި ރާއްޖޭގެ ފިލްމް އެސޯސިއޭޝަނުގެ އިސް ބޭފުޅުންވަނީ ބައިވެރިވެފައެވެ.

މި ހަރަކާތާއި ގުޅޭގޮތުން މީޑިއާއަށް މައުލުމާތުދެއްވަމުން ޓޯނިވަލް ރާވާހިންގާ ހަރަކާތުގެ އެންމެ އިސް އެއްބާނީ މުހައްމަދު ޒާކިރު ހުސެއިން ބުނީ ޓޯނިވަލްއަކީ ސެލެބްރިޓީން ބައިވެރިވާ ވަރަށް ޝައުގުވެރި ހަރަކާތެއް ކަމަށާއި، މިއީ ދެ ގައުމެއްގެ ފިލްމީ ތަރިން ބައިވެރިވެގެން ރާއްޖޭގައި ކުރިއަށްގެންދާ މިފަދަ ފުރަތަމަ ބައިނަލްއަގުވާމީ ހަރަކާތް ކަމަށެވެ.

މި ޓޯނިވަލްގައި ގިނަ ހަރަކަތްތަކެއް ކުރިއަށްގެންދިއުމަށްވަނީ ރާވާފައެވެ. މި ހަރަކާތުގެ ތެރެއިން ދެ ގައުމުގެ ސެލެބްރިޓީންގެ މެދުގައި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގެ އިތުރުން ފުޓްބޯޅަ މެޗާއި އެނޫންވެސް ކަންކަން ކުރިއަށްދާނެއެވެ. މިފަދަ ހަރަކާތެއް ބޭއްވުމުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ފިލްމީ ދާއިރާގެ ކަންކަމާއި ސަގާފަތް އެއްބަޔަކު އަނެއްބަޔަކާ ހިއްސާކުރުން ހިމެނޭ ކަމަށްވެސްް ޒާކިރު ފާހަގަކުރި އެވެ.

އިތުރަށް ވާހަކަ ދައްކަމުން ޒާކިރު ބުނީ “އިންޑިއާއަކީ ޒަމާނުއްސުރެ ވަރަށް ގާތް ދެ ގައުމު ކަމަށާއި، ދެ ގައުމުގެ ސަގާފަތުގައި އެއްގޮތް ކަންތައްތަކެއް ހުރުމަކީ ދެ ގައުމުގެ ގާތްކަން އިތުރުކޮށްދޭ ކަމެއްކަމަށެވެ. އަދި ޓޯނިވަލް ކަހަލަ ހަރަކާތްތައް ރާވައި ކުރިއަށްގެންދަނީ ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމުގެ ތެރެއިންކަމަށްވެސް ވިދާޅުވިއެވެ.

ޓޯނިވަލާ ބެހޭ ގޮތުން ވާހަކަދައްކަވަމުން މި ހަރަކާތުގެ ކޯ ފައުންޑަރެއް ކަމަށްވާ ޕޫޖާ ޝްރީ ބުނީ، އެ ހަރަކާތް ލޯންޗްކުރުން ވަރަށް ކުލަގަދަކޮށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ. މިގޮތުން ޓޯނިވަލް ފެށުމުގެ ހަފުލާގައި އިންޑިއާގެ 25އަށް ވުރެ ގިނަ އާޓިސްޓުން ބައިވެރިވާން ހަމަޖެހިފައިވާކަމަށް އޭނާ މަޢުލޫމާތުދީފައިވެ އެވެ.

“ޓޯނިވަލް ލޯންޗް ކުރުމުގެ ހަފުލާއަށް މަޝްހޫރު ލަވަކިޔުންތެރިޔާ ލަކީ އަލީގެ އިތުރުން އިންޑިއަން އައިޑަލްގެ ތަރިންނާއި، ޑާންސް އިންޑިއާ ޑާންސްގެ ތަރިންގެ އިތުރުން ދެކުނު އިންޑިއާގެ މަޝްހޫރު ފަންނާނުން ގެނައުމަށް ހަމަޖެހިފައިވެ އެވެ.

މިކަމާއި ގުޅޭގޮތުން ފިލްމް އެސޯސިއޭޝަންގެ ފަރާތުން ވާހަކަ ދައްކަމުން ވައިސް ޗެއާޕާސަން އާމިރާ އިސްމާއީލް ބުނީ، ޓޯނިވަލްއިން ރާއްޖޭގެ ފިލްމީ ދާއިރާއަށް ވަރަށް ރަނގަޅު ތަޖުރިބާތަކެއް ލިބިގެންދާނޭ ކަމަށާއި، މިއީ ފިލްމީ ދާއިރާގެ ކުރިއެރުމަށް ވަރަށް މުހިންމު ހަރަކާތެއް ކަމަށެވެ.

ދިވެހިރާއްޖެ، އިންޑިއާ އަދި ސްރީ ލަންކާގެ ފިލްމީތަރިންނަށް އަމާޒުކޮށްގެން އިންޑިއާގެ ބެންގަލޫރުގައި “ޓޯނިވަލް ސެލެބްރިޓީ ލީގް 2022”ގެ ހަރަކާތްތަކެއް މިދިޔަ މަހު 14 އިން ފެށިގެން ތިން ދުވަހަށް ބާއްވާފައިވެ އެވެ.