ރިއަލިޓީ ޝޯވއެއްގެ ގޮތުގައި ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ޤުރުއާން މުބާރާތްކަމުގައިވާ، “ރަންތާޖު” ޤުރުއާން މުބާރާތް ފަށައިފި އެވެ.
25 މާރިޗް ވީ ހުކުރު ދުވަހުގެ ރޭ ރަންތާޖު ޤުރުއާން މުބާރާތް ފައްޓަވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. މި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފާއި އިސްލާމިކް މިނިސްޓަރު އަހްމަދު ޒާހިރު އަލީ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިމުބާރާތަކީ، ރާއްޖެ ޓީވީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި އަދި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރަމެންޓް ގުޅިގެން މިރޯދަމަހު ކުރިޔަށް ގެންދާ މުބާރާތެކެވެ.
ރަންތާޖު ޤުރުއާން މުބާރާތް ހުޅުއްވައި ދެއްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި “ރަންތާޖު” ޤުރުއާން މުބާރާތުގެ ފުރިހަމަކަން ފާހަގަކުރައްވައި، މިމުބާރާތް ރާވައި އިންތިޒާމްކުރުމުގައި ބައިވެރިވެފައިވާ ހުރިހާ ފަރާތްތަކާއި މުބާރާތަށް އެހީތެރިވެދެއްވާ ފަރާތްތަކަށް ޝުކުރުއަދާކުރެއްވިއެވެ. އަދި މިފަދަ މުބާރާތެއް މަޤުޞަދަކީ، ޤުރުއާނަށް ލޯބިޖެއްސުމާއި، ތަޖުވީދުގެ މަގުން ޤުރުއާން ކިޔެވުމަށް ބާރުއެޅުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
މުބާރާތް ފެށުމުގެ ރަސްމިއްޔާތަށްފަހު މުބާރާތުގެ ފުރަތަމަ ކިޔެވުން ހުކުރު ދުވަހުގެ ރޭ ވަނީ ފަށައިފައެވެ. ރަމަޟާން މަހުގެ ކޮންމެ ހުކުރު ދުވަހެއްގެ ރޭ 9:30ގައި ރާއްޖެ ޓީވީން ރަންތާޖު ޤުރުއާން މުބާރާތް ގެނެސްދޭނެއެވެ.
“ރަންތާޖު” ޤުރުއާން މުބާރާތުގެ އޮޑިޝަން، ރާއްޖޭގެ 6 ސަރަހައްދެއްގައި ބާއްވާފައިވާއިރު، މުބާރާތުގެ އޮޑިޝަންގައި 111 ފަރާތަކުން ބައިވެރިވިއެވެ. މިމުބާރާތަށް 3 ލައްކަ ރުފިޔާގެ ފައިސާގެ އިނާމްވަނީ ހުށައަޅާފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި