އެޑިޓަރުގެ ބަސް:
މުނިއަވަސްގެ ވާހަކަ ލިޔުންތެރިޔާ މުޙައްމަދު މުނީރު (ނީރު)ގެ ކުރު ވާހަކަ ސީރީޒް ‘އެ ވާހަކަ’އިގެ ދަށުން މި ރަމަޟާން މަހު ކޮންމެ ދުވަހަކު ކުރު ވާހަކައެއް ގެނެސްދިނުމަށް ނީރު ހުރީ އަތުކުރި އޮޅާލައިގެންނެވެ. އުއްމީދަކީ، މުނިއަވަސްގެ ކިޔުންތެރިންނަށް މި ވާހަކަ ސީރީޒުން މުނިއަވަސްފިލުވައިލުމުމުގެ ފުރުޞަތުލިބިގެން ދިޔުމެވެ.

╌──═❁═──╌

ހެނދުނު ދިހައެއް ޖަހާކަން ހާއިރެވެ. ޑޮކްޓަރ އާކާސް އާއި ސާމިދު ތިބީ ހޮސްޕިޓަލުގެ ކެންޓީނުގައި ކޮންމެވެސް ވާހަކައެއް ދައްކާށެވެ. ދެމީހުންގެ ހަރަކާތްތަކާއި ޢަމަލުތަކުން އެމީހުން ދައްކަމުންދާ ވާހަކާގައި ކޮންމެވެސް ސިއްރެއް ވާހެން ބައެއް ފަހަރު ހީވެއެވެ. ވާހަކަ ދެއްކެމުގައި ގެންގުޅޭ އަޑުމަޑުކަމާއި ވަށައިގެން އުޅޭ މީހުނަށް ދެމުންދިޔަ ސަމާލުކަން އެކަމުގެ ހެއްކަކަށް ފުދެއެވެ.

ދެ މީހުންގެ ކިބައިން ވެސް ފެންނަމުން ދިޔައީ ނުތަނަވަސްކަމާއި ކަންބޮޑުވުމެވެ. ސާމިދުގެ ހާލަތު ބައެއް ފަހަރު އިތުރަށް ގޯސްވާހެން ވެސް ހީވެއެވެ.
ޑޮކްޓަރ އާކާސް ގެނެސްދިން ލިޔުންތަކަށް ބަލަހައްޓައިގެން އިން ސާމިދުގެ ދެލޮލުން ކަރުނަ ފާއްދާލިއެވެ.

ޑޮކްޓަރު ދައްކަމުންދިޔަ ވާހަކަތަކާއި ގެނެސްފައިވާ ޓެސްޓްތަކުގެ ނަތީޖާ ގަބޫލުކުރާކަށް ސާމިދަށް ފަސޭހައެއް ނުވިއެވެ. ތަކުރާރުކޮށް އެކަމާއި ދެކޮޅު ހަދަމުން ދިޔައިރު އަލުން ޓެސްޓް ހެދުމަށް ވެސް ބުނަމުން ދިޔައެވެ.

ކެންޓީނާއި ދިމާއަށް އައި ފަތުރުވެރިޔާ ފެނުމާއިއެކު ސާމިދުގެ ވާހަކަތައް ހުއްޓުނެވެ. އެއްވެސް އެއްޗެއް ނުބުނެ އެތައް އިރެއް ވާންދެން އޭނާއަށް ބަލަހައްޓައިގެން އިނެވެ. ޒުވާން ފުރައިގެ އެއަންހެން ކުއްޖާއަކީ ރީތިކަމާއި ފުރިހަމަކަމުގެ ނަމޫނާއެކެވެ. އެރީތިކަމާއި ފުރިހަމަ ކަމަށް ސާމިދުގެ ހިތް ދަމައިގަތް ކަހަލައެވެ.

މާޒީ އައިސް އޭނާއާ ހަމަކުރާކަށް މާގިނަ ވަގުތެއް ނުނެގިއެވެ. ކުއްލިއަކަށް ހަނދާނަށްއައީ އޭނާގެ ބެންކޮކް ދަތުރެވެ. އެހެން ވެސް ބައެއް ދިވެހިން ބެންކޮކަށް ދާ ފަދައިން އުފާކޮށް މަޖާކޮށްލުމަށް ރައްޓެހިންތަކަކާއިއެކު ސާމިދުގެ ވެސް ބެންކޮކަށް ދިޔައެވެ.

ސާމިދުމެން ތިބި ގެސްޓްހައުސްގެ ރިސެޕްޝަންގައި މަސައްކަތް ކުރަމުންދާ މާޓިނާ އާއި ސާމިދު ބައްދަލުވީ އެދުވަހު ހަވީރު އެވެ.

މާޓިނާއަށް ލިބިފައިވަނީ އަންހެންވަންތަ ފުރިހަމަ ހަށިގަނޑެކެވެ. ހެދިހުރި ފުރިހަމަ އެހަށިގަނޑާއި ވަނާތައް އެހާމެ ގުޅެއެވެ. ބައްޓަން ޗާލެވެ. ކުލައަލި އެ ދޮންމޫނުގައި އައިބެއް ނެތެވެ. ރަތްކުލައިގެ ލިޕްސްޓިކުން ޖަޒީކޮށްފައިވާ އެ ތުންފަތަށް ހަރަކާތް އަންނައިރު ރަތް ކުލައިގެ ފިނިފެންމަލެއް ފޮޅޭ ފަދައެވެ. ކުލައަލި ހަށިގަނޑާއި ފަންފަން ދިގު އިސްތަށިގަނޑު މާޓިނާގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެ އެވެ. ހިނިތުންވެލައިގެން ހުންނައިރު އެހާމެ ލޯތްބެވެ.

ސާމިދުގެ ހިތުގައި މާޓިނާގެ ސޫރަ ފަވާލަން ހޭދަވީ ދެތިން މިނިޓެވެ.

ވަގުތުތައް ފާއިތުވަމުން ދިޔައެވެ. ބެންކޮކްގެ މުހިން ތަންތަން ބެލުމާއި ވިޔަފާރީގެ މުހިންމު މަރުކަޒުތައް ފާހަގަކުރުންފަދަ ކަންކަން ކުރަމުން ދިޔައީ އެންމެން އެކުގައެވެ. ބައެއް މީހުންނަކީ ވިޔަފާރީގެ ބޭނުމާއި ވެސް އެކުގައި އައި މީހުންނެވެ. އެކަމަށް އެމީހުން ދިން ސަމާލުކަން ބޮޑެވެ.

ރައްޓެހިންނާއި އެކުގައި ވަގުތު ހޭދަކުރަމުންދިޔަ ނަމަވެސް، ސާމިދުގެ ކުރިމަތީގައި ސިފަވަމުން ދިޔައީ މާޓިނާގެ ސޫރައެވެ. އެ ރީތި އެހާމެ ފުރިހަމަ މާޓިނާއާ ބައްދަލުކޮށްލާ ވާހަކަ ދައްކާލުމަށް އެދި އޭނާގެ ހިތް ގޮވަމުން ދިޔައެވެ. އެހިތުގެ ގޮވުމަށް އިޖާބަ ދިނުމަށް ސިކުނޑިން ދެމުންދިޔަ އިޝާރާތް ވެސް މަދެއް ނޫނެވެ.

ގެސްޓްހައުސްއަށް އާދެވިއްޖެނަމަ ސާމިދުގެ ކަމަކީ މާޓިނާއާ ބައްދަލުވޭތޯ މަސައްކަތް ކުރުމެވެ. އޭނާއާ ވާހަކަ ދައްކާލާނެ ފުރުސަތެއް ލިބޭތޯ ބެލުމެވެ. އެކަން ނުވަނީސް އޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ.

އިރުއޮއްސި ހަތެއް ޖަހާކަން ހާއިރެވެ. އޭނާއާއެކު އައި ރައްޓެހިންތައް ކޮފީއަށް ދިޔައިރު ސާމިދު ނުދެއެވެ. ކުޑަކޮށް ރެސްޓް ކޮށްލަން ބޭނުންކަމަށް ބުނެ އޭނާ މަޑުކުރިއެވެ. އެކަމުގެ ފަހަތުގައި އެހެން ސިއްރެއް ވާކަމެއް އެހެން މީހަކަށް ނޭނގެއެވެ.

ޕޫލާއި ދިމާއަށް ދިޔަ ސާމިދުގެ ލޮލުގައި މާޓިނާ އަޅައިގަތެވެ. ނިވާކަން ކުޑަ ތުނި ހެދުމެއްގައި ހުރި މާޓިނާގެ ހަށިގަނޑުން ބޮޑުބައެއް ހާމަވެ ފެންނަން އޮތެވެ. ސާމިދުގެ ސަމާލުކަން އެހަށިގަނޑަށް ހުއްޓުނެވެ.

ކަޅިޖަހާލަން ވެސް ހަނދާން ނެތިފައި ހުރި ސާމިދަށް ހިންދިރުވާލެވުނެވެ. ކެތްތެރިކަން ކޮޅުން ލިއެވެ. މަޑުމަޑުން އޭނާއާ ދިމާއަށް ހިނގައިގަނެވުނެވެ.

އޭނާއާ ދިމާއަށް އައި ސާމިދު ފެނުމާއިއެކު މާޓިނާ ހުއްޓުނެވެ. ސާމިދަށް ބަލާލަމުން ހިނިތުންވެލައި ހާލު އަހާލިއެވެ. އެކުގައި އައި ރައްޓެހިންތައް ކޮބައިތޯ އާއި މިތަނުގައި ކީއްކުރަނީތޯ ވެސް އަހާލިއެވެ.

ފަރިތަކަމާއިއެކު އިނގިރޭސި ބަހުން ވާހަކަދައްކަން އެނގޭކަން ނަސީބެކޭ ސާމިދުގެ ހިތަށް އެރިއެވެ. މާޓިނާ އާއި ސާމިދު ވާހަކަ ދައްކަން މަޑުކޮށްލީ ޕޫލް ސަރަހައްދުގައި ހުރި ކުޑައެއް ކައިރީގައެވެ. އަމިއްލައަށް ތައާރަފް ވެލައި މާޓިނާގެ މަޢުލޫމާތެއް ލިބޭތޯ ސާމިދު މަސައްކަތް ފެށިއެވެ.
ވަގުތުތައް ފާއިތުވަމުންދިޔަ ގޮތެއް ދެމީހުންކުރެ އެކަކަށް ވެސް އެނގޭހެނެއް ހިޔެއް ނުވެއެވެ.

މާޓިނާ އާއި ސާމިދު އެތަނުގައި ތިއްބައި އޭނާގެ ރައްޓެހިންނަށް ފެނުނެވެ. އެންމެން ވެސް ބޭނުންވީ ސާމިދު ބޭނުންވި ފުރުސަތު އޭނާއަށް ދޭށެވެ. އޭނާ ދޫކޮށްލުމަށްފަހު އެމީހުންގެ ކަންތަކާއިގެން އެމީހުން އުޅެގަތެވެ.

ސާމިދާއި މާޓިނާގެ ކިބައިން ފެންނަމުން ދިޔައީ އުފަލާއި ހިތްހަމަ ޖެހުމެވެ. ހިނިތުންވުމާއި އުފާވެރިކަމެވެ.

ޕޫލް ސަރަހައްދުން ނުކުމެ ގެސްޓްހައުސްއާ ދިމާއަށް، ސާމިދާއި މާޓިނާ ހިނގައިގަތްއިރު ބާރަޖަހާ ބޮޑުވެއްޖެއެވެ. ސާމިދުގެ އަތުގައި ހިފާލައިގެން މާޓިނާ ހުރިއިރު ފެންނަމުން ދިޔައީ އެދެމެދުގައި އޮތް ގާތްކަމެވެ.

މާޓިނާ ގޮވައިގެން ސާމިދު ގޮސް ވަނީ އޭނާ ކުއްޔަށް ހިފާފައިވާ ކޮޓަރިއަށެވެ. އެ ދެމީހުން ފިޔަވާ އެހެން މީހަކަށް އެކަމެއް ނޭނގެއެވެ.

މާޓިނާގެ އަތުގައި ހިފައި މަޑުމަޑުން އޭނާއާ ގާތަށް ދަމާލުމާއިއެކު މާޓިނާ އައިސް ސާމިދުގެ މޭގައި ލައްވެލިއެވެ. ސާމިދުގެ އެދަޢުވަތަށް މާޓިނާ ހުރީ އެދިއެދިއެވެ.
ސާމިދުގެ މޭގައި ލައްވެލައިގެން ސާމިދުގެ ބޭނުންވާ ފުރުސަތު ދީގެން ހުރި މާޓިނާ، ސާމިދުގެ އެދެމުންދިޔަ ފަދައިން ކުރިޔަށްވުރެ ވެސް ބޮޑަށް އޭނާގެ ހަށިގަނޑު ހާމަކޮށްލިއެވެ. ސާމިދުގެ ކިބައިން ފެންނަމުންދިޔަ އުފަލާއި ހިތްހަމަޖެހުން އިތުރުވެގެން ދިޔައެވެ. ސާމިދަށް ބަލައިލަމުން ހިނިތުންވެލި މާޓިނާގެ ކިބައިން ވެސް ފެނުނީ އުފަލާއި ހިތްހަމަ ޖެހުމެވެ.

ކޮޓަރީގެ އެނދާއި ހަމައަށް މާޓިނާ ދިޔައީ ސާމިދުގެ އަތްދަނޑިމަތީގައެވެ.

ސާމިދުގެ ޚިޔާލީ އާލަމުން އޭނާ ހޭލައްވާލީ ޑޮކްޓަރ އާކާސްއެވެ. އެތައް އިރެއްގެ ހަމަހިމޭންކަމަށްފަހު އަނެއްކާ ވެސް އާކާސް ވާހަކަ ދައްކަން ފެށިއެވެ. ސާމިދު ބޭނުންނަމަ ދެވަނަ ފަހަރަށް އަދި ތިންވަނަ ފަހަރަށް ވެސް ޓެސްޓް ހެދިދާނެއެވެ. އެފުރުސަތު އެބައޮތެވެ. ކިތަންމެވަރަކަށް ޓެސްޓް ހެދިޔަސް އެޓެސްޓްތަކުގެ ނަތީޖާ ބަދަލުވާނެބާއެވެ.

ސާމިދުގެ ވާހަކަ މުޅިން ބަދަލުވިއެވެ. ކުއްލިއަކަށް ހަނދާނަށް އައި ހާދިސާއާއެކު ޑޮކްޓަރުގެ ވާހަކަތައް ގަބޫލުކުރަން އޭނާއަށް މަޖުބޫރުވިއެވެ. އެހާދިސާގެ ސަބަބުން އެފަދަކަމެއް މެދުވެރި ވެދާނެއެވެ. އެފަދަ ބައެއް ވާހަކަ އޭނާގެ ރައްޓެހިންގެ ފަރާތުން ވެސް އިވިފައި އެބަ ހުއްޓެވެ.

ސާމިދުގެ ކިބައިން ފާޅުވި މާޔޫސްކަމާއި ހިތްދަތިކަން ޑޮކްޓަރަށް ފާހަގަ ވިއެވެ. ހިތްވަރުކޮށް ތަޢުބާވުމަށް ނަސޭހަތް ދިނެވެ.

އިސްޖަހާލައިގެން އިނދެ މަޑުމަޑުން ވާހަކަ ދައްކަމުންދިޔަ ސާމިދު ކިޔައިދިނީ އެކަން މެދުވެރިވެދާނެކަމަށް އޭނާއަށް ގަބޫލު ކުރެވޭ ހާދިސާއެވެ. އެކަމަށްޓަކައި އޭނާ ކުރި މަސައްކަތާއި އަދާކުރި އަގުގެ ވާހަކައެވެ. އެރެއަށްފަހު ދެން ކަންތައް ދިމާވި ގޮތާއި ބައެއް ރައްޓެހިން ދެއްކި ވާހަކަތަކެވެ. ފަރުވާކުޑަކޮށްލުމުން ބައެއް ރައްޓެހިން ހިތްހަމަ ނުޖެހުނު ވާހަކައެވެ.

އެންމެ ރެއަކަށްޓަކައި، އެންމެ ރެއެއްގެ އުފަލާއި ހިތްހަމަ ޖެހުމަށްޓަކައި ފަސްސަތޭކަ ޑޮލަރު ޚަރަދުކުރި ވާހަކަ ބުނުމާއިއެކު ޑޮކްޓަރަށް ލިބުނީ ހައިރާންކަމެވެ. ބޮޑުވެގެންވާ ފާފައަކަށް އަރައިގަތުމަށްޓަކައި އެވަރުގެ ބޮޑު ޚަރަދެއް ކުރިއިރު ބިރުވެތިކަމުގެ ކަންފުޅެއް ވެސް ނެތީބާއޭ ހިތަށް އެރިއެވެ.

އެންމެ ރެއަކަށްޓަކައި ބޮޑު ޚަރަދެއްކޮށްގެން ހޯދި އުފަލާއި ހިތްހަމަ ޖެހުމުގެ ނަތީޖާ ފެނުނުއިރު ވަގުތުވަނީ ފާއިތުވެފައެވެ. ބަލަންވީވަރަށް ނުބެލުމާއި ދީނީ ކަންކަމަށް ދޭންވާ ސަމާލުކަން ނުދިނުމުގެ ހިތިކަން ތަހައްމަލުކުރަން ސާމިދަށް ޖެހުނެވެ. އެކަމުން ސަލާމަތްވާން ނެތް އެއިޑްސްގެ އަޅަކަށް ވިއެވެ.

ފަސްސަތޭކަ ޑޮލަރުން އެވަގުތައް ބޭނުންވި އުފަލާއި ހިތްހަމަ ޖެހުން ލިބުނު ފަދައިން މިއަދު މިވަނީ އެކަމުގެ ހިތާމަ އާއި ހިތްދަތިކަން ތަހައްމަލުކުރަން ޖެހިފައެވެ.
ނިމުނީ

╌──═❁═──╌

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް