އެޑިޓަރުގެ ބަސް:
މުނިއަވަސްގެ ވާހަކަ ލިޔުންތެރިޔާ މުޙައްމަދު މުނީރު (ނީރު)ގެ ކުރު ވާހަކަ ސީރީޒް ‘އެ ވާހަކަ’އިގެ ދަށުން މި ރަމަޟާން މަހު ކޮންމެ ދުވަހަކު ކުރު ވާހަކައެއް ގެނެސްދިނުމަށް ނީރު ހުރީ އަތުކުރި އޮޅާލައިގެންނެވެ. އުއްމީދަކީ، މުނިއަވަސްގެ ކިޔުންތެރިންނަށް މި ވާހަކަ ސީރީޒުން މުނިއަވަސްފިލުވައިލުމުމުގެ ފުރުޞަތުލިބިގެން ދިޔުމެވެ.

╌──═❁═──╌
ހެނދުނު ހަތެއްޖަހާކަން ހާއިރެވެ. ނުހަނު އަރާމުގައި ނިދާލާފައިއޮތް ނަމްޒާއަށް ހޭލެވުނީ ގޭތެރޭގައި އަޑުގަދަވެގެންނެވެ. އިވެމުންދިޔަ އަޑުތަކާއިމެދު ސަމާލުވެލުމާއިއެކު ނަމްޒާގެ ހަތަރެސްފައި ކޮޅަށް ޖެހިގެންދިޔަ ކަހަލައެވެ. ފުންމައިގެން ކަހަލަގޮތަކަށް އެނދުން ފޭބިއިރު ދެލޮލުން ކަރުނަ ހިލިއްޖެއެވެ. ހަދާނެ ނުހަދާނެގޮތެއް ނުވިސްނުމުން އެންމެ ފުރަތަމަ ދުއްވައިގަނެވުނީ ފާހާނާބައިގެ ދޮރާއި ދިމާއަށެވެ. ކަންތައް މި ކުރެވުނީ އަދި އެންމެ ރަނގަޅަށް ނޫންކަން ވިސްނުނީ ދޮރުހުޅުވާލި ފަހުންނެވެ. ނިތްކުރީގައި މަޑުމަޑުން ޖަހާލުމަށްފަހު އަނގައިން ޗޮކެއް ކަނޑާލަމުން ދުވެފައި ގޮސް ކޮޓަރިން ނުކުތްއިރު މަންމަ އާއި ދޮންތަ އަދި ދެކޮއްކޮ އާއި ދޮންތަގެ ތިންދަރިން ތިބީ ފެންޑާތެރޭގައި ރޯށެވެ. އެމީހުންނަށް ނަސޭހަތްދީ އެމީހުން ހަމައަކަށް އެޅުވޭތޯ ބައްޕަ އާއި ދޮންތަގެ ފިރިމީހާ މަސައްކަތް ކުރަމުންދިޔައެވެ.

ނަމްޒާ ކޮޓަރިން ނުކުތުމާއެކު އޭނާގެ މަންމަ ރާބިޔާ ދުވެފައި އައިސް ނަމްޒާގެ ގައިގެ ބައްދައިގަންނަމުން ކުރިޔަށްވުރެ ބާރަށް ރޮއިގަތެވެ. ދައްކަން އުޅުނު ވާހަކަ ދެއްކުނީ އެތައް އިރެއްގެ މަސައްކަތުންނެވެ.

އިވުނު ޖުމްލައާއެކު ނަމްޒާ ގަނޑުވި ކަހަލައެވެ. ދެލޮލުން ކަރުނަ ފާއްދާލީ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. ބުނާނެ އެއްޗެއް، ކުރާނެ ހަރަކާތެއް ނޭނގި ހުއްޓުން އަރާފައި ހުރެވުނީ ކިހާއިރަކުކަމެއް އޭނާއަށް ވެސް ނޭނގުނެވެ.

” ދަރިފުޅާ ނަމްޒާ! ތަންކޮޅެއް އަވަހަށް ތައްޔާރު ވެލައިގެން ސައި ބޮއިގެން ދޭބަލަ މާމަގެއަށް. ހިނަވާ މީހުންނަށް އެހީތެރި ވެލަން އަންހެންކުއްޖަކު ބޭނުން ވާހަކަ ބުނެފަ އޮތީ …. ހިތްވަރު ކުރާންވާނެ. މިއީ ކޮންމެ މީހަކަށް ވެސް އަންނާނެ ދުވަހެއް. ” ނަމްޒާއަށް ބަލާލަމުން އޭނާގެ ބައްޕަ އިބްރާހިމް ބުންޏެވެ.

އިބްރާހިމް ބުނިފަދައިން ޢަމަލުކުރުމަށް ނަމްޒާ އަވަސްވެގަތެވެ. މަންމަ އާއި ދައްތައަށް އަދި ކޮއްކޮމެންނަށް ހިތްވަރާއި ނަސޭހަތް ދެމުން ނުހަނު ހިތްވަރާއި ގަދަ އަޒުމާއިއެކު ކުރިޔަށް ޖެހެލިއެވެ.

އުމުރުން ހަތްދިހަވަރަކަށް އަހަރުގެ ފާތާނިކެ އަކީ އޭނާގެ އުމުރާއި އަޅާބަލާއިރު އެހާބަލިކަށި މީހެއް ނޫނެވެ.

ފާތާނިކެ އާއި އީސައަށް ލިބިފައިވާ ދެ އަންހެންދަރިންނާއި ދެ ފިރިހެންދަރިންނެވެ. ދެ އަންހެންދަރިން ކައިވެންޏާއިއެކު ފިރިމީހާގެ ގެއަށް ބަދަލުވެފައިވާއިރު ފިރިހެންދަރިންގެ ތެރެއިން އެއްދަރި ދިރިއުޅެނީ މާލޭގައެވެ. ކައިވެންޏަށްފަހު އަނބިދަރިންނާއެކު ފާތާނިކެ ގާތުގައި ދިރިއުޅެމުންދާ އަދުލީ ވެސް އަނބިދަރިން ގޮވައިގެން މިވަގުތުވީ ލަންކާއަށް ގޮހެވެ. ސްކޫލު ބަންދާއި ގުޅިގެން ލިބުނު ޗުއްޓީގައި އަދުލީމެން ލަންކާއަށް ދިޔަތާ އަދި މިވީ ހަފްތާއެއްހާ ދުވަހެވެ. ފާތާނިކެގެ ފިރިމީހާ އީސަ ނިޔަވިތާ މިހާރު ވިއްސަކަށް އަހަރު ވެދާނެއެވެ.

އަދުލީ މެން އަންނަންދެން ފާތާނިކެގެ ދިރިއުޅުން އެމީހުން ކައިރިއަށް ބަދަލުކުރުމަށް ފާތާނިކެގެ ދެ އަންހެން ދަރިން ބޭނުންވި ނަމަވެސް ފާތާނިކެއަށް އެގޮތް ކަމަކު ނުދިޔައެވެ. ފާތާނިކެ ބޭނުންވީ އޭނާގެ ޢަލަތު ކައިވެންޏާއިއެކު ދިރިއުޅުން ބިނާކުރި އެގޭގައި އުމުރުދުވަހު އުޅޭށެވެ.

ފާތާނިކެ އޭނާގެ އާދައިގެމަތިން މިއަދު ވެސް އޭނާގެ އަންހެންދަރިންތައް ކައިރިއަށް ދިޔައެވެ. އެދަރިންގެ ޢާއިލާއާއެކު އެތައް ވަގުތެއް ހޭދަކުރިއެވެ. މާމާދަރިންގެ ކުޅުމުގައި ބައިވެރިވެ އުފާކުރިއެވެ. އެދަރިންނަށް ހެޔޮނަސޭހަތް ދިނެވެ.

ފާތާނިކެ އަކީ އޭނާގެ މެދުއުމުރުން ފެށިގެން ކަހަލަ ގޮތަކަށް ރަށުގެ ކުޑަކުދިންނަށް ޤުރުއާން ކިޔަވައިދީ އަކުރު އުގައްނައިދިނުމުގެ މަސައްކަތް ހިލޭ ސާބަހަށް ކުރަމުންއައި މީހެކެވެ. ފާތާނިކެގެ މިމަސައްކަތުގެ ސަބަބުން ރަށުގެ ގިނަބައެއްގެ ލޯތްބާއި އިހްތިރާމް ފާތާނިކެއަށް ލިބިފައިވެއެވެ.

ފާތާނިކެގެ މަރުގެ ސަބަބުން ރަށުތެރެއަށްވަނީ ހަމަހިމޭންކަން ވެރިވެފައެވެ. ގަދަވެ ސަލާމަތުން ހެޔޮހާލުގައި ހުރި ފާތާނިކެގެ ކުއްލިމަރު ވެގެން ދިޔައީ މުޅިރަށަށް ލިބުނު ހިތާމަ އަކަށެވެ.

މާލޭގައި ދިރިއުޅެމުންދިޔަ އަހްމަދާއި އޭނާގެ އަނބިދަރިން ރަށަށް އައެވެ. އަދުލީއަށް ވެސް އެ ޚަބަރު ދިނެވެ.
ފާތާނިކެ ހިނަވައި ކަފުންކޮށް ވަޅުލުމުގެ ހުރިހާކަމެއް ނިމުނުއިރު ހަވީރު ވެއްޖެއެވެ.

ހަތަރުގަޑި ބައިވެ ފަހެއް ޖަހާކަން ހާއިރެވެ. ކޮޓަރީ މޭޒުމަތީގައި އޮތް ވޮލެޓް ހިފައިގެން ނަމްޒާ ބޭރަށް ނުކުތީ ފާތާނިކެ ވަޅުލުމަށްޓަކައި ވަޅުކޮނުމުގެ މަސައްކަތް ކުރިމީހުންނަށް ހަދިޔާއެއް ދިނުމަށް މަންމަ ބުނެފައިވާތީ އެމީހުންނަށް ފައިސާގެ ހަދިޔާއެއް ދިނުމަށްޓަކައެވެ. ވޮލެޓުން ފައިސާ ނެގި ވަގުތު ވެއްޓުނު ކަރުދާސްކޮޅު ނަމްޒާއަށް ފެނުނެވެ. ކަރުދާސްކޮޅެއް ފަދައިން ފަށްޖަހާލާފައިވާ އެ ބިލުކޮޅު ހުޅުވައިލުމާއިއެކު ނަމްޒާގެ ފިޔަވަޅުތަކަށް ހުއްޓުން އެރިއެވެ.

ނަމްޒާއަށް ވަޒީފާ ހަމަޖެހި އޭނާއަށް ލިބުނު ފުރަތަމަ މުސާރައިން ހަތްހާސްރުފިޔާ ޚަރަދުކޮށް އޭނާގެ މާމައަށް ގަނެދިން ރަންފަށް ކޮބައިބާއޭ ނަމްޒާގެ ހިތަށްއެރީ އެވަގުތުއެވެ. އެއާއެކު އަވަސް އަވަހަށް ގޯތިން ނުކުމެ އޭނާގެ ބޮޑުދައިތަ ވާހިދާ ދިރިއުޅޭގެއާ ދިމާއަށް މިސްރާބު ޖެހިއެވެ.

ފާތާނިކެ ހިނަވައި ކަފުންކުރުމުގެ މަސައްކަތުގައި އުޅުނު މީހުންނަށް އެހީތެރިކަން ދިނުމުގައި އިސްވެ ހަރަކާތްތެރިވީ ވާހިދާއެވެ. ވާހިދާއާ ބައްދަލުކޮށް ނަމްޒާ ދެއްކި ވާހަކަތަކުގެ ތެރެއިން އެތައް ސުވާލެއް ފެންމަތިވިއެވެ.

ފާތާނިކެ ހިނެވުމުގެ މަސައްކަތުގައި އުޅުނު މީހުންނާއި ނަމްޒާ ބައްދަލުކުރިއެވެ. އެމީހުންގެ ވާހަކަތަކުން އެނގުނު ގޮތުގައި ފާތާނިކެގެ ހަށިގަނޑުގައި އެފަދަ އެއްވެސް ގަހަނާއެއް ނެތެވެ.

އަދުލީއަށް ފޯނުކޮށް ވެގެން އުޅޭގޮތް ނަމްޒާ ކިޔައިދިނެވެ. އެވާހަކަތައް އަޑުއިވުމާއިއެކު އަދުލީ ހާސްވެ ކަންބޮޑުވިއެވެ. އަވަހަށް ގޮސް ފާތާނިކެގެ އަލަމާރި އާއި އެކޮޓަރިތެރެ ރަނގަޅަށް ބެލުމަށް ބުންޏެވެ. ފާތާނިކެގެ ކޮޓަރީގައި ބައިވަރު ފައިސާ އާއި މޮޅު ފޯނެއް ވެސް އޮންނާނެއެވެ. އޭނާގެ ކިބައިން ފާޅުވި ކަންބޮޑުވުމާއި ހާސްކަން އަޑުން އެނގެއެވެ.

ނަމްޒާމެން އެގެއަށް ގޮސް ބެލިބެލުމުން އެފަދަ އެއްވެސް އެއްޗެއް ނުފެނުނެވެ. އިތުރަށް ބެލި ބެލުމުން އެނގުނުގޮތުގައި އެއްވެސް އެއްޗަކަށް އެއްވެސް ގެއްލުމެއް ވެސް ދީފައެއް ނުވެއެވެ. އަދުލީ ބުނި ފަދައިން ތަޅުދަނޑި ހޯދައިގެން ހުރިހާތަނެއް ވަކިވަކިން ބަލައިގެން ވެސް އެއްވެސް އެއްޗެއް ނުފެނުނެވެ.

ވެދިޔަ ކަންތަކުގެ ސަބަބުން މުޅި ޢާއިލާގެ ވިސްނުން ބަދަލުވެގެން ދިޔައެވެ. އިސާހިތަކު މޯލްޑިވްސް ޕޮލިސް ސާވިސް އަތޮޅު ސްޓޭޝަނަށް ގުޅައި އެ ޚަބަރު ދިނެވެ.

މަޢުލޫމާތު ލިބުމާއިއެކު ޕޮލިހުން އެމީހުންގެ މަސައްކަތް ފެށިއެވެ. ކޮންމެހެން ވާހަކަ ދައްކަންޖެހޭ މީހަކާއި ނޫނީ ސުވާލެއް ނުކުރެއެވެ. ރަށުގެ ގިނަ ރައްޔިތުންނަށް ވާނުވާއެއް ނޭނގެއެވެ.

ދުވަސްތަކާއި ރޭތައް މާޒީއާއި އެކުވަމުން ދިޔައެވެ. ފާތާނިކެގެ މަރުގެ ސަބަބުން އެޢާއިލާގެ މެންބަރުންނަށް ލިބިފައިވާ ހިތާމައާއި ހިތްދަތިކަމަށް ކޮންމެވެސްވަރެއްގެ ލުޔެއް ލިބެމުންދިޔައެވެ. އެމަރުގެ ސަބަބުން ރަށު ތެރެއަށްވެރިވި ހިތާމައިގެ އަސަރުތައް ވެސް މަޑުމަޑުން ފިލަމުން ދިޔައެވެ.

ޕޮލިހުން އެބޭކަލުންގެ މަސައްކަތާއިގެން ކުރިޔަށް ދިޔައެވެ. އެކަމަށްޓަކައި ހޯދާންޖެހޭ މަޢުލޫމާތުތައް ހޯދަމުން މަގު ފަހިކުރަމުންނެވެ. ޕޮލިހުން ފިޔަވައި އެހެން އެއްވެސްބަޔަކަށް އެކަމެއް ނޭނގެއެވެ. ޕޮލިހުން އެމަސައްކަތްތައް ކުރަމުންދިޔަ ގޮތުން ޝައްކެއް ވެސް ނުވެއެވެ.

ރަށުތެރެއަށް ވެރިވެފައިވާ ހަމަހިމޭންކަމާއިއެކު ވަގުތުތައް ފާއިތުވަމުން އައިސް ރޭގަނޑު އެގާރަ ޖަހާކަން ހާއިރެވެ. ކުއްލިއަކަށް ޕޮލިހުން އައިސް ކެފޭއަށް ވަނުމުން އެތަނުގައި ތިބި މީހުނަށް ލިބުނީ ހައިރާންކަމެވެ. ކޮންމެ މީހެއްގެ ހިތުގައި ވެސް އެއްފަހަރާ އެތައް ސުވާލެއް އުފެދުނެވެ.

ހޮޓެލް އެވޭލާ ތެރޭގައި ކޮފީބޯން އިން ނާގިތު ސިއްސައިގެން ދިޔައީ އެތަނަށް ވަދެގެން އައި ޕޮލިހުން އޭނާ ކައިރިއަށް މަޑުކުރުމުންނެވެ. ކޯޓްއަމުރު ދައްކާލަމުން އޭނާ ފާސްކުރަން ބޭނުންކަމަށާއި އެއްބާރުލުން ދިނުމަށް ބުންޏެވެ. އެކަމަށް އެއްބާރުލުން ދޭކަށް ނާގިތު ބޭނުމެއް ނުވިއެވެ. އޭނާގެ ޢަމަލުތަކާއި ބަސްމަގު ހުރިގޮތުން އެކަން އެނގުނެވެ.

ހޮޓާތެރެއަށް ވަދެގެން އައި ފުލުހުންގެ ތެރެއިން އެކަކު މާގަސްތައް ކައިރިން ނެގި ފޯނު ފެނުމާއިއެކު ނާގިތަށް ބަދަލެއް އައިކަން އެތަނުގައި ތިބި ގިނަބަޔަކަށް ފާހަގަ ކުރެވުނެވެ. ގިނަވި ސުވާލުތަކާއިއެކު ޝައްކުތަކެއް ވެސް އުފެދުނެވެ.

ޕޮލިހުންނާއިއެކު ދާން ބޭނުން ނޫނަސް ކޯޓުއަމުރާއި އެއްގޮތަށް ނާގިތު ޢަމަލުކުރިއެވެ.

އޭނާގެ މައްޗަށް ކުރަމުންދިޔަ ތުހުމަތުތަކަށް ނާގިތު ދެކޮޅު ހެދިއެވެ. އެއްވެސް ކުށެއްނެތި އެފަދަ ބޮޑު އިލްޒާމެއް އޭނާގެ ބޮލުގައި އެޅުވީތީ ހިތްހަމަ ނުޖެހުނެވެ. ބައެއް ސުވާލުތަކަށް ޖަވާބު ދެމުންދިޔައީ ހަޑިހުތުރު ބަހުންނެވެ. އެއިން އެއްވެސް ކަމަކަށް އޭނާ އެއްބަހެއް ނުވިއެވެ.

ކުރިމަތީހުރި މޭޒުމަތީގައި ބަހައްޓާފައިހުރި ލެޕްޓޮޕް އޭނާއާ ދިމާއަށް އަނބުރާލަމުން ވީޑިއޯއެއް ޕްލޭކޮށްލިއެވެ.

ނާގިތު އައިސް ހޮޓަލަށް ވަން ހިސާބުން ފެށިގެން ނަގާފައިވާ އެވީޑިއޯގައި އޭނާ އެތަނުގެ ތެރޭގައި އުޅުނު ހުރިހާގޮތެއް ފެނެއެވެ. ކޮފީއެއް ގެނެސްގެން ކޮފީބޯން އިނދެ ނާގިތު ކޮންމެވެސް މީހަކަށް ފޯނުކުރިއެވެ. އޭގެ އިރުކޮޅެއް ފަހުން އަހުމަދު އައިސް އޭނާ ކައިރީ އިށީންތަނާއި، އެދެމީހުން ވާހަކަތަކެއް ދެއްކުމަށްފަހު ނާގިތު ޖީބުން ނަގައި އަހުމަދު އަތަށް ފޯނެއް ދިންތަނާއި، އަހުމަދު އެފޯނު ބެލުމަށްފަހު ޖީބުން ވޮލެޓް ނެގިތަން ފެނުނެވެ. ވޮލެޓްތެރެ ބަލާލުމާއިއެކު އޭނާގެ މޫނުމަތިން މާޔޫސްކަން ފާޅުވެގެން ދިޔައެވެ. އަދި ކޮންމެވެސް ވާހަކަތަކެއް ދެއްކުމަށްފަހު ނާގިތުގެ އަތަށް ފޯނުދީފައި ޖީބަށް ވޮލެޓްލަމުން އަހުމަދު އަވަސް އަވަހަށް ގޮސް އެތަނުން ނުކުތްތަން ވެސް ފެނުނެވެ.

ނާގިތު އޭނާގެ އަތުގައި އޮތް ފޯނު އޮންކޮށްލީ އަހްމަދު އެތަނުން ނުކުމެގެންދިޔަ ފަހުންނެވެ. ޕޮލިހުން އައިސް އެތަނަށް ވަނުމާއި ހަމައަށް ހޭދަވާނީ ފަސްވަރަކަށް މިނިޓެވެ. ޕޮލިހުން އައިސް އެތަނަށް ވަނުމާއިއެކު ނާގިތު އެ ފޯނު މައު ގަސްތަކުތެރެއަށް އެއްލާލައެވެ.

ޕޮލިހުން އައިސް ނާގިތާއި ބައްދަލުކޮށް ވާހަކަ ދައްކާއިރު އެކަކު ހުންނަނީ ފޯނެއްގައެވެ. ގަސްތަކުތެރެއިން ފޯނު ނެގީ ފޯނުން ވާހަކަ ދައްކަންހުރި މީހާއެވެ. ފޯނު ނާގިތައް ދައްކާލުމާއިއެކު އޭނާއަށް ވާގޮތް އެވީޑިއޯއިން ވަރަށް ސާފުކޮށް ފެންނަން ހުއްޓެވެ.

ވީޑިއޯ ދައްކައި ނިމުމާއިއެކު ނާގިތަށް ވަށައިގެން ބަލައިލެވުނެވެ. އޭނާ ހޮޓަލަށް ދިޔައިރު އަދި އެތަނުން ގެނައިއިރު ހޮޓާތެރޭގައި އިން އެކަކު ވެސް އެތަނުގައި ނެތެވެ. އެކަމުގެ އަޑީގައި ހުންނާނީ އެހެން ކޮންމެވެސް މީހެކެވެ.

ހަދާނެގޮތް ހުސްވެ ހަތަރުއުދަރެސް ފެނުޖެހުމުން ނާގިތު އަމާން ދިނެވެ. ކުރިޔަށް ދެވޭނެ އެއްވެސް މަގެއް ނުފެނުމުން، ޕޮލިހުންގެ ސުވާލުތަކަށް ޖަވާބުދޭން އެއްބަސްވިއެވެ. ހަމަޖެހޭން ކިތަންމެ މަސައްކަތެއްކުރި ނަމަވެސް އޭނާގެ ކިބައިން ފެންނަމުންދިޔަ ހާސްކަމާއި ނުތަނަވަސްކަން ފޮރުވޭވަރެއް ނުވިއެވެ. ވާހަކަތަކާއިގެން ނާގިތު މަޑުމަޑުން ކުރިޔަށް ދިޔައެވެ.

ފާތާނިކެ މަރުވުމުގެ ދެތިން ދުވަސް ކުރިއެވެ. އަތޮޅުފެރީގައި އަދުލީ މާލެއިން އައިއިރު ނާގިތު ވެސް މާލެއިން އައެވެ. ފާތާނިކެއަށް ހަދިޔާއެއްކަމެއް ބުނެ އޭނާގެ މާމަދަރިފުޅު، އަދުހަމް ގަނެފައި ފޮނުވި ވަރަށްރީތި ވަރަށްމޮޅު ފޯނެއް އަދުލީގެ އަތުގައި އޮތެވެ. ނާގިތަށް ވެސް އެފޯނު ފެނުނެވެ.

މާލެއިން އައި ފެރީ ފުރަތަމަ ޖެއްސީ އަތޮޅުގެ ވެރިކަންކުރާ ރަށަށެވެ. އެރަށުން ފުރުމުގެ ކުރިން އަދުލީ ބޭންކަން ގޮސް ފައިސާ ނެގިއެވެ. އޭނާއާއެކު ނާގިތު ވެސް ބެންކަން ދިޔައެވެ. އަދުލީ ފައިސާ ނެގީ ފާތާނިކެގެ އެކައުންޓުންކަން ނާގިތަށް އެނގެއެވެ. އަދުލީގެ ކޮންމެ ހަރަކާތެއް ވަކިވަކިން އޭނާގެ ސިކުނޑީގައި ނާގިތު ރައްކާކުރަމުންދިޔަ ނަމަވެސް އެއިން ކަމެއް އަދުލީއަކަށް ނޭނގެއެވެ.

ފާތާނިކެގެ އެކައުންޓުން އެއްފަހަރާ އެހާބައިވަރު ފައިސާ ނެގުމުން ނާގިތަށް ލިބުނީ ހައިރާންކަމެވެ. ސުވާލު ކޮށްނުލައި ނުހެރެވިގެން އެވާހަކަ ދެއްކިއެވެ.

ނާގިތުގެ ސުވާލަށް ޖަވާބުދެމުން އަދުލީ ބުނީ އޭނާ ވަރަށް އަވަހަށް ލަންކާއަށް ފުރަންއުޅޭ ވާހަކައެވެ. އޭނާ ރަށުގައި ނެތިސް ފައިސާއެއް ނަގަން ވެއްޖެނަމަ މަންމައަށް ފަސޭހަ ނުވާނެ ވާހަކައެވެ. ބޭންކުގައި ފައިސާ ބަހައްޓަން މަންމަ ހިތްހަމަ ނުޖެހޭ ވާހަކައެވެ.

ފާއިދުމެން ލަންކާއަށް ފުރި ހިސާބުން ފާތާނިކެ އެކަނިވިއެވެ. މާމަދަރިންގެ ތެރެއިން ބައެއް ކުދިން އެގޭގައި ނިދަން ބޭނުންވި ނަމަވެސް ފާތާނިކެއަށް އެގޮތް ކަމަކު ނުދިޔައެވެ. އެކުދިން މިހާރު އެއުޅޭހާ ފަސޭހަ އެގޭގައި ނުވާނެކަމަށް ބުނެއެވެ. ކަމަކު ބޭނުންވެއްޖެނަމަ ގުޅާނެކަމަށް ބުނެއެވެ. ކަމަކު ބޭނުން ވެގެން މާމަ ގުޅާލައިފިނަމަ އައިސް އެކަމެއް ކޮށްލަ ދިނީމަ މާމައަށް ފުދޭނެއެވެ. އެހާބޮޑަށް ކަންކަމާއި ހާސްވެގެން އުޅޭއެއްޗެއް ނޫނެވެ.

ފާތާނިކެގެ ކޮންމެ ފިޔަވަޅަކަށް ފާރަލައި ބަލަމުންދިޔަ މީހަކު ހުރިކަމެއް އެއްވެސް މީހަކަށް ނޭނގެއެވެ. އެފަދަ ކަމެއް ރޭކާ ވެސް ނުލައެވެ.

ފާއިދުމެން ލަންކާއަށް ދިއުމުން އެގޭގައި ދިރިއުޅެމުންދިޔައީ ފާތާނިކެ އެކަނިކަން ނާގިތަށް އެނގެއެވެ. އެދުވަހު ފާއިދު ގެނައި އަގުބޮޑުމޮޅު ރީތި ފޯނާއި ފައިސާތައް ވެސް ހުންނާނީ އެގޭގައިކަން ނާގިތަށް އެނގެއެވެ.

ރޭގަނޑުގެ ދިހައެއް ޖަހާކަން ހާއިރެވެ. އަރުތަބޯޓު މާލެ ފުރާތީ ބޯޓަށް މުދާ އެރުވުމަށް ބަރޯއަކަށް ތަކެތި އަޅައިގެން ދިޔަ އަލީދީ އާއި ނާގިތު ދިމާވިއެވެ. އެއީ ފާތާނިކެ ދިރިއުޅެމުންދިޔަ ގެއާއި މާ ދުރުނޫން ހިސާބެކެވެ.

ނާގިތަށް އަލީދީ ފެނުމާއިއެކު ހާސްވެ ކަންބޮޑުވިއެވެ. އޭނާއަށް ނުފެނި އެހިސާބުން ދެވޭނެގޮތެއް އޮތްތޯ ބެލިއިރު އެކަން ކާމިޔާބެއް ނުވިއެވެ.

ނާގިތަކީ އެއްވެސް އިރެއްގައި އެހިސާބަށް އައިސްއުޅޭ މީހެއް ނޫނެވެ. ނާގިތު އެހިސާބުން ފެނުމުން އަލިދީއަށް ލިބުނު ހައިރާންކަމުގައި ސުވާލުކޮށް ނުލައި ނުހުރެވުނެވެ.

” އަންމަޑޭއާއެކު ދަނޑަށް ދާން އައީ …. މި ހިސާބަށް އައިތަނުން ދިމާވި މީހަކު ވަރަށް އަވަހަށް ގެއަށް ވައްޓާލަދޭށޭ ބުނީމަ އޭނާ ގޮވައިގެން އަންމަޑޭ ހިނގައްޖެ. އެހެންވެ އޭނާ އަންނަންދެން މަޑުކޮށްލީ. ” އަވަސް އަވަހަށް ނާގިތު ޖަވާބު ދިނެވެ.

ނާގިތާއި ވާހަކަދައްކަން ކުޑައިރުކޮޅަކު މަޑުކޮށްލުމަށްފަހު އަލިދީ ދިޔަގޮތަށް ދިޔައީއެވެ.

ވަގުތުތައް ފާއިތުވަމުން އައިސް ދިހައެއް ޖަހަނީއެވެ.

އުމުރުން ދުވަސްވީ އެހެން ވެސް ގިނަ މީހުން ފަދައިން ފާތާނިކެއަކީ ވެސް ވަރަށްބޮޑަށް ޚަރަދަށް ބަލައިގެން އުޅޭ މީހެކެވެ. ކޮންމެހެން ދިއްލަންޖެހޭ އެއްޗެއް ފިޔަވައި އެހެން އެއްވެސް އެއްޗެއް އޭނާ ނުދިއްލައެވެ. ގެއާއި ގޯތިތެރެއިން ފެންނަމުންދަނީ ފަނޑު އަލިކަމެއްގެ އަސަރުތަކެވެ.

ވަގުތަކަށް ވިސްނައި ސަމާލުވެގެން ހުރި ނާގިތަށް، ފާތާނިކެ ގެއިން ނުކުތްތަން ފެނުމާއިއެކު އަވަސް އަވަހަށް ވަށައިގެން ހޯދާލިއެވެ. އެހިސާބުގައި އެހެން އެއްވެސް މީހަކު ހުރިތޯ ބަލާލި ކަހަލައެވެ. އެ ގެ އާއި ދިމާއަށް ނާގިތު މިސްރާބު ޖެހީ އެހިސާބުގައި އެ ދެމީހުން ފިޔަވައި އެހެން އެއްވެސް މީހަކު ނެތްކަން ޔަގީންކޮށްފައެވެ.

ފެންއަޅާ ފުޅިއެއް ހިފައިގެން ނުކުމެ، ތާނގީއާ ދިމާއަށް ފާތާނިކެ ހިނގައިގަތުމާއިއެކު ނާގިތު ގޭތެރެއަށް ދެމިގަތެވެ. އެއިން އެއްވެސް ކަމެއް ފާތާނިކެ އަކަށް ނޭނގެއެވެ.

ގޭތެރެއަށް ވަން ނާގިތަށް ފެނުނީ ހުޅުވާފައިހުރި އެންމެ ކޮޓަރިއެކެވެ. ފުރުސަތު ލިބުމާއިއެކު ނާގިތު އަވަސް އަވަހަށް އެކޮޓަރިއަށް ވަނެވެ. އެއީ ފާތާނިކެ ދިރިއުޅޭ ކޮޓަރިއެވެ.

ގޭތެރޭގައި ރަސްކަން ކުރަމުން ދިޔައީ ހަމަހިމޭންކަމާއި ފަޅުކަމެވެ. މަޑުމައިތިރި ކަމާއި ފަނޑުއަލިކަމެވެ. ގޭ ދޮރުލައްޕާލިއަޑު އިވުމާއިއެކު ނާގިތަށް ތެޅިގަނެވުނެވެ. ފާތާނިކެއަށް ފިލުމަށް އަވަސްވެގަތެވެ.

ފެންފުޅި ހިފައިގެން އައި ފާތާނިކެ، މޭޒުމަތީގައި ފެންފުޅި ބެހެއްޓުމަށްފަހު އޮށޯވެ ނިދައިފިއެވެ. އެތަނުގައި އެހެން މީހަކު ވާކަމުގެ ހިލަމެއް ވެސް އޭނާއަށް ނުވެއެވެ.

ވަގުތުތައް ފާއިތުވަމުން އައިސް ބާރަ ޖަހަނީއެވެ. ފާތާނިކެގެ އެއްވެސް ހިލަމެއް ނުވާތީ އޭނާ އޮންނާނީ ނިދާފައިކަން ނާގިތަށް ޔަގީންވިއެވެ. އެނދުދަށުން ނުކުތްއިރު އޭނާ ހުރީ ދެއަތަށް އަންގި ލައްވައިގެންނެވެ.

ނިދާލާފައިއޮތް ފާތާނިކެ ފެނުމާއިއެކު ނާގިތަށް ލިބުނު އުފަލާއި ހިތްހަމަޖެހުން އޭނާގެ ކިބައިން ފާޅުވިއެވެ. އެންމެ ސިކުންތެއް ވެސް ބޭކާރު ކޮށްލުމެއްނެތި މުޅި ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ.

މޭޒުމަތީގައި އޮތް ފޯނު ފެނުމާއިއެކު ނާގިތު ގޮސް ފޯނު ނަގައި ޖީބަށް ލިއެވެ. އެތަނުގައި އޮތް ތަޅުދަނޑިފަތި އޭނާގެ ލޮލުގައި އަޅައިގަތީ އޭގެ ފަހުންނެވެ. ލިބުނު އުފަލާއި ހިތްހަމަޖެހުން އިތުރުވިއެވެ. ތަޅުދަނޑިފަތި ނަގައިގެން އަލަމާރިއާ ދިމާއަށް ހިނގައިގަންނަމުން ބަލާލިއިރު ވެސް ފާތާނިކެ އެއޮތްގޮތަށް ނިދާފައި އޮތެވެ.

އަލަމާރި ހުޅުވާލިވަގުތު ދޮރުފަތުން އިވުނު ބާރުއަޑާއިއެކު ފާތާނިކެއަށް ހޭލެވިއްޖެއެވެ. ފާތާނިކެ ހަޅޭލަވައިގަތް އަޑަށް ނާގިތު ދިޔައީ ސިއްސައިގެންނެވެ. ވަށައިގެން ހޯދާލި ވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ އެނދުމަތީގައި އޮތް ބާލީހެވެ. އޭރު ފާތާނިކެ ތެދުވާން މަސައްކަތް ކުރަނީއެވެ.

އޭނާގެ ގޮތް ފާތާނިކެއަށް އެނގުމުގެ ކުރިން އެކަމުން ސަލާމަތްވާން ޖެހޭނެކަމުގައި ހިތް ބުންޏެވެ. އަވަސް އަވަހަށް އެނދާއި ދިމާއަށް ދިޔަ، ނާގިތު ގޮސް ފާތާނިކެގެ މޫނުމަތީގައި ބާލީސް އަޅައި އެނދުގައި ބޭއްވިއެވެ. އެކަމުން ސަލާމަތް ވާން ފާތާނިކެ މަސައްކަތް ކުރުމުން ބާލީސް ބާރުކޮށްލިއެވެ.

މާގިނައިރެއްނުވެ ފާތާނިކެގެ ހަރަކާތް ހުސްވެ ހަމަހިމޭން ވެއްޖެއެވެ. ބާލީސް ނަގައި ބަލާލިއިރު ފާތާނިކެ އޮތީ ހަބަރު ހުސްވެފައެވެ.
މުޅިކޮޓަރި ނާގިތުގެ ހިތަކަށް ލިބުނެވެ. އަލަމާރިތެރެ ބަލާލިއިރު ބައިވަރު ފައިސާ އާއި ރަންރިހީގެ އެތައް ގަހަނާއެއް ހުއްޓެވެ. ބޭނުންވި ހުރިހާ އެއްޗެއް ނެގުމަށްފަހު އަލަމާރި ތަޅުލައި ތަޅުދަނޑި ގެންގޮސް ކުރިން އޮތްތަނުގައި ބޭއްވި އެވެ.

އެއްވެސް މީހަކަށް ޝައްކެއް ވެސް ނުވާނެހެން ހުރިހާތަނެއް ހުރިގޮތަށް ހެދުމަށްފަހު ނާގިތު ގޮސް ފިލައި ރައްކާވިއެވެ.

އަލިތަރިހޮޓަލަށް ނާގިތު ދިޔައިރު އެތަނުގައި ރައްޒާގު އިނެވެ. ރައްޒާގަކީ ކުލީދަތުރު ކޮށްދޭ ލާންޗެއް ގެންގުޅޭ މީހެކެވެ.

ކުއްލިއަކަށް ރަށަށް ދާން ނާގިތު އުޅުމުން ރައްޒާގަށް ލިބުނީ ހައިރާންކަމެވެ. ފުލުފުލުގައި އެތައް ސުވާލެއް އުފެދުނެވެ. ސުވާލުތައް ކޮށްނުލައި ނުވެސް ހުރެވުނެވެ.

” ވަރަށް ރަނގަޅު މަސައްކަތެއް ލިބިއްޖެ. މާދަމާ ހެނދުނު މަސައްކަތް ފަށަންވާއިރަށް އެކޮޅަށް ގޮސް ރަނގަޅަށް ނިދާލަންކަމަށް މިވިސްނަނީ. ލާރިއެއް ލިބޭކަހަލަ މަސައްކަތް ކޮށްގެނެއްނު އުޅެވޭނީ. އެކޮޅަށް ދާއިރަށް ފައިސާ ދޭނަން. ކުރިން ވީހެނެއް ނުވާނެއޭ. ” ނާގިތުގެ ވާހަކަތައް ރައްޒާގަށް ގަބޫލުކުރެވުނެވެ.

” ރެޑީވެލައިގެން ބަނދަރަށް އާދޭ. މަ މި ދަނީ ކޮފީއެއް ބޯލައިގެން. ވަގުތުން ފައިސާ ދޭންޖެހޭނެކަން ހަނދާން ކުރާތި. ” ދަތުރުކޮށްދޭން އެއްބަސްވަމުން ރައްޒާގު ހާމަކުރީ އެންމެ މުހިންމު ޕޮއިންޓެވެ.

މިހާ ލަސްގަޑިއެއްގައި ކުއްލިއަކަށް ނާގިތު ރަށަށްދާ ވާހަކަ ބުނުމުން އޭނާގެ އަންހެނުން ސާތިރާއަށް ވެސް ލިބުނީ ހައިރާންކަމެވެ. ބޮޑުކަމެއް ދިމާވީތޯ އަހާލެވުނީ ވަގުތުގެ ގޮތުންނެވެ.

ވެގެން އުޅޭގޮތް ނާގިތު ކިޔައިދިނުމުން ސާތިރާ ހިތްހަމަ ޖެހުނެވެ. ދިރިއުޅުމަށްޓަކައި ފައިސާއަކީ ކިހައި މުހިންމު އެއްޗެއް ކަމާއި ފައިސާ ހޯދަން މަސައްކަތެއް ނުކޮށް ނޫޅެވޭނެކަން ނާގިތަށް ވިސްނުމުން ސާތިރާގެ އުފަލާއި ހިތްހަމަ ޖެހުން އިތުރުވިއެވެ. ނާގިތަށް ހިތްވަރާއި ނަސޭހަތް ދިނެވެ. ގަޑިއަށް ސަމާލުކަން ދިނުމަށާއި މަސައްކަތަށް ފަރުވާތެރިވުމަށް އެތައް ފަހަރަކު އެދުނެވެ.

ހެނދުނު އައްގަޑިބައި ނުވައެއް ޖަހާކަން ހާއިރެވެ. ނާގިތަށް ހޭލެވުނީ އޭނާގެ އަންހެނުން ފޯނުކުރުމުންނެވެ.

ކުރަންދިޔަ މަސައްކަތާއި ބެހޭގޮތުން ވާހަކަ ދައްކަމުން ދައްކަމުން، ފާތާނިކެ ނިޔާވެއްޖެ ވާހަކަ ސާތިރާ ބުނުމުނާއިއެކު ނާގިތަށް ހީވީ ޝޮކެއް ޖެހުނު ހެންނެވެ. ބުނާނެ އެއްޗެއް ނޭނގިފައި ކަހަލަ ގޮތަކަށް އެތައް އިރަކު ހުއްޓެވެ. ސާތިރާ ވާހަކަ ދައްކަމުން ދައްކަމުން ދަނިކޮށް ނާގިތު ފޯނުކަނޑާލިއެވެ. އެއާއެކު ފޯނު އޮފް ވެސް ކޮށްލިއެވެ. އިތުރަށް ވާހަކަ ދައްކާނެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ.

ފާތާނިކެ މަރުވީ އޭނާގެ ސަބަބުން ކަމުގައި ނާގިތަށް ގަބޫލު ކުރެވުނެވެ. އޭނާ މަސައްކަތްކުރީ ފާތާނިކެ ހޭ ނައްތާލައިގެން އޭނާގެ މަގްސަދު ހާސިލުކުރަން ނަމަވެސް ކަންތައް ވީ އެހެނެއް ނޫނެވެ.

އިރުއޮއްސި ހަތެއް ޖަހާކަން ހާއިރެވެ. ކޮފީއެއް ބޯލަން ހޮޓަލަށް އައިސް ސާތިރާއަށް ނާގިތު ގުޅިއެވެ. ރަށުތެރޭގެ ހާލަތާއިބެހޭގޮތުން ސުވާލުކުރިއެވެ. ހެނދުނުގަޑީ ވާހަކަ ނުދެއްކުނީ ފޯނުގެ ބެޓެރި ހުސްވެގެން ކަމަށް ވެސް ބުންޏެވެ.

ފާތާނިކެގެ މަރާއި ގުޅިގެން ރަށުތެރޭގައި ތަފާތު އެއްވެސް ކަމެއް ނުހިނގާކަމަށް ސާތިރާ ބުނުމުން ނާގިތަށް ލިބުނު ހިތްހަމަޖެހުން ބޮޑެވެ. އެކަމާއި ނުވިސްނައި ހަމަޖެހިލައިގެން އުޅެވޭނެކަން އޭނާއަށް ޔަގީންވިއެވެ.

ނާގިތު ރަށަށް ދިޔައީ އާމްދަނީ ލިބޭކަހަލަ މަސައްކަތެއް ލިބިގެން އެމަސައްކަތްކުރަން ކަމަށް ބުނި ނަމަވެސް އޭނާ އެއްވެސް މަސައްކަތެއް ނުކުރެއެވެ.

ނާގިތުގެ ފަރާތުން ފެންނަމުންދިޔަ ފޯރުންތެރިކަން ބައެއް މީހުންނަށް ފާހަގަ ކުރެވި އެވާހަކަ ދައްކަންފެށިއެވެ. އާމްދަނީ ހޯދަން މިއިން ދުވަހަކު ވެސް މަސައްކަތެއް ނުކުރާ މީހެއްގެ ފަރާތުން އެފަދަ ކަމެއް ފެނުމުން ގިނަބަޔަކަށް ހައިރާންކަން ލިބުނެވެ. އުފެދުނު ސުވާލުތައް ގިނަވިއެވެ.

ފާތާނިކެގެ މަރާއި ގުޅިގެން ފާހަގަކުރެވުނު ކަންތައްތަކުގެ ސަބަބުން، ޕޮލިހުން ފާރަލަމުންދިޔަ މީހުންގެ ތެރެއިން އެކަކީ ނާގިތެވެ. އެރޭ ކުއްލިއަކަށް ނާގިތު ފުރައިގެން އައުމާއި އޭނާގެ ފަރާތުން ފެންނަމުންދިޔަ ފޯރުންތެރިކަން އޭނާއާ މެދު ޝައްކު ކުރަން ޖެހުނު ސަބަބުތަކުގެ ތެރޭގައި ހިމެނުނެވެ.

ފާތާނިކެގެ މަރާއިއެކު އެގެއިން ގެއްލުނު ފައިސާތަކާއި ފޯނާއި އަގުބޮޑު ގަހަނާތައް ހޯދުމަށް ޕޮލިހުން ކުރަމުން ދިޔަ މަސައްކަތުގެ ދަށުން ބައެއް ތަކެތި ހޯދިއެވެ. އެތަކެއްޗާއިއެކު އަތުލައިގަތް ނާގިތަކީ ފާތާނިކެ މަރާލީ މީހާކަމަށް އޭނާ އެއްބަސްވުން ވެގެން ދިޔައީ މުޅިރާއްޖެއަށް ލިބުނު ބޮޑު ހައިރާންކަމަކަށެވެ.

ގުދުރަތީ މަރެއް ކަމަށް ނިންމައިގެން ތިބި ފާތާނިކެގެ މަރުގެ ފުރަގަހުގައި ފޮރުވިފައިވާ ސިއްރު ހާމަވިއިރު، ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ތިބީ ބިރުން ސިހިސިހިއެވެ.
ނިމުނީ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް