އެޑިޓަރުގެ ބަސް:
މުނިއަވަސްގެ ވާހަކަ ލިޔުންތެރިޔާ މުޙައްމަދު މުނީރު (ނީރު)ގެ ކުރު ވާހަކަ ސީރީޒް ‘އެ ވާހަކަ’އިގެ ދަށުން މި ރަމަޟާން މަހު ކޮންމެ ދުވަހަކު ކުރު ވާހަކައެއް ގެނެސްދިނުމަށް ނީރު ހުރީ އަތުކުރި އޮޅާލައިގެންނެވެ. އުއްމީދަކީ، މުނިއަވަސްގެ ކިޔުންތެރިންނަށް މި ވާހަކަ ސީރީޒުން މުނިއަވަސްފިލުވައިލުމުމުގެ ފުރުޞަތުލިބިގެން ދިޔުމެވެ.
─━━━━━━⊱✿⊰━━━━━━─
އާސިލް އާއި ނިޒާމާ ދިމާވީ އިރުއޮއްސޭ މަންޒަރު ފޮޓޯނަގަން އާސިލް ތުނޑިއަށް ދިޔަ ދުވަހަކު ތުނޑިމަތިންނެވެ. އާސިލް ތުނޑިއަށް ދިޔައީ އިރުއޮއްސުމާއި ވަރަށްގާތްވެފައި ވަނިކޮށް ކަމަށް ވާތީ ތުނޑިމަތީގައި ތިބީ ދެތިން މީހުންނެވެ. އާސިލް ތުނޑިއަށް ނުކުތްތާ މާގިނައިރެއް ނުވަނީސް އެމީހުން ވެސް ހިނގައްޖެއެވެ.

ނިޒާމާއަކީ ހެދިހުރި ފުރިހަމަ ބައްޓަން ރީތި ހަށިގަނޑެއް ލިބިފައިވާ ގައިގެކުލަ އަލި ޒުވާނެކެވެ. ނިޒާމާގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ އޭނާ ބޭނުންކުރާ ޒަމާނީ ހެދުންތަކާއި މޭކަޕެވެ.

ނިޒާމާއަކީ ޗުއްޓީއަށް އައިސް އުޅޭ ބީރައްޓެހި ޒުވާނެކެވެ. އޭނާ ތުނޑިއަށް ދިޔައީ އާސިލްގެ ރައްޓެހިންތަކަކާއި އެކުގައެވެ. އެމީހުނަށް އާސިލް ފެނުމުން އެދިމާއަށް އައިސް ވާހަކަ ދައްކަންފެށި އެވެ.

އިރުއޮއްސޭމަންޒަރުގެ އިތުރުން އެތިން ޒުވާނުންގެ ބައިވަރުފޮޓޯ ވެސް އާސިލް ނެގިއެވެ.

ނިޒާމާގެ ފަރާތުން އާސިލްއަށް އެންމެބޮޑަށް ފާހަގަކުރެވުނީ އޭނާގެ ހިތްހެޔޮކަމާއި މީހުނާއިގުޅޭ ގުޅުމެވެ. ވާހަކަ ގިނަކަމާއި އަނގަގަދަ ކަމެވެ.

” ހަނދާންކޮށް މިރޭ ފޮޓޯތައް ގެނެސްދޭތި. ” ފޮޓޯނެގުން ނިމުނު ވާހަކަ ބުނުމާއިއެކު އަނީގާ ބުންޏެވެ.

” އެބުނާހެން އަހަރުމެން ދެމީހުންގެ ފޮޓޯތައް މިރޭ ދޭތި. ނިޒާމާގެ ފޮޓޯތައް އާސިލްގެ އަތުގައި ބަހައްޓާ ހަނދާނަކަށް. އޭރުންތާ މިރޭވެސް ބަލާލަން ހުންނާނީ. އެވެސް ތިޔަކަހަލަ ހުސްކުއްޖެކޭ. ” ނިޒާމާއަށް ބަލާލުމަށްފަހު ހެމުން ހެމުން ވަލީދާ ވާހަކަދެއްކިއެވެ.

” ހުއް. ތީ ހަމަ ހީވާގޮތް. ތިހެން ބުންޏަސް އަހަންނަށް ޔަގީން އެންމެފުރަތަމަ ލިބޭނީ އަހަރެންގެ ފޮޓޯތައްކަން. އަހަރެންގެ ފޮޓޯތައް މި ނަންބަރަށް ވައިބަރކޮށްލާ. ” ފޯނުނަންބަރު އާސިލަށް ދައްކާލަމުން ނިޒާމާ ވާހަކަދެއްކިއެވެ. އާސިލަށް ހިނިތުންވެލިއެވެ. އެހިނިތުން ވުމުގެ ފަހަތުގައި އެތައް ސިއްރެއް ވާކަހަލަ އެވެ.

ނިޒާމާ ދެއްކި ފޯނުނަންބަރު އާސިލްގެ ފޯނުގައި ސޭވްކޮށްލީ ހިތްހަމަޖެހުމާއި އެކުގައެވެ. އޭނާގެ ހިތުގައި ނިޒާމާއާމެދު އުފެދެމުން ދިޔަ ޝައުގުވެރިކަމަކާއި ވެސް އެކުގައެވެ.

ފޮޓޯތައް އެޑިޓްކޮށް ނިންމާލުމަށްފަހު ނިޒާމާގެ ފޮޓޯތައް ވަކިން ސޭވްކޮށްލިއެވެ. ވަލީދާ ބުނި ފަދައިން ފަހުން ވެސް ބަލާލަން ބޭނުންވެއްޖެނަމަ ބަލާލުމުގެ ބޭނުމުގައެވެ.

ނިޒާމާގެ އަސްލު ރީތިކަމާއި ފުރިހަމަކަން ބަލާލަން އާސިލަށް ލިބުނު އެންމެރަނގަޅު ފުރުސަތަކަށްވީ އެފޮޓޯތަކެވެ. ބަލާނެވަރަކަށް ބަލާނެ ގޮތަކަށް ބަލަން އެތައް ފޮޓޯއެއް ހުއްޓެވެ.

ފޮޓޯތަކަށް ބަލަމުން ދިޔަވަރަކަށް އާސިލްގެ ހިތުގައި ނިޒާމާއާމެދު އުފެދެމުންދިޔަ ޝަޢުޤުވެރިކަން އިތުރުވަމުން ދިޔައެވެ. ހިތްކިޔާ ކަހަލަ އެތައް ކަމެއް ފާހަގަ ވަމުންދިޔައެވެ.

ފޮޓޯތައް ވައިބަރކުރުމުން ނިޒާމާ ވަރަށް އުފާވިއެވެ. ފޮޓޯތައް ރީތިކަމަށާއި ފޮޓޯނަގަން ވަރަށްމޮޅު ކަމަށް ބުނެ ތަޢުރީފްކުރި އެވެ. އެތައް ފަހަރަކު ޝުކުރު އަދާކުރިއެވެ.

ވައިބަރު މެދުވެރިކޮށް އާސިލް އާއި ނިޒާމާގެ މެދުގައި އުފެދި ބަދަހިވަމުންދިޔަ ގުޅުން އިތުރަށް ތަރައްޤީކުރަން އާސިލް ބޭނުންވި އެވެ. ދެމީހުން އެކަނި ބައްދަލުކޮށްލަން ބޭނުންކަމަށް ބުނެ ނިޒާމާއަށް ދަޢުވަތު ދެމުންދިޔައެވެ.

އިރުއޮއްސުނު ވަގުތެވެ. ނިޒާމާ އެއްބަސްވި ފަދައިން އޭނާއާ ބައްދަލުކުރަން އާސިލް ތުނޑިއަށް ދިޔައެވެ. ލިބުނު ކުރިއެރުމަށް އުފާކުރަމުން ކުރިމަގަށް އުންމީދުތަކެއް ކުރަމުންނެވެ.

އާސިލް ގޮސް ތުނޑިއަށް ނުކުތްއިރު ތުނޑީކޮޅުގައި ނިޒާމާ ހުއްޓެވެ. މޫދާއި ދިމާއަށް ބަލަހައްޓައިގެން ހުރި ނިޒާމާ ސިއްސާލަން އާސިލްގެ ހިތަށްއެރިއެވެ. މީހަކަށް ހިލަމެއް ވެސް ނުވާނެހާ މަޑުމަޑުން ހިނގަމުންދިޔަ އާސިލް ގޮސް ނިޒާމާ ކައިރިއަށް ހުއްޓުނުއިރު ވެސް އޭނާ އަކަށް ހިލަމެއް ނުވެއެވެ.

ނިޒާމާގެ ފުރަގަހަށް ހުއްޓެމުން އޭނާގެ ކަންފަތަށް ފުމެލުމާއިއެކު ނިޒާމާ ދިޔައީ ސިއްސައިގެންނެވެ. ގަތްބިރާއިއެކު ތެޅިގަންނަމުން އާސިލްގެ ގައިގަ ބައްދައިގަތެވެ. ދުވަހަކު ވެސް ދޫކޮށްނުލާން ހިފަހައްޓައިގެންހުރި ކަހަލައެވެ.

” ޓުރައިކޮށްލަބަލަ. ވަރަށް ފަސޭހަވާނެ. ” ކުއްލިއަކަށް އާސިލްގެ ހަނދާނަށްއައީ ނިޒާމާއާ ބެހޭގޮތުން އަނީގާ ދެއްކި ވާހަކައެވެ.

” ތިއަށްވުރެ ރަނގަޅު ފުރުސަތެއް ދެން ދުވަހަކު ވެސް ނުލިބޭނެ. ބޭނުންކޮށްލާ …. ގަދައެއް ނުދެއްކޭނެ. ކިތަންމެ ވަރަކަށް ހަޅޭލިޔަސް އަޑުއިވޭނެ މީހަކު ނުހުންނާނެ. މިހާރު ވެސް އެހުރީ އޮރިޔާމުން. ވަރަށް ފަސޭހަވާނެ. ” ވަގުތު ލިބުމާއިއެކު ސައިތާނާ އޭނާގެ މަސައްކަތް ފެށިއެވެ.

ނިޒާމާގެ ގައިގަ ބައްދާލައިގެން އާސިލް ހުރީ ނިޒާމާ ބިރުން އުޅޭތީކަމަށް ނިޒާމާއަށް ގަބޫލުކުރެވުނު ނަމަވެސް ކަންތައްވީ އެހެނެއް ނޫނެވެ. އާސިލްގެ ހިތް އެޔަށްވުރެ ކިލަނބެވެ. ވިސްނުމާއި ފިކުރާއި ޚިޔާލުވެސް އެއަށްވުރެ މުޑުދާރެވެ. ނިޔަތް ގޯހެވެ.

ފަހަރަކަށްވުރެ ފަހަރެއް އާސިލްގެ ފިރުމުންތަކާއި ބީހުން އިތުރުވަމުން ގޯސްވަމުން ގޮސް ނިޒާމާގެ ކެތްތެރިކަން ކޮޅުންލިއެވެ. ދޫކޮށްލަން ބުނަމުން ދުރުވާން މަސައްކަތްފެށިއެވެ. އޭނާއަށް އެހެން ނުހެދުމަށާއި އޭނާ އެކަނި އެތަނަށް އައީ އާސިލްއަށް ވަރަށްބޮޑަށް އިތުބާރުކޮށް ކަމަށް ބުންޏެވެ. އޭނާއަކީ އާސިލްގެ ދެ ރައްޓެހިންގެ ރަހުމަތްތެރިކަމުގައި އެރަށަށް އައިސް ހުރި ބީރައްޓެއްސެއްކަން ހަނދާންކޮށްދިނެވެ. އަނީގާ އާއި ވަލީދާ ގާތު ހުރިހާ ވާހަކައެއް ބުނާނެކަމަށް ބުންޏެވެ. އެހެން ނުހެދުމަށްއެދި ރޮއި އާދޭސްކުރިއެވެ.

ނިޒާމާ ދައްކަމުންދިޔަ ވާހަކަތައް އާސިލްއަކަށް އަޑެއް ނީވެއެވެ. އޭނާގެ ސިކުނޑީގައި ރަސްކަން ކުރަމުންދަނީ ޝަހުވާނީ ވަހުޝީ އެދުންތަކުގެ ޚިޔާލް އެކަންޏެވެ. އެ ކަރުހިއްކުން ފިލުވާލުމަށް ލިބިފައިވާ ރަނުގެ ފުރުސަތުގެ ބޭނުން ހިފުމުގެ ވިސްނުމާއި ފިކުރެވެ.

އެތައް އިރެއްގެ މަސައްކަތުން އާސިލް އޭނާގެ ފުރަތަމަ ޓާގެޓް ހާސިލްކުރިއެވެ. ލައިގެންހުރި ޓިޝާޓް ދަމައިގަތުމާއި އެކު ހަށިގަނޑު ނިވާކުރެވޭތޯ ކުރެވެންހުރި ހުރިހާކަމެއް ނިޒާމާ ކުރަމުންދިޔައެވެ. އާސިލްގެ އަމަލްތަކަށް ހުއްޓުމެއް ނައެވެ. ނިޒާމާ ރޮމުންދިޔަ ރުއިމަކަށް ކުރަމުންދިޔަ އާދޭހަކަށް ސަމާލުކަމެއް ނުދިނެވެ.

ޖަހާލި ބާރުގުގުރީގެއަޑާއިއެކު ތުނޑިމައްޗަށް ހޮނުއެޅި ކަހަލައެވެ. ނިޒާމާގެ ގައިގަ ރޯވީ އެވަގުތުއެވެ. ނިޒާމާ ދޫކޮށްލުމަށްފަހު ފިލަން ދުއްވައިގަންނަން އުޅުނު ނަމަވެސް އާސިލްއަކަށް އެފުރުސަތެއް ނުލިބުނެވެ. އާސިލްގެ އަތުގައި ހިފަހައްޓައި އޭނާގެ ކުރިމައްޗަށް ގެނައެވެ. އާސިލްގެ މޫނާއި މޫނުކައިރިކޮށްލަމުން ކުއްލިއަކަށް ކަރުގައި ހިފިއެވެ. އާސިލަށް ހިރިވެސް ނުލެވުނެވެ. އޭނާގެ ކުރިމަތީން ފެންނަންހުރީ ނިޒާމާގެ ސޫރަ ނަމަވެސް އެއީ ނިޒާމާ ނޫންކަން އާސިލަށް ޔަގީންވިއެވެ. ސަލާމަތަށް އެދި ހަޅޭލަމުން އޭނާ ދޫކޮށްލުމަށް އެދި ރޮއި އާދޭސް ކުރަމުން ދިޔައެވެ.

އޭނާއަށް ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން އާސިލަށް ވިސްނުނުއިރު ވަގުތު ފާއިތުވެއްޖެއެވެ.
ހެނދުނު ހަތެއްޖަހާކަން ހާއިރެވެ. ނުހަނު އަރާމުގައި ނިދާލާފައި އޮތް ނިޒާމާއަށް ހޭލެވުނީ ވަލީދާ ގޮވުމުންނެވެ. އެހާ ހެނދުނާ ވަލީދާ އައިސް ގޮވުމުން ނިޒާމާ ވަރަށް ހައިރާންވިއެވެ. އެއްފަހަރާ އެތައް ސުވާލެއް އުފެދުނެވެ.

” އާސިލް މަރުވެއްޖެ. ” ވަލީދާ ބުނެލި ޖުމްލައާއެކު ނިޒާމާ ދިޔައީ ސިއްސައިގެންނެވެ. ދޮގެއް ދޯއޭ ބުނާ ފަދައަކުން ދެއަތަކަށް ބޯހޫރާލިއެވެ. ދެލޮލުން ކަރުނަ ފާއްދާލީ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ.

މަންޒަރު ދުށް ފަރާތްތަކާއި ހަވާލާދީ ރަށުތެރޭގައި ވާހަކަ ދެކެވެމުންދާ ގޮތުން އާސިލް މަރާލާފައި ވަނީ ކަރަށް ހަމަލާއެއް ދީގެންނެވެ. އެފަދަ ނިޝާނެއް އޭނާގެ ކަރުކައިރިން ފެންނަން ހުއްޓެވެ. ބޮޑަށް ބެލެވެނީ އެއްޗެއް ހަރާލާފައިވާހެންނެވެ. ކަރުގެ ދެފަރާތުންނާއި މޭމަތިން ތޫނު ނިޔަފަތި ކަހަލަ އެއްޗެއް އަޅާފައިވާ ކަހަލަ ނިޝާންތަކެއް ފެންނަން ހުއްޓެވެ. އެރޮނގުތަކުން ލޭގެއަސަރު ފެންނަން ހުއްޓެވެ. އޮތީ ހުސްގަޔާއެވެ.

ބައެއް އުންމީދުތައް ހާސިލް ނުވުމަކީ ވެސް ނަސީބަކަށްވެދަނީ މަދެއްކޮށެއް ނޫނެވެ. ނިޒާމާއަށް ވެސް ވީ އެކަހަލަ ގޮތެކެވެ. އާސިލްއާ ބައްދަލުކުރަން ދާން ބޭނުންވި ނަމަވެސް އޭނާއަށް ނުދެވުނީ ވަލީދާގެ ސަބަބުންނެވެ. އެފަދަ ގޮތަކަށް އެފަދަ ތަނަކަށް ގޮސް ބައްދަލުކުރަން ވަލީދާ ދެކޮޅުހެދީއެވެ. އޭނާ އެރަށަށް ގެނައި ވަލީދާއާ ދެކޮޅުހަދާފައި ދާން ނިޒާމާއަށް ނުކެރުނީއެވެ.
ނިމުނީ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް