އެޑިޓަރުގެ ބަސް:
މުނިއަވަސްގެ ވާހަކަ ލިޔުންތެރިޔާ މުޙައްމަދު މުނީރު (ނީރު)ގެ ކުރު ވާހަކަ ސީރީޒް ‘އެ ވާހަކަ’އިގެ ދަށުން މި ރަމަޟާން މަހު ކޮންމެ ދުވަހަކު ކުރު ވާހަކައެއް ގެނެސްދިނުމަށް ނީރު ހުރީ އަތުކުރި އޮޅާލައިގެންނެވެ. އުއްމީދަކީ، މުނިއަވަސްގެ ކިޔުންތެރިންނަށް މި ވާހަކަ ސީރީޒުން މުނިއަވަސްފިލުވައިލުމުމުގެ ފުރުޞަތުލިބިގެން ދިޔުމެވެ.
─━━━━━━⊱✿⊰━━━━━━─
ރަށުތެރޭގައި ދެކެވެމުންދާ ވާހަކަތަކުގެ ސަބަބުން ގިނަބައެއްގެ ހިތުގައިވަނީ ބިރުވެރިކަމާއި ނުތަނަވަސްކަމެވެ. އެކަމާއި ބެހޭގޮތުން ވާހަކަދައްކައި މަޝްވަރާކުރާ މީހުން ދުވަހަކަށްވުރެ ދުވަހެއް ގިނަވަމުން ދިޔައެވެ. ފެތުރިފައިވާ ބިރުވެރިކަމުން ރަށް ސަލާމަތް ކުރުމުގެ މަސައްކަތް އަވަސް ކުރަން ވެއްޖެކަމަށް ގިނަބަޔަކު ބުނަމުންދިޔައެވެ.

ރަށުގެ ގިނަބައެއްގެ ވާހަކަތައް އެހެން ހުރި ނަމަވެސް އެވާހަކަތައް ގަބޫލުނުކުރާ މީހުން ވެސް އެބަ ތިއްބެވެ. އެފަދަ މީހުން ބުނަމުންދަނީ ކޮންމެވެސް ކަންތައްގަނޑެއް ސިއްރުކުރަން ނުވަތަ ކޮންމެވެސް ކަންތައްގަނޑެއް ހިންގަން ވެގެން ބަޔަކު މީހުން އެފަދަ ވާހަކަތަކެއް ދައްކަމުންދަނީ ކަމުގައެވެ.

ރޭގަނޑު ނުވަގަޑިބައި، ދިހައެއް ޖަހާކަން ހާއިރެވެ. ފަރުސާނު މެން ގަބުރުސްތާނާއި ދިމާއަށް ދިޔައީ ރަށު މީހުންނަށް ސިއްރުންނެވެ. އެކިމީހުން އެކިދިމާއިން ގޮސް އެތަނުން ބައްދަލުކުރާ ގޮތަށެވެ. ހެދިފައިވާ ބިޔަގަސްތަކާއި ކުދިގަސްތައް ނުކޮށައި ގިނަދުވަސްވުމުގެ ސަބަބުން ގަބުރުސްތާނު ތެރެ ވަނީ ވަރަށްބޮޑަށް ޖަންގަލި ވެފައެވެ.

އެއީ ގޮއިވަލު މަގުކޮޅެވެ. ރަށުމީހުން އެބުނާ ޖިންނި އަންހެންކުއްޖާ ފެންނަ ސަރަހައްދެވެ.

ފަރުސާނު މެން ހަތަރު މީހުން މަޑުމަޑުން ގަބުރުސްތާނަށް ވަދެގެން ގޮސް ގަސްގިނަ ނިވާކަންބޮޑު ހިސާބެއްގައި މަޑުކޮށް ހަމަޖެހެލިއެވެ.

ވަގުތުތައް ފާއިތުވަމުން ދިޔައެވެ. ވެދާނެ ގޮތަކާއިމެދު ވިސްނާ ފިކުރުކުރަމުން އެކިމީހުން އެކިދިމާއަށް ބަލާލަ ބަލާލަ ތިއްބެވެ.

ކުއްލިއަކަށް ހަސަން ތެޅިގަތުމުން ދެން ތިބި ތިން މީހުން ދިޔައީ ސިއްސައިގެންނެވެ. ސުވާލުތަކުން ފުރިފައިވާ ފަދައަކުން އަވަސް އަވަހަށް ހަސަނާއި ދިމާއަށް ބަލައި ވެސް ލެވުނެވެ.

ގަބުރުސްތާނާއި ތަންކޮޅެއް ދުރުގައިހުރި ހޮޅިބުރީގެ އަލި ގަބުރުސްތާނުގެ ދޮރާއި ހަމައަށް ފޯރާފައިވެއެވެ. ގަބުރުސްތާނަށް ވަންނަ މީހަކު ވަރަށް ފަސޭހައިން ފެންނާނެއެވެ.

ގަބުރުސްތާނުގެ ދޮރާއި ދިމާއަށް ހަސަން އިނގިލި ދިއްކޮއްލުމުން އެންމެން ވެސް އެ ދިމާއަށް ބަލައިލިއެވެ.

ގަބޫލުކުރަން ދަތި ނަމަވެސް ގަބޫލުކުރަން ބޭނުންނުވި ނަމަވެސް އެއީ ޙަޤީޤަތެވެ. ގަދަ ރަތްކުލައިގެ ލިބާހެއް ލައިގެން ނުހަނު މަޑުމައިތިރިކަމާއި ހަމަހިމޭންކަމާއިއެކު ވަށައިގެން ހޯދަމުން ކަހަލަގޮތަކަށް އައިސް ގަބުރުސްތާނަށް އެވަންނަނީ އަންހެންކުއްޖެކެވެ. އޭނާގެ ހަށިގަނޑަށް ނަޒަރު ހިންގާލުމުން، އެއީ ޒުވާންފުރައިގެ އަންހެންކުއްޖެއްކަމުގައި ގަބޫލުކުރެވުނެވެ.

ރަށުމީހުން ދައްކަނީ ރަނގަޅު ވާހަކަތަކެއް ކަމުގައި އެންމެނަށް ވެސް ގަބޫލުކުރެވުނެވެ. ކޮންމެވެސް ވަރަކަށް ބިރުގަނެ ޖެހިލުން ވެސް ވިއެވެ.

ބިރުގަނެ ޖެހިލުންވި ނަމަވެސް މިވަގުތު ކުރެވޭނެ އެހެންކަމެއް ނެތްކަން ހަތަރު މީހުނަށް ވެސް އެނގެއެވެ. ކެތްތެރިވެ ހަމަޖެހިގެން މަޑުމަޑުން ތިބުމަށް ފަރުސާން އެދުނެވެ. އޭނާ ކުރާ ކަންތައް ވީހާ ރަނގަޅަކަށް ބެލުމަށާއި ތެޅިގެންފިނަމަ ލަނޑެއް ލިބިދާނެކަން ވިސްނައިދިނެވެ.

އޭނާގެ އަތުގައި ކޮންމެވެސް ކަހަލަ އަލިކަމެއް އޮތެވެ. މޫނަށް އަލިއެޅުނު ވަގުތު އޭނާގެ މޫނު އެންމެނަށް ވެސް ފެނުނެވެ.

ރަށުތެރޭގައި ވާހަކަދެކެވެމުންދާ ފަދައިން އެއަންހެންކުއްޖާގެ މޫނުގެ އެއްފަޅިވަނީ ފިހިފައެވެ. އެތަނުން ލޭގެ އަސަރު ފާޅުވާން ހުއްޓެވެ.

އުސްމާނާއި ހަސަން އަދި އަލީ އަކަށް އިތުރަށް ބަލާކަށް ނުކެރުނެވެ. ފަރުސާން ނިންމީ ކޮންމެގޮތެއް ވިޔަސް އެއަންހެންކުއްޖާ ކުރާކަމެއް ބަލާށެވެ. ސާބިތުކަމާއިއެކު އޭނާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ފަރުސާން ހުއްޓެވެ.

އެއަންހެންކުއްޖާ މަޑުމަޑުން ގޮސް މަހާނައެއް ކައިރީ އިށީނެވެ. އަވަސް ހަރަކާތްތަކަކާއިއެކު އެތަން ކޮނެގެން ކޮންމެވެސް އެއްޗެއް ނެގިއެވެ. ފަސްގަނޑު ރަނގަޅުކޮށް އެހެން މީހަކަށް ނޭނގޭނެހެން ވެސް ހެދިއެވެ.

އަންހެންކުއްޖާ ގޮސް ގަބުރުސްތާނުން ނުކުތުމުން އޭނާގެ ފަހަތުން ފަރުސާން ހިނގައިގަތެވެ. އެއީ އިންސާނެއް ނޫން ކަމަށާއި އޭނާގެ ފަހަތުން ގޮސްގެން ގެއްލުމެއް ވެދާނެކަމަށް އޭނާގެ ރައްޓެހިން ބުންޏެވެ. އޭނާ މަޑުކުރުވުމަށް އެމީހުނަށް ދެއްކެން ހުރި ހުރިހާ ވާހަކައެއް ދެއްކިއެވެ.

އެމީހުންގެ ވާހަކަތަކާއި ޢަމަލުތަކަށްވުރެ ބޮޑަށް ފަރުސާން ވިސްނީ އެއަންހެންކުއްޖާއާ މެދުގައެވެ. އޭނާގެ ޢަމަލުތަކާއި މެދުގައެވެ. ގުރޫޕް މީހުން ދޫކޮށްލުމަށްފަހު ފަރުސާން ގޮސް ގަބުރުސްތާނުން ނުކުތެވެ.

ފަރުސާނަށް ފެނުނީ އަންހެންކުއްޖާ ގަބުރުސްތާނުން ނުކުމެގެން ގޮނޑުދޮށާއި ދިމާއަށް ދަނިކޮށެވެ. އެއީ ގޮއިވަލު މަގުކޮޅެވެ. ފަރުސާން ގަސްތަކާއި ނިވާވަމުން އޭނާއަށް ފާރަލަމުން އޭނާގެ ފަހަތުން ދިޔައެވެ. އެއިން އެއްވެސް ކަމެއް އެ އަންހެންކުއްޖާއަށް އެނގޭހެނެއް ހިޔެއް ނުވެއެވެ.

އަންހެންކުއްޖާ ދިޔަގޮތަށް ގޮސް އެރުނީ މޫދަށެވެ. ތަނަށް ވެރިވެފައިވާ އަނދިރިކަމުގެ ސަބަބުން ދެން ވީ ގޮތެއް ފަރުސާނަކަށް ނޭނގުނެވެ.

ފަރުސާނު އައިސް އޭނާގެ އެކުވެރިން ގޮވައިގެން ދިޔައީ ގެއަށެވެ. އެކަމާއި ބެހޭގޮތުން އިތުރަށް ވާހަކަ ދައްކާކަށް އެކަންވީ ގޮތް ބުނާކަށް ފަރުސާނު ސަމާލުކަމެއް ނުދިނެވެ.

ނިދާން އޮތްއިރު ވެސް ފަރުސާން ވިސްނަމުން ދިޔައީ މިރޭ ދިމާވި ކަންތަކާއި މެދުގައެވެ. އެކަމުގެ އަޑީގައި އެހެން ކޮންމެ ވެސް ސިއްރެއް ވާނެކަމުގައި އޭނާގެ ހިތް ބުނަމުން ދިޔައެވެ.

ރަށުތެރެއަށް ވެރިވެފައިވާ ހަމަހިމޭންކަމާއިއެކު ވަގުތުތައް ފާއިތުވަމުން އައިސް އާދުވަހަކަށް އިރުއަރައިފިއެވެ. ރަށުތެރޭގައި މައިގަނޑު ވާހަކައަކަށް އޮތީ އުސްމާން މެނަށް ޖިންނި އަންހެން ކުއްޖާ ފެނުނު ވާހަކައެވެ. އެކަމާއި ބިރުން ބައެއް މީހުނަށް ރޭގައި ނުވެސް ނިދުނު ވާހަކައެވެ.

މިކަން މިހިސާބުން ހުއްޓާލާކަށް ފަރުސާން ބޭނުމެއްނުވިއެވެ. އޭނަ ނިންމައިގެންހުރީ ކޮންމެ ގޮތަކުން ނަމަވެސް މިކަމުގެ ހަޤީޤަތް ހޯދާށެވެ. މިއީ ހަމައެކަނި ރޫހާނީކަމެއް ނޫންކަމާއި މިކަމުގެ ފުރަގަހުގައި ކޮންމެވެސް ސިއްރުތަކެއް ވާނެކަމުގައި ފަރުސާންގެ ހިތް ބުނަމުންދިޔައެވެ.

އިރުއޮއްސުމާއި ގާތްވަމުންދިޔައިރު ފަރުސާން މަސައްކަތް ކުރަމުން ދިޔައީ، އޭނާއާ ބައިވެރިވެ އެކަމުގެ ހަޤީޤަތް ހޯދާން މަސައްކަތްކުރާނެ އޭނާ ފަދަ ހިތްވަރުގަދަ ކެރޭ ޒުވާނެއް ހޯދާށެވެ.

ފަރުސާނު ފަދައިން މުއާން ވެސް ބޭނުންވީ ކޮންމެގޮތަކުން ނަމަވެސް އެކަމުގެ ހަޤީޤަތް ހޯދާށެވެ. މުއާނަށް ވެސް ގަބޫލުކުރެވިފައިވާ ގޮތުގައި އެކަމަކީ ހަމައެކަނި ރޫހާނީ ކަމަކާއި ގުޅިފައިވާ ކަމެއް ނޫނެވެ. އެހެން ކޮންމެވެސް ބޮޑު ސިއްރެއް އެކަމުގެ ފަހަތުގައި ވާނެއެވެ.

އޮއްސުނުއިރާއިއެކު ރަށުތެރެއަށް އަނދިރިކަމާއި ހަމަހިމޭންކަން ވެރިވިއެވެ. މަގުތަކާއި އާންމު މައިދާންތަކުން މީހުން މަދުވިއެވެ. މަގުތައް ފަޅުވިއެވެ.

ވާހަކަދައްކައި މަޝްވަރާކޮށް ނިންމިފަދައިން، ރަށުގެ ރައްޔިތުންނަށް ވަރަށް ސިއްރުން ފަރުސާނާއި މުއާން ގަބުރުސްތާނަށް ދިޔައެވެ. އޭރު ދިހައެއް ޖަހަނީއެވެ.

ފަރުސާނާއި މުއާން އެތަނުގައި ތިބެގެން ވަގުތުތައް ގުނަމުންދިޔައެވެ. ވަގުތުތައް ފާއިތުވަމުންއައިސް މެންދަމު ބާރަ ޖެހިއިރު ވެސް އެއަންހެންކުއްޖާގެ ޚަބަރެއް ނުވުމުން، ފަރުސާނާއި މުއާން ގަބުރުސްތާނުން ނުކުތެވެ. އަދި ވަރަށް ސިއްރު ސިއްރުން އެހާމެ މަޑުމަޑުން ގޮސް ގޮއިވަލު މަގުކޮޅަށް ނުކުތެވެ.

އަތިރިމައްޗަށް ނުކުތްއިރު ކޮންމެވެސް ބަޔަކު ވާހަކަދައްކައި ހީ ސަކަރާތް ޖަހާ އަޑުއިވެނެވެ. އެމީހުން ތިބީ އެތަނުގައި ހުރި ގަސްތަކުތެރޭގައެވެ. ވާހަކަތައް ހުރިގޮތުން އެއީ މިރަށު ބައެއްކަން ޔަގީނާއި ގާތަށް އެނގުނެވެ. ދެ މީހުން އެކަމަށް ސަމާލުކަން ދިނެވެ. އެމީހުނަށް ތަނެއްދޮރެއް ނޭނގޭނެހެން މަޑުމަޑުން ކައިރިއަށް ޖެހެލިއެވެ. އެމީހުން ކުރާކަމަކާއި އެތަނުގައި ތިބީ ކޮން ބައެއްކަން ޔަގީންކުރިއެވެ.

މުއާންމެން ކުރި އެއްވެސް ކަމެއްގެ ހިލަމެއް އެމީހުނަކަށް ނުވިއެވެ. އެމީހުންނަށް ތަނެއްދޮރެއް ވެސް އަންގާ ނުލައި، ބޭނުންވި މަޢުލޫމާތު ނަގައިގެން މުއާންމެން އެތަނުން ހިނގައްޖެއެވެ.

އާ ދުވަހަކަށް އިރުއެރުމާއިއެކު ރަށުތެރެއަށް ޚަބަރު ފެތުރިގެން ދިޔައީ ނަސްރީއަށް ޖިންނި އަންހެން ކުއްޖާ ފެނުނު ވާހަކައެވެ. އެކަމާއި ބިރުން އޭނާ އުޅުނު ވާހަކައެވެ. ރަނގަޅަށް ވާހަކަ ނުދެއްކޭ ވާހަކައާއި ހުންއައިސްފައި އޮތް ވާހަކައެވެ. އޭނާގެ ސިކުނޑިއަށް އަސަރުކޮށް މޮޔަގޮވާ ވާހަކައެވެ.

ރައްޔިތުންގެ ހިތުގައި އުފެދެމުންދިޔަ ނުތަނަވަސްކަމާއި ބިރުގަތުން އިތުރުވަމުން ދިޔައެވެ. އެކަމާއި އަޅާނުލައި ތިބޭތީ ރަށުގެ ވެރިންނާއި ޕޮލިހުންނަށް ލިބެމުންދިޔަ ޝަކުވާތަކަށް ނިމުމެއް ނައެވެ. ކޮންމެ ދުވަހަކު އެތައް ބަޔަކު އެ ޝަކުވާތަކާއި ގެން އަންނަމުން ދިޔައެވެ.

ފަރުސާނާއި މުއާން އެމީހުންގެ މަސައްކަތުގެ ނަތީޖާ ޕޮލިހުންނާއި ހިއްސާކުރިއެވެ. އެކަމާއިގެން ކުރިޔަށް ދެވިދާނެކަމަށް އެމީހުންނަށް ފެންނަ މަގުތަކާއި ޚިޔާލުތައް ހިއްސާކުރިއެވެ. އެކަމުގައި އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ އެހީތެރިވުމަށް ތިބިކަމަށް ބުންޏެވެ.

ހަފްތާއެއްހައި ދުވަސް ފަހެވެ. ޖިންނި އަންހެން ކުއްޖާ ފެނިގެން މޮޔަވި ނަސްރީ މިހާރު ރަނގަޅެވެ. މޮޔަ ގޮވުން ވެސް ހުއްޓާލައިފިއެވެ. ހުރިހާ ޝުކުރެއް އޮތީ މުދިންބެ އަށެވެ. އޭނާ ކިޔަވާފައި ބޯންދިން ފެނަށެވެ.

އަންގާރަވިލޭރޭގެ މެންދަމުގެ ވަގުތެވެ. ޕޮލިހުންނާއި ގުޅިގެން ފަރުސާން މެން ކުރަމުންދިޔަ މަސައްކަތާއިގެން އެ މީހުން އުޅެމުންދިޔައެވެ. ކާމިޔާބަށް ވާސިލުވެވޭނެ ކަމުގެ ޔަގީންކަން އެމީހުނަށް ބޮޑެވެ. އަދި ވަގުތު ނުޖެހެނީއެވެ.

ގަބުރުސްތާނަށް ވަދެގެން އައި އަންހެންކުއްޖާ އިށީނީ މަހާނައެއް ކައިރިއަށެވެ. ހެދުން ކޮށިކޮށްލަމުން ކޮންމެ ވެސް އެއްޗެއް ނެގިއެވެ. ހީވާގޮތުން އެއީ ވަޅުކޮށްނަ ކަހަލަ ކޮންމެވެސް ވަސީލަތެކެވެ.

ފަރުސާނު ކޮށްލި ސިގުނަލާއިއެކު ގަބުރުސްތާނުގެ އެކިދިމާއަށް އަލިތައް ދިއްލާލިއެވެ. އެ އަންހެންކުއްޖާއާ ދިމާއަށް އެއަލިތައް އަމާޒުވާން ހޭދަވީ ދެތިން ސިކުންތެވެ. ފުންމައިގެން ކަހަލަގޮތަކަށް އަންހެން ކުއްޖާ ތެދުވަމުން މޫނުމައްޗަށް އަތްތިލަ ހުރަސް ކޮށްލިއެވެ. ލިބުނު ސިހުމާއިއެކު އޭނާ ބިރުން ތެޅިގަތެވެ. ހާސްވެ ހަދާނެގޮތް ހުސްވިއެވެ.

އަންހެންކުއްޖާގެ މޫނު ފެނުމުން ބައެއް މީހުން ޖެހިލުންވިއެވެ. ބިރުގަނެ ކަންބޮޑުވިއެވެ.

ގަބުރުސްތާނުގެ ދޮރާއި ދިމާއަށް އަންހެންކުއްޖާ ދުއްވައިގަތީ ކުއްލިއަކަށެވެ. އޭނާގެ ފަހަތުން ފަރުސާނު މެން ވެސް ދުއްވައިގަތެވެ. އަންހެންކުއްޖާގެ މޫނުކައިރިން ފާޅުވި ދިލަކަންޏާއިއެކު ބޮޑު ހުޅުގަނޑެއް ފެޅިއެވެ.

ފެނުނު މަންޒަރުން ބައެއް މީހުން ހުއްޓުން އެރިއެވެ. އެއީ އިންސާނެއް ނޫންކަމާއި އޭނާގެ ފަހަތުން ދިއުން ރަނގަޅު ނުވާނެކަމަށް އެމީހުން ބުންޏެވެ. ނުރައްކަލެއް ދިމާވުމުގެ ކުރިން ސަލާމަތް ހޯދުން ބުއްދިވެރިކަމުގައި އެމީހުނަށް ވިސްނުނެވެ.

ދުވެފައި ގޮސް ގަބުރުސްތާނުން ނުކުތް އަންހެން ކުއްޖާއަށް ޕޮލިސްޖިޕް ފެނުނުއިރު، އޭގެން ސަލާމަތްވާން ވަގުތެއް ނުލިބުނެވެ. އެދިޔަ ބާރުމިނުގައި އޭނާ ލައިގަތީ ޕޮލިސްޖިޕުގައެވެ.

ޖިންނި އަންހެންކުއްޖާގެ ޢަމަލުތައް ހުރިގޮތުން އެންމެނަށް ވެސް ލިބުނީ ހައިރާންކަމެވެ. ފަރުސާން ދެއްކި ވާހަކަތައް ގަބޫލުކުރެވުނެވެ. ކުރިން ބިރުން އުޅުނު މީހުން ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅޭގޮތް ވިއެވެ.

ކުރިއްސުރެ އެކަމަށް ތައްޔާރުވެގެން ތިބި ޕޮލިހުން އެއަންހެންކުއްޖާ ހިފެހެއްޓިއެވެ. އޭނާ ހަދަމުންދިޔަ ގަދަ ހެދުމަށް އެއްވެސް ފުރުސަތެއް ނުދިނެވެ. އޭނާ އަޅައިގެން ހުރި މާސްކު ނައްޓުވާލިއެވެ. ހެދުމުގެ ތެރޭއަށް ލައިގެން އުޅުނު ކުޑަ ފަކީރާއާއި ސެލްޓަކުސްފުޅި އަތުލިއެވެ.

އަންހެނަކަށް ހެދިގެން ގަބުރުސްތާނަށް ވަންނަމުން މީހުން ބިރުގަންނަވަމުންދިޔަ މީހަކީ އަޖުމަލް އެވެ. އޭނާއަކީ މަސްތުވާތަކެތީގެ ބޮޑެކެވެ. މަސްތުވާތަކެތި ބޭނުން ކުރުމާއި ވިޔަފާރި ކުރުމުގެ ރިކޯޑް އޮވެއެވެ. އެތައް ފަހަރު ހައްޔަރު ކޮށްފި އެވެ. ދުވަހަކު ވެސް ކުށް ސާބިތުވާ ކަމަކަށް ނުވެއެވެ. އަބަދުވެސް ކުރެވެނީ ޝައްކެވެ. ނިމެނީ ހީއަކުންނެވެ.

އެންމެފަހުން ހައްޔުކޮށްފައި ދޫކޮށްލިފަހުން އަދި ވާނީ ދެމަހެއްހާ ދުވަހެވެ.

ގޮތް ހުސްވުމުން އަޖުމަލް އަމާން ދިނެވެ. އޭނާ ގަބުރުސްތާނުން ނަގަނީ މިނިކަށްޓެވެ. ބައެއް ފަހަރު މަސްތުވާތަކެތި ރައްކާކުރަން ވެސް ގަބުރުސްތާނު ބޭނުން ކުރެއެވެ. އެކަމުގައި އޭނާއާ ބައިވެރިވާ ގުރޫޕެއް އެރަށުގައި އޮވެއެވެ. އެމީހުންގެ ފަރާތުން އޭނާ ބޭނުންވާ ވަރަށް ފައިސާ ލިބެއެވެ. އޭނާގެ އަސްލު މަސައްކަތަކީ މުދާ އެތެރެ ކުރުމާއި ރައްކާކޮށް ބެލެހެއްޓުމެވެ.

ޕޮލިހުން އެމީހުންގެ މަސައްކަތް ކާމިޔާބު ކުރިއެވެ. އެކަމާއި ގުޅުންހުރި ތަކެއްޗާއި މީހުން އަތުލައިގަތެވެ. އެ މީހުންގެ މަސައްކަތް ފުރިހަމަކޮށް ހަވާލުކުރަންޖެހޭ ފަރާތްތަކާއި ހަވާލު ވެސް ކުރިއެވެ.

ގޮއިވަލު މަގުކޮޅުންނާއި ގަބުރުސްތާނު ކައިރިން ފެންނަމުންދިޔަ ޖިންނި އަންހެންކުއްޖާގެ ޙަޤީޤަތް ފަޅާއެރިއެވެ. ސިއްރުތައް ބޭޒާރުވިއެވެ. ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ރުޅިއައިސް ރަތްވިއެވެ. މިހާރުން މިހާރަށް އެމީހުނަށް ހަރުކަށި އަދަބުދިނުމަށާއި އެމީހުންގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވި ނަފްސާނީ ގެއްލުމުގެ ބަދަލު ހޯދުމަށް ވެސް ބައެއް މީހުން ބުނަމުން ދިޔައެވެ.

ގޮއިވަލު މަގުކޮޅުން ފެންނަމުންދިޔަ އަންހެންކުއްޖާގެ ޙަޤީޤަތް އެނގުމުން ހިނިއައި މީހުން ވެސް މަދެއް ނޫނެވެ.
ނިމުނީ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް