އެމްއެސްޕީއޭ އިން އެންސީއޭ ގުޅިގެން އަންނަ މެއި މަހު ބާއްވާ އެކްޓިންގ ވޯރކްޝޮޕުން އެންމެ ފާހަގަކޮށްލެވޭ ހުނަރުވެރި ބައިވެރިއަކަށް އިންޑިއާގެ ފިލްމު އެކެޑަމީއަކުން ޑިޕްލޮމާ ލެވެލްގެ ސެޓްފިކެޓް ކޯހެއް ދިނުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް ސޮސައިޓީ ފޮރ ޕާފޯމިންގް އާޓްސް (އެމް.އެސް.ޕީ.އޭ) އިން މިއަދު ބުނެފި އެވެ.

އެމްއެސްޕީއޭ އިން އެންސީއޭއާ ގުޅިގެން ބާއްވާ އެކްޓިންގް ފޮރ ފިލްމް އެންޑް ތިއޭޓަރ ވޯކްޝޮޕް އޮންނާނީ މެއި މަހުގެ 12 އިން ޖޫން 06ގެ ނިޔަލަށެވެ.

މިއީ ފިލްމީދާއިރާގައި، ޚާއްސަކޮށް ކެމެރާގެ ކުރިމަތީގައި މަސައްކަތްކުރާނެ އެކްޓަރުން އުފެއްދުމާއި އަދި މިހާރުވެސް އެކްޓިންގެ ދާއިރާއަށް އަލަށް ނުކުމެ އުޅޭ ފަރާތްތަކަށް ފުރިހަމަ ތަމްރީނު ލިއްބައިދުނުމުގެ މަޤުސަދުގައި އެމް.އެސް.ޕީ.އޭގެ ފަރާތުން ބާއްވާ ވޯރކް ޝޮޕެކެވެ.

އެކްޓިންގް ފޮރ ފިލްމް އެންޑް ތިއޭޓަރ ވޯރކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލީ މިދިޔަ މާރިޗް މަހުގެ 17 ގައެވެ. މި ވޯކްޝޮޕްގައި ބައިވެރިވުމުގެ އެންމެ ފަހު މުއްދަތަކީ މި މަހު 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

ހަމަ އެންމެ 25 ޖާގަ ހިމެނޭ މި ވޯކްޝޮޕްގެ ބައިވެރިންގެ އަތުން ނަގާނެ ހަމައެކަނި ފީއަކީ -/500 ރުފިޔާ އެވެ.

އެކްޓިންގް ފޮރ ފިލްމް އެންޑް ތިއޭޓަރ ވޯރކްޝޮޕްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފުރިހަމަ ނަމާއި އެޑްރެސް، އައި.ޑީ ކާޑް ނަމްބަރ އަދި ގުޅޭނެ ނަންބަރު ޖަހާފައި 7727264 އަށް ވައިބަރ ނުވަތަ ވަޓްސްއަޕް ކޮށްލުމުން ރެޖިސްޓްރީކޮށްލެވޭނެ އެވެ.

ރާއްޖޭގައި އެކްޓިން އަދި ޓީވީ ޝޯވ ހޯސްޓިންއަށް ނުކުންނަ ފަރާތްތަކުން މިފަދަ ފުރުޞަތުތައް ލިބޭ މިންވަރު މަދުކަމަށް ފާހަގަކުރަމުން އަންނަ އިރު، އެމްއެސްޕީއޭއިން ހުޅުވާލާފައިވާ މި ފުރުޞަތަކީ ޓީވީ، އަދި އޯއެސްޓީތަކުގެ އިތުރުން ޓިކްޓޮކް އެކްޓިންގައި ހަރަކާތްތެރިވަމުން އަންނަ ފަރާތްތަކުގެ ހުނަރު ތަރައްޤީކުރުމަށް ލިބިގެންދާނެ ރަނުގެ ފުރުޞަތެއްކަން ފާހަގަކޮށްލެވެ އެވެ.

އެމްއެސްޕީއޭގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން އަދި މުނިއަވަސް ކްލަބްހައުސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.